ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭ.އެސް.ސީ.)ގެ ކޮމްޕޮޒިޝަން އެކުލެވިގެންވާ ގޮތް ބަދަލުކޮށް، އެކޮމިޝަން އިއްލާހުކުރުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުމަށް މިއަދު ފޮނުއްވި 2 ބިލާއެކު، ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް މިސަރުކާރުން 2019ވަނަ އަހަރު ފެށި މަސައްކަތްތައް ފުރިހަމަ ކުރެވިއްޖެކަމުގައި ބަންޑާރަނައިބު އިބުރާހިމް ރިއްފަތު ވިދާޅުވެއްޖެއެވެ.
ރިއްފަތު މިހެން ވިދާޅުވީ، ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް މިސަރުކާރުން ވީ އެންމެ މުހިންމު އެއް ވައުދު ކަމުގައިވާ ޖޭއެސްސީ އިސްލާހު ކުރުމުގެ ވައުދު ފުއްދުމުގެ ގޮތުން ޖޭއެސްސީ އިސްލާހުކުރުމަށް އަމާޒުކޮށް ދެބިލެއް މަޖިލީހަށް ފޮނުއްވާފައިވާކަން އިއުލާންކޮށް ކުރެއްވި ޓުވީޓެއްގައެވެ.
ރިއްފަތުގެ ޓުވީޓުގައި ވިދާޅުވެފައިވަނީ، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭ.އެސް.ސީ.) އެކުލެވިގެންވާ ގޮތް އިޞްލާޙުކުރުމަށްޓަކައި ޤާނޫނުއަސާސީއަށާއި ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް އެކުލެވޭ 2 ބިލު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފޮނުއްވާފައިވާކަމުގައެވެ.
ބަންޑާރަނައިބު ކުރެއްވި ޓުވީޓުގައި އިތުރަށް ވިދާޅިވެފައި ވަނީ، މި 2 ބިލް މަޖިލީހަށް ހުށަހަޅާ މައިގަނޑު ބަދަލަކީ ޖޭ.އެސް.ސީ.ގެ މެންބަރުންގެ ޢަދަދަކީ 7 ކަމުގައި ކަނޑައަޅައި، ރައީސުލްޖުމްހޫރިއްޔާގެ މެންބަރާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް، ޖޭ.އެސް.ސީ. ގެ މެންބަރުންގެ ގޮތުގައި ނުހިމެނޭ ގޮތަށް ކަނޑައެޅުން ކަމުގައެވެ.
މިގޮތަށް ހުށަހެޅީ ޝަރުޢީ ދާއިރާގެ މައްޗަށް ދައުލަތުގެ އެހެން ބާރުތަކުން ނުފޫޒު ފޯރުވުން ހުއްޓުވުމަށާއި މިކަންކުރަން އެންމެ އެކަށޭނެ ގޮތެއް ހޯދުމަށް ޝަރުޢީ ދާއިރާއާއި އެނޫންވެސް ފަރާތްތަކާއި ޤާނޫނީ ފަންނުގެ ދާއިރާއާއި މަދަނީ ޖަމްޢިއްޔާތަކާއި ޢާންމުންގެ ޚިޔާލާއި މަަޝްވަރާގެ އަލީގައި ކަމުގައެވެ.
ބަންޑާރަނައިބު ވިދާޅުވެފައި ވެއެވެ.
ބަންޑާނައިބު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ ޝަރުޢީ ދާއިރާ އިޞްލާޙުކުރުމަކީ އިޖުތިމާޢީ ޢަދުލުވެރިކަމުގެ ދާއިރާއިން އަދުގެ ސަރުކާރުން ވެފައިވާ އެންމެ މުހިންމު އެއް ވަޢުދު ކަމަށާއި، މި މަސައްކަތަކީ 2019 ގައި ފަށާފައިވާ މަސައްކަތެއް ކަމުގައެވެ. އަދި ވިދާޅުވީ މިހާތަނަށް ކަމާގުޅޭ 9 ބިލެއް މަޖިލީހަށް ހުށަހަޅާފައިވާ ކަމަށާއި މިއަދު ހުށަހެޅުއްވި 2 ބިލާއެކު މިއިޞްލާޙީ މަސައްކަތް ފުރިހަމަކުރެވިއްޖެ ކަމުގައެވެ.
ކޮމެންޓު ފޮނުވާ