ރައްޔިތުންގެ މަޖިލީހުގައި ސިޔާސީ ޕާޓީތައް ތަމްސީލުކުރާ މެމްބަރުންގެ އަދަދަށް އައި ބަދަލާއި ގުޅިގެން ހުއްޓިފައި އޮތް ކޮމިޓީތަކުގެ މަސައްކަތް އަލުން ފެށުމަށް ގަސްތުކޮށް ކޮމިޓީތަކުގައި މެމްބަރުން ނިސްބަތްވާނެ މިންވަރު ކަނޑައެޅުމަށް ބަހުސް ކުރުމަށް މާދަމާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަން އެޖެންޑާ ކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު ނިމެން 10 ވަރަކަށް ދުވަހަށް ވެފައި ވަނިކޮށް، މަޖިލީހުގެ މަސައްކަތް މުޅިން ހުއްޓުނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބުރައީސް އީވާ ވަކިކުރުމުގެ މައްސަލަ އެމްޑީޕީން ހުށަހެޅުމާ ގުޅިގެން ނަޝީދު ނިންމެވި ނިންމެވުމެއްގެ ސަބަބުންނެވެ.
ނަޝީދު މަޖިލިސް ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުވެރިވުމަށްފަހު މަޖިލިސް ޖަލްސާގެ ރިޔާސަތު ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ބަލަހައްޓަވަމުން ގެންދަވަނީ މަޖިލިސް ގަވައިދުގެ ދަށުން ރިޔާސަތު ބެލެހެއްޓުން ނަޝީދު އޭނާ އާއި ހަވާލު ކޮށްފައި އޮތުމުންނެވެ. ނަމަވެސް ގަވައިދުގައި ބުނެފައިވާ ގޮތުގައި އެގޮތައް ރިޔާސަތާއި ހަވާލުވާ މެންބަރަކަށް ރިޔާސަތުގައި އިންނެވޭނީ ޖެހިޖެހިގެން ތިން ޖަލްސާ ގައެވެ. އަފީފް ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓާތާ ޖެހިޖެހިގެން ތިން ދުވަސް ވަނީ ވެފައެވެ.
އޭގެ ފަހުން މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނެ ބޭފުޅަކު ނަޝީދު ކަނޑަައަޅުއްވާފައިނުވުމުން އިއްޔެ އާއި މިއަދުވެސް މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ގެންދެވިފައެއް ނުވެއެވެ.
މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން ދެން ނަޝީދަށް ހަވާލު ކުރެވޭނެ މެންބަރުންގެ ގޮތުގައި ތިއްބެވީ އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް އާއި މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމްގެ އިތުރުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް އަދި ގާސިމް އިބްރާހިމް އެވެ. އޭގެތެރެއިން އަސްލަމް، ސިޔާމް އަދި ޝަރީފް އަކީ ސަރުކާރަށް ތާއިދުކުރާ ފަރާތްތައް ކަމަށް ވާތީ އެއިން ބޭފުޅަކާއި މަޖިލީހުގެ ރިޔާސަތު ހަވާލު ކުރަން ނަޝީދު ބޭނުމެއް ނުވެއެވެ.
މާދަމާ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމާ އެޖެންޑާ ނެރެފައިވާއިރު، އެޖެންޑާގައިވާގޮތުން މާދަމާ އޮތީ މަޖިލީހުގެ ދާއިމީ ކޮމެޓީތަުގައި ސިޔާސީ ޕާޓީތަކާއި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ތަމްސީލުކުރައްވާނެ ނިސްބަތަށް ގެނެވޭ ބަދަލާއި ބަހުސް ކުރުމެވެ. އެ ބަހުސަށް ފަހު މަޖިލީހުގެ ދާއިމީ ކޮމެޓީތަކުގައި މެންބަރުން ހިމެނިވަޑައިގަންނަވާނެ ގޮތަށް އިސްލާހު ހުށަހަޅުއްވުމަށް މެންބަރުންނަށް މުއްދަތެއް ދޭނެއެވެ.
މަޖިލީހުގައި އެޅުވިފައިވާ މަރުތަޅު ނެއްޓުމަށް ނަޝީދު ހުށަހެޅުއްވި ހައްލަކީ އިތުބާރުގެ މައްސަލަތަކުގެ ތެރެއިން އެއް މައްސަލައެއް ނެގުމެވެ. އެއަށްފަހު އަނެއް މައްސަލަ ކުރިއަށްގެންގޮސް ގޮތެއް ނިންމައިގެން މެނުވީ މަޖިލީހުގެ މަސައްކަތްތައް ކުރިއަށްނުގެންދެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މާދަމާގެ ޖަލްސާއަށް ފަހު މަޖިލީސް ޗުއްޓިއަށް ދާނެވެ. ނަމަވެސް މެންބަރުން ބޭނުންވާނަމަ މަޖިލީހުން ޗުއްޓީއަށް ދިއުން ލަސްކުރެވިދާނެއެވެ.