ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމުގައި ހުންނެވި، އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުމާއި ގުޅިގެން، މައްސަލައިގެ ނޯޓިސްގައި ދީފައިވާ 14 ދުވަހުގެ މުއްދަތު ހަމަވާ ދުވަސް ކަމަށްވާ، މިމަހުގެ 26 ވަނަ ދުވަހު، މ. މުރައިދޫގެއިން ގ. ބޭރުވެލި ގެއަށް ބަދަލުވާނެކަން ނަޝީދު ރައްޔިތުންގެ މަޖިލިހުގެ އަމީންއާންމު ފާތިމަތު ނިއުޝާއަށް އަންގަވައިފިއެވެ.
އަމީންއާންމަށް އެޑްރެސް ކުރައްވާ، ނަޝީދުގެ ޗީފް އެގްޒަކަޓިވް އަހުމަދު މައުސޫމް ނިއުޝާއަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، މިމަހުގެ 26 ވަނަ ދުވަހު މުރައިދޫގެ ނަޝީދު ދޫކުރައްވާނެކަން އަމީންއާންމަށް ދަންނަވަން ނަޝީދު އެދިވަޑައިގެންފައިވާކަމުގައެވެ.
އަދި މިކަމާއި ގުޅިގެން އަންގަވަންޖެހޭ ދައުލަތުގެ ފަރާތްޕުޅުތަކަށް ވެސް އަންގަވައި ދެއްވުމަށް ދަންނަވަންވެސް ވިދާޅުވިއެވެ.
އަހުމަދު މައުސޫމު މަޖިލިސް އަމީންއާންމަށް އެޑްރެސް ކުރައްވާ ފޮނުއްވި ސިޓީގައި އެދިވަޑައިގެންނެވިއެވެ.
ނަޝީދުގެ ދިރިއުޅުއްވުން މުރައިދޫގެއަށް ބަދަލު ކުރެއްވީ 2021 ވަނަ އަހަރުގެ މޭމަހު ދެވުނު ހަމަލާއަށްފަހު ސަލާމަތީ ސަބަބުތަކަށްޓަކާ މަޖިލިސް ރައީސް ހުންނަވާނެ ވަކި ގެއެއް ބޭނުންވާނެކަމަށް ސަލާމަތީ ފަރާތްތަކުން ލަފާ ދެއްވުމާއި ގުޅިގެންނެވެ.
ނަޝީދު މުރައިދޫގެއިން މިމަހުގެ 26 ވަނަ ދުވަހު ނިކުންނަވާނެކަމަށް ވިދާޅުވި ނަމަވެސް، ކުރިން ދައްކަވަމުން ގެންދެވި އުޒުރުތަކަށްވުރެ މަތީ މަސްލަހަތެއް ހިމާޔަތް ކުރައްވަން ޖެހިއްޖެކަމަށް ވިދާޅުވެ މިއަދު އަނެއްކާވެސް ވަނީ މަޖިލިހުގެ ރިޔާސަތަށް ވަޑައިގެންނެވެ.
އަދި ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލިސް ހުއްޓިފައި އޮތުމަކީ ރައްޔިތުންގެ ކަންބޮޑުވުން އޮތް ކަމަށާއި، އެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދެވުމަށް، ރިޔާސަތު ބަލަހައްޓަވަމުން އައި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ރައީސް ސޯލިހާއި ކުރެއްވި މަޝްވަރާތަކުން އެއްވެސް ހައްލެއް ނުހޯއްދެވުނުކަމަށެވެ.
އެހެންނަމަވެސް، އިތުބާރު ނެތްކަމުގެ މައްސަލަ 50 މެމްބަރުންގެ ސޮޔާއެކު މަޖިލިހަށް ހުށަހެޅުއްމަށްފަހު ނަޝީދު ވިދާޅުވެފައިވަނީ، އެންމެ ޑިމޮކްރަޓިކް އުސޫލަކީ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް ފޮނުވުމާއެކު މަޖިލިސް ރިޔާސަތުން ދުރަށް ވަޑައިގަތުން ކަމުގައެވެ.
ނަޝީދު އިއްޔެވަނީ އެމްޑީޕީން ވަކިވެވަޑައިގެންފައެވެ.
ކޮމެންޓު ފޮނުވާ