އުމުރުން 26 އަހަރުގެ ޗައިނާ ފަތުރުވެރިޔަކު ރޭޕް ކުރިކަމަށް ބުނެ ފުލުހަށް ހުށަހެޅިފައިވާ މައްސަލައިގައި އެއްބާރުލުން ދެމުން އަންނަ ކަމަށް ރިޓްސް ކާލްޓަން ރިސޯޓުން ބުނެފިއެވެ.
ކ. އަތޮޅުގައި އޮންނަ އެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރިއަކު ރޭޕް ކުރި މައްސަލައެއް ޖޫން ހަ ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅިއެވެ. މި މައްސަލައިގެ ތަހުގީގަށް ބޭނުންވާ ސުންކު (ސާމްޕަލް) ނަގައި ސުވާލު ކުރަން ޖެހޭ މީހުންނާ ސުވާލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ޖޫން 18 ވަނަ ދުވަހު ބުނެފައެވެ. މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
ރޭޕްގެ ޝިކާރައަކަށްވި ކަމަށް ބުނާ އުމުރުން 26 އަހަރުގެ ޗައިނާ ފަތުރުވެރިޔާ މީސް މީޑިއާގައި ބުނީ އޭނާ ރާއްޖެ އައީ މި މަހުގެ ހަ ވަނަ ދުވަހު ޑައިވް ގުރޫޕަކާ އެކުގައި ކަމަށެވެ. އަދި ރާއްޖެ އައި ދަތުރުގައި ރިޓްޒް ކާލްޓަން މޯލްޑިވްސް ފަރި އައިލަންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރަން ދިޔަ ކަމަށް ބުނެފައިވެއެވެ.
އެ އަންހެން މީހާ ބުނާ ގޮތުގައި އޭނާ ރޭޕް ކުރީ ރިސޯޓުގައި އޭނާ ހުންނަ ކޮޓަރިއަށް ކަނޑައަޅާފައި ހުރި ބަޓްލައެވެ. މި މައްސަލައިގައި މިއަދު އެ ރިސޯޓުން އެ އަންހެން މީހާ ޓްވިޓާގައި ހިއްސާ ކުރި ޕޯސްޓަށް ކޮމެންޓްކޮށް ބުނެފައި ވަނީ، މިފަދަ ތުހުމަތުތައް ސިރީއަސްކޮށް ބަލާނެ ކަަމަށެވެ. އަދި މި މައްސަލަ މިހާރު ފުލުހަށް ހުށަހަޅާފައިވާއިރު، ތަހުގީގަށް އެއްބާރުލުން ދޭނެ ކަަމަށް ބުނެފައި ވެއެވެ.
ކޮމެންޓު ފޮނުވާ