ކުރިމަތިލުމުގެ މުއްދަތުގެ ކުރިން ޔާމީންގެ ޝަރީއަތްތައް ނިންމަން އެދިފައިވާނެ: ޕީޖީ

ކުރިމަތިލުމުގެ މުއްދަތުގެ ކުރިން ޔާމީންގެ ޝަރީއަތްތައް ނިންމަން އެދިފައިވާނެ: ޕީޖީ

Author
މުޙައްމަދު ޝަޒައިމް
23 ޖޫން 2023 01:45
0

ކުރީގެ ރައީސް ޔާމީނާއި ދެކޮޅަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާ ކުރާ މައްސަލަ އާއި އަދި މިހާރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފައި އޮތް 11 އަހަރުގެ ޖަލު ހުކުމުގެ މައްސަލަ ރިޔާސީ އިންތިޚާބުގައި ކެނޑިޑޭޓުންނަށް ކުރިމަތިލުމަށް އޮތްނަ މުއްދަތުގެ ކުރިން ނިންމަން ކޯޓުގައިވެސް އެދިފައިވާނެކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

"ރާއްޖެ ޓީވީ" ގެ ޕްރޮގުރާމެއްގައި ރޭ ވާހަކަދައްކަވަމުން ޝަމީމް ވިދާޅުވީ އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓުން ކުރިމަތިލާން އޮންނަ މުއްދަތު ހަމަވުމުގެ ކުރިން ރައީސް ޔާމީންގެ މައްސަލަތައް ނިންމައި ދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ ހައިސިއްޔަތުން އޭނާ އެދިފައިވާ ކަމަށެވެ.

އަޅުގަނޑުމެން އުއްމީދު ކުރަނީ އެދުވަހަށް (03 ސެޕްޓެމްބަރުގެ ކުރިއަށް) ނިންމޭނެ ކަމަށް. ދެމައްސަލަ ވެސް ނިންމޭނެ ކަމަށް އުއްމީދު ކުރަނީ. ކޯޓުގައި ވެސް އަޅުގަނޑުމެން މިދަންނަވަނީ މިވާހަކަ އެބޭފުޅުން އެބަދައްކަވައޭ. އެހެންވީމަ ކޯޓުން ވެސް މަސައްކަތް ކޮށްދެއްވާށޭ އެދުވަހަށް ނިންމަވައި ދެއްވަން. އަޅުގަނޑު އުއްމީދު ކުރަނީ އެހައި ތަނަށް ކޮންމެވެސް ހުކުމަކާއި ހަމައަށް އެދެމައްސަލަގަ ވެސް ދެވިދާނެ ކަމަށް.

– ޝަމީމް ވިދާޅުވިއެވެ.

ޔާމީންގެ މައްސަލަ ކްރިމިނަލް ކޯޓުގައި ފުލުފުލުގައި ތާވަލް ކުރަމުން ގެންދާތީ އެކަމާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ ޕީޕީއެމްގެ ލީޑާޝިޕްގެ ބޭފުޅުން ވެސް ބޭނުންވަނީ ވީހާވެސް އަވަހަށް މައްސަލަތައް ނިންމަން ކަމަށް އޭނާ އަރިހުގައި ވިދާޅުވި ކަމަށެވެ.

އަދި ރާއްޖެ އިން ބޭރުގެ ފަރާތްތަކުން ވެސް ރިޔާސީ ކެންޑިޑޭޓް ވުމުން ވީހާވެސް އަވަހަކަށް ރައީސް ޔާމީންގެ މައްސަލަ ނިންމަން ބާރު އަޅުއްވަމުން ގެންދަވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

އަވަހަށް މައްސަލަ ނިންމަން އަޅުގަނޑުމެން ވެސް އެދިފައި އޮންނާނީ. ނަމަވެސް އޭގެ މާނައެއް ނޫން 24 ގަޑިއިރު ޝަރީއަތް ކުރާށެކޭ. ދިފާއީ ވަކީލުން ވެސް އެއްބަސްވެގެން ޝަރީއަތްތައް ކުރިއަށް ގެންދަން ތާވަލް ކުރަނީ. އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދަނީ އަޅުގަނޑުމެން ފަރާތުން ޝަރީއަތް ލަސްވިޔަ ނުދިނުމަށް.

– ޝަމީމް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ސަޕޯޓަރުންނާއި އިދިކޮޅު ލީޑަރޝިޕުން ވެސް ތުހުމަތުކުރާ ގޮތުގައި ސަރުކާރުން ދަނީ ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވައި އިސްތިއުނާފުގެ މައްސަލަ ލަސްކުރަމުންނެވެ. އަދި ކްރިމިނަލް ކޯޓުގައި އޮތް ރ. ފުއްގިރި މައްސަލައިގެ އަޑުއެހުންތައް ފުލުފުލުގައި ތާވަލްކޮށް، އިންތިހާބުގެ ކުރިން ރައީސް ޔާމީންގެ މައްޗަށް އިތުރު ހުކުމެއް ކުރަން ސަރުކާރުން މަސައްކަތް ކުރާ ކަމަށް ވެސް އިދިކޮޅުން ތުހުމަތު ކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ދ ދިވެހި މުސްކުޅިން
ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމެއް އިސްތިއޫނާފީ ހުކުމަކުންވެސް ޔާމީނަށް އިންތިޚާބު ވާދަކުރުމަށް ފުރުސަތެއް ނުލިބޭނެ