އެއް އާއިލާއަކަށް މަޖިލީހުގެ ރިޔާސަތު ދިނުމަކީ ހެދުނު ގޯހެއް: އަސްލަމް

އެއް އާއިލާއަކަށް މަޖިލީހުގެ ރިޔާސަތު ދިނުމަކީ ހެދުނު ގޯހެއް: އަސްލަމް

ގުޅުންހުރި

އެއް އާއިލާއަކަށް ނިސްބަތްވާ ދެ ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ދިނުމަކީ ހެދުނު ގޯހެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ މިހާރު މަޖިލިސް ހުއްޓުވާފައިވާ ބާއްވާ އެންމެބޮޑު ސަބަބަކީވެސް އާއިލީ މަސްލަހަތު ހިމާޔަތް ކުރުމުގެ ބޭނުމުގައި ކަމަށެވެ. އަސްލަމް ވިދާޅުވީ މަޖިލީހުގެ ރައީސާއި ނާއިބު ރައީސް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމުން ރެކުމަކީ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތުން ކަމަށާއި، މިކަމާ ގުޅޭގޮތުން އިމްތިޔާޒުގެ މައްސަލައެއް ހުށަހަޅުއްވާނެކަމަށެވެ.

އަސްލަމް ވިދާޅުވީ އާއިލީ ބޭފުޅަކާއި ދެކޮޅަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅުމުން މަޖިލީހުގެ ރިޔާސަތުން އަދާކުރައްވަންޖެހޭ މަސްއޫލިއްޔަތުން ދުރަށް ވަޑައިގެންނެވުމަކީ ޤަބޫލުކުރެވޭކަމެއް ނޫންކަމަށެވެ.

އަދި އެއީ ޤަވާއިދު ތަންދޭ ކަމެއްވެސް ނޫންކަމަށެވެ. އަދި އާއިލީ ބޭފުޅުންގެ މައްސަލަ ކުރިއަށްދާއިރު މަޖިލީހުގެ ރިޔާސަތުން އަދާކުރައްވަންޖެހޭ މަސްއޫލިއްުޔަތު އަދާނުކުރެވޭނަމަ އެކަމާއި މެދު ވިސްނާފައި، ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށާއި އެއް ގެއެއްގެ ބަޔަކަށް މަޖިލީހުގެ ރައީސާއި ނާއިބު ރައީސްގެ މަޤާމު ނުލިބޭ ގޮތަކަށް ޤާނޫނުތައް ބަދަލުކުރަންޖެހޭކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، މަޖިލީހުގެ ރައީސްއާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއްވަގުތެއްގައި މަޖިލީހަށް ހުށައަޅާފައި ވީނަމަވެސް، ރިޔާސަތު ބަލެހެއްޓެވުމަށް ޤާނޫނީ ހުރަހެއް ނެތްކަމަށެވެ. އެގޮތުން މަޖިލީހުގެ ރައީސްއާއި ނާއިބު ރައީސްއަށް މަޖިލީހުގެ ރިޔާސަތު ބެލެއްޓެވުމަށް އުޒުވެރިވެވަޑައިގަންނަވާނަމަ، މަޖިލީހުގެ ރައީސް ކަނޑައަޅުއްވާ ފަސް މެންބަރުންނަށް ރިޔާސަތު ބެލެއްޓެވޭނެކަން މަޖިލީހުގެ ޤަވާއިދުގައި ކަނޑައަޅަފައިވާކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވޭނެ ގޮތެއް ނެތްކަމަށް ވިދާޅުވެ މަޖިލިސް ހުއްޓުވޭނެ ޖާގައެއް މަޖިލީހުގެ ރައީސްއަށް ލިބިވަޑައިގެންފައި ނުވާނެކަމަށެވެ. އަދި މަޖިލީހުގެ ޖަލްސާތައް ނުބައްވާ އޮތުމަކީ މަޖިލީހުގެ ރައީސް ޤާނޫނީ ޒިންމާ އަދާ ނުކުރެއްވުންކަމަށް އަސްލަމް ސިފަކުރެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ