އިނގިރޭސި ލީގުގައި މާދަމާރޭ އެސްޓަން ވިލާ އާއި ނިއުކާސަލް ޔުނައިޓެޑް ބައްދަލުކުރަން ހަމަޖެހިފައި އޮތް މެޗު ފަސްކޮށްފިއެވެ.
މާދަމާރޭ ކުޅެން އޮތް މެޗު ފަސްކުރުމާ ގުޅިގެން ވިލާއިން ނެރުނު ބަޔާނެއްގައި ބުނީ އެ ނިންމުމަށް އެ ޓީމުން ފުރިހަމަ އެއްބާރުލުންދޭނެ ކަމަށެވެ. އަދި ކޯވިޑް-19 އަށް ޕޮޒިޓިވްވި ނިއުކާސަލުގެ އެންމެނަށް ވިލާއިން ވަނީ އަވަސް ޝިފާއަކަށް އެދެފައެވެ.
ވިލާގެ ދަނޑުގައި ކުޅެން އޮތް މި މެޗު ފަސްކުރުމަށް ޕްރިމިއާ ލީގުން ނިންމީ ނިއުކާސަލްގެ ފަސް ކުޅުންތެރިއަކާއި އެ ޓީމުގެ ދެ އޮފިޝަލަކު ކޯވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. ނިއުކާސަލުގެ ފަސް ކުޅުންތެރިއަކު ވައިރަހަށް ޕޮޒިޓިވްވުމާ ގުޅިގެން އެ ޓީމު ތަމްރީނުކުރުމަށް ބޭނުންކުރާ ދަނޑު ވަނީ މިދިޔަ ހޯމަ ދުވަހާއި އަންގާރަ ދުވަހު ބަންދުކޮށްފައެވެ. އެހެންކަމުން ވިލާއާ ދެކޮޅަށް ކުޅެން އޮތް މެޗު ފަސްކުރުމަށް ނިއުކާސަލުން އެދުމާ ގުޅިގެން ޕްރިމިއާ ލީގުން ވަނީ މެޗު ފަސްކޮށްދީފައެވެ.
މި މެޗު ދެން ކުޅޭނެ ތާރީޚެއް އަދި ޕްރިމިއާ ލީގުން އިއުލާންކޮށްފައެއް ނުވެއެވެ. މިއީ ކޯވިޑް-19 އާ ގުޅިގެން މި ސީޒަނުގެ ޕްރިމިއާ ލީގުގައި ފަސްކުރި ފުރަތަމަ މެޗެވެ. މި ހަފުތާގައި ނިއުކާސަލުން ކުޅެން އޮތް މެޗު ފަސްކުރިއިރު، އެ ޓީމުން ދެން ލީގުގައި މެޗެއް ކުޅޭނީ މި މަހުގެ 12 ވަނަ ދުވަހުއެވެ. އެ ދުވަހު އަމިއްލަ ދަނޑުގައި ނިއުކާސަލް ނުކުންނާނީ ވެސްޓް ބްރޮމާ ދެކޮޅަށެވެ.
ކޮމެންޓު ފޮނުވާ