މިއަދަކީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް ފަހި އަދި ހުރިހާ ގޮތަކުންވެސް ބޮޑު ކުރިއެރުމެއް ލިބިގެން ގޮސްފައިވާ ދުވަހެއް ކަމުގައި ދީނީ އިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޒައިދު މިހެން ވިދާޅުވީ އެމްޑީޕީގެ ރައީސްކަމުގެ މަގާމުންނާއި އެ ޕާޓީގެ މެމްބަރުކަމުގެ މަޤާމުން ރައީސް މުޙައްމަދު ނަޝީދު އިސްތިޢުފާ ދެއްވުމާއި ގުޅިގެން އެކަމަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޓުވީޓުގައެވެ.
ޝައިޚު ޒައިދު ވިދާޅުވީ ރައީސް ނަޝީދު އިސްތިއުފާ ދެއްވުމަކީ ހުރިހާ ގޮތަކުންވެސް އެމްޑީޕީއަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މިއަކީ އެމްޑީޕީއަށް ފަހި ދުވަހެއް ކަަމަށްވެސް ޒައިދު ވިދާޅުވިއެވެ.
މިއަދަކީ އެމް.ޑީ.ޕީ އަށް ފަހި ދުވަހެެއް! އަދި ބޮޑު ކުރިއެރުމެއް ލިބުނު ދުވަހެއްވެސް މެ! މަރްހަބާ!
– ޒައިދު ވިދާޅުވިއެވެ.
އެމްޑީޕީގެ އުފެއްދެވުމުގައި އިސް ދައުރެއް އަދާކުރެއްވި ރައީސް ނަޝީދު އެމްޑީޕީގެ އެމްނަބަރުކަމާއި އެމްޑީޕީގެ ރައީސްކަމުގެ މަޤާމުން އިސްތިޢުފާ ދެއްވާފައިވަނީ އެމްޑީޕީގެ ލީޑަރޝިޕްގެ ތެރޭގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތަކާއެކު އެމްޑީޕީގެ މެމްބަރުންތަކެއް ވަކިވެ، އައު ޕާޓީއެއް އުފެއްދުމަށް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައެވެ.
އެމްޑީޕީން ވަކިވެވަޑައިގެންނެވިކަން ހާމަކުރައްވައި، އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލަށް ރައީސް ނަޝީދު ފޮނުއްވި ސިޓީފުޅުގައި ވިދާޅުވީ ރާއްޖޭގެ ކަންކަން މިހާރު ހިނގަމުންދާ ގޮތަށް ބަލާއިރު އެމަނިކުފާނު އެމްޑީޕީގައި ހުންނެވުން "އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
އެމްޑީޕީގެ އުފެއްދުމުގައި އިސް ދައުރެއް އަދާކުރެއްވި ރައީސް ނަޝީދު ވަނީ އެ ޕާޓީގެ ޗެއަރޕަސަންގެ މަޤާމުވެސް އަދާކުރައްވައިފައެވެ. އަދި ގިނަ ޕާޓީތަކެއް ވާދަކޮށްގެން ރާއްޖޭގައި ބޭއްވި ފުރަތަމަ ރިޔާސީ އިންތިޙާބު އެމްޑީޕީއަށް ކާމިޔާބުކޮށްދެއްވީ އެމަނިކުފާނު ރިޔާސީ ކެނޑިޑޭޓަކަށް ހުންނަވައިގެނެވެ.
One Response
ދީނީ ޢިލްމު ވެރިން ތިބެން ޖެހޭނީ ސިޔާސީ ކޯޅުން ކޯޅޭކަށެއް ނޫޫން. ހީޔެއް ނުވޭ ދީނީ ޢިލްމު ކިޔަވައި ގެން ހުރިހެނެއް .ޝުކުރިއްޔާ