އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަތުމަށް ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލު ކުރައްވައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ މެންދުރުގެ ކެއުމުގެ ވަގުތަށް މެކަނޑާލެއްވުމަށްފަހު، މަޖިލީހުގެ ރިޔާސަތު މިއަދު ވެސް ބެލެހެއްޓެވި އަފީފް ރައީސް އޮފީހަށް ވަޑައިގަންނަވާ ވީޑިއޯ އެއް ވަނީ އާންމުވެފައެވެ. އަފީފްގެ މިބައްދަލުވުމާއި ގުޅޭގޮތުން ރައީސް އޮފީހުން ވިދާޅުވީ އަފީފްގެ އެދިވަޑަގަތުމަކަށް ރައީސް އޮފީހުގައި ދެ ބޭފުޅުން ބައްދަލުކުރެއްވި ކަމަށެވެ. ނަމަވެސް، މަޖިލީހުގެ ރިޔާސަތު ވެސް ބަލަހައްޓަވާ މެމްބަރާއި ރައީސްގެ ބައްދަލުވުމާ ގުޅޭ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
މިބައްދަލުވުމާއި ގުޅޭގޮތުން މަޖިލީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އަފީފް ރައީސް ޞާލިޙާއި ބައްދަލު ކުރައްވަން ވަޑައިގެންނެވީ އެމަނިކުފާނުގެ އެދިވަޑައިގެންނެވުމަކަށް ކަމަށެވެ. ރައީސް ޞާލިހާއި ބައްދަލު ކުރީ މިހާރު މަޖިލީހުގެ ކަންކަން އޮތް ގޮތުން މާދަމައިން ފެށިގެން މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދެވޭނެ ހާލަތެއް ނެތުމުން އެޖާގަ ހޯދައި ދެއްވުމަށް ރައީސްގެ ކިބައި އެދުމަށް ކަމަށެވެ.
މިކަމުގައި ރައީސް ޞާލިހު ވިދާޅުވެފައިވަނީ ވިސްނަވާލައްވާނެކަމަށް ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ރައީސާއި މަޖިލީހުގެ ނައިބް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއްފަހަރާ ހުށަހަޅައި މަޖިލިސް ހުއްޓުވައިގެން ސަރުކާރުން އުޅުއްވާ އުޅުން ނިމުމަކަށް ގެންނަން ޖެހޭކަމަށެވެ.
ނަޝީދު ވިދާޅުވީ ރިޔާސަތާ ދުރަށް ވަޑައިގަންނަވަން ނިންމެވީ، ދުނިޔޭގެ ބެސްޓު ޕްރެކްޓިސްއަށް ބެއްލެވުމަށްފަހުގައި ކަމަށެވެ.
މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރުނެތް ކަމުގެ މަޖިލިސް ހުއްޓާލުމުގެ ނިޔަތެއް އޮވެގެން ނޫނީ މައްސަލަ އެއްފަހަރާ ހުށަހެއްނާޅުއްވާނެ.
– ނަޝީދު ވިދާޅުވިއެވެ.
ނަޝީދާއި އީވާ ރިޔާސަތު ނުބަލަހައްޓަވާތީ، ފާއިތުވި ތިން ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފްއެވެ. އެކަމަކު މަޖިލީހުގެ ރައީސާއި ނައިބު ރައީސް ނެތް ނަމަ، އެހެން މެމްބަރަކަށް ރިޔާސަތު ބެލެހެއްޓޭނީ ވިދިވިދިގެން ތިން ޖަލްސާގައި ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނެއެވެ.
މާދަމާގެ ޖަލްސާ ވެސް ބޭއްވޭކަށް ނެތް. ދެން މި ދައުރުގައި އިތުރު ޖަލްސާއެއް ބޭއްވޭނެ ގޮތެއް ނެތް.
– ނަޝީދު ވިދާޅުވިއެވެ.
އެހެންވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން ނަޝީދު އެދިވަޑައިގަތީ މަޖިލިސް ހުއްޓޭ ގޮތަށް އަމަލުނުކުރައްވައި، އީވާގެ މައްސަލަ އަނބުރާ ނެންގެވުމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، މަޖިލީހުގެ މާދަމާގެ ޖަލްސާއާ އެކު، މި ދައުރުގައި މަޖިލީހުގެ ޖަލްސާތައް ބޭއްވޭނެ އެއްވެސް ގޮތެއް ނެތެވެ.
ނަޝީދަށް ތާއީދުކުރައްވާ މެމްބަރުން ތުހުމަތުކުރައްވާ ގޮތުގައި، މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރުނެތް ކަމުގެ މައްސަލަ އެއްފަހަރާ ހުށަހެޅީ، ސަރުކާރުން ގަސްދުގައި މަޖިލިސް ހުއްޓޭގޮތަށް އިދިކޮޅަށް ސަރުކާރު ޖަވާބުދާރީކުރުމުގެ ފުރުސަތު ގެއްލުވާލާށެވެ.
ކޮމެންޓު ފޮނުވާ