އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް އަދި ބޮޑުބޭބޭފުޅު ރައީސް ޔާމީނާއި، ޕީޕީއެމްގެ ނައިބް ރައީސް މުހައްމަދު ޣައްސާން މައުމޫން ޖަލަށް ވަޑައިގެން ބައްދަލު ކުރައްވައިފިއެވެ.
ކަރެކްޝަންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޣައްސާން ރައީސް ޔާމީނާއި ބައްދަލު ކުރައްވާފައިވަނީ ޢާއިލީ ބައްދަލުވުމެއްގެ ފުރުސަތު ހޯއްދަވައިގެން ކަމަށެވެ. މިބައްދަލުވުން ބާއްވާފައިވަނީ މީގެ ދެ ހަފްތާ ކުރިންކަމަށް އޭނާ ވިދާޅުވިއެވެ.
މިބައްދަލުވުމާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ޣައްސާންވެސް އަދި ޕީޕީއެމްއިން ވެސް ހިއްސާކޮށްފައި ނުވެއެވެ. ރައީސް ޔާމީންގެ ވެރިކަމުގައިވެސް އެމަނިކުފާނާއިއެކު މަސައްކަތް ކުރެއްވި ޣައްސާނަކީ ޕީޕީއެމްގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާ ބޭފުޅެއްކަމަށް އަޑުތައް ވަނީ ފެތުރިފައެވެ.
ނަމަވެސް މިވާހަތަކާއި ގުޅިގެން ޣައްސާން ވަނީ އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެފަދަ އެއްވެސް ޝައުގުވެރިކަމެއް ނެތްކަަމަށް ވިދާޅުވެފައެވެ. އަދި އޭނާ ހުންނެވީ ރައީސް ޔާމީނާއިއެކު ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިޚާބު ކޮށްދެއްވުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމަށް ތައްޔާރަށް ޣައްސާން ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބަށް ތިން މަހަށް ވެފައިވާއިރު، ޕީޕީއެމްގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓެއްގެ ގޮތުގައި ކަނޑައަޅާފައިވާ ރައީސް ޔާމީންއަށް އިއްވާފައިވާ ހުކުމުން ސަލާމަތްވުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އިދިކޮޅު ކޯލިޝަނުން ގަބޫލު ކުރާ ގޮތުގައި މިއިންތިޚާބުގައި ރައީސް ޔާމީން ވާދަކޮށް އިންތިޚާބު ކާމިޔާބު ކުރައްވާނެއެވެ.