ޝާރުޢީ ދާއިރާގެ މުވައްޒިފުންނަށް ސިޔާސީ ހަރަކާތްތަކުގައި އުޅެވޭގޮތަށް އުސޫލު ބަދަލުކޮށްފި

ޝާރުޢީ ދާއިރާގެ މުވައްޒިފުންނަށް ސިޔާސީ ހަރަކާތްތަކުގައި އުޅެވޭގޮތަށް އުސޫލު ބަދަލުކޮށްފި

Author
މުޙައްމަދު ޝަޒައިމް
17 ޖޫން 2023 10:17
0

ޝަރުއީ ދާއިރާގެ މުވައްޒިފުންނަށް ސިޔާސީ ކަންމުގައި ޢަމަލީ ގޮތުން އުޅުމުގެ ހުއްދަ ލިބޭގޮތަށް އުސޫލު ބަދަލުކޮށް "ކޯޑް އޮފް ކޮންޑަކްޓް" އާންމު ކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އާންމުކުރި ކޯޑް އޮފް ކޮންޑަކްޓްގައި ވަނީ ސިޔާސީ ހަރަކާތްތަކުގައި މުވައްޒަފުން ބައިވެރިވުމާ ބެހޭ ބާބު އެކީ އުވާލައިފައެވެ. ކޯޑް އޮފް ކޮންޑަކްޓްގައި އެ ބައި ހިމަނާފައި ވަނީ "ޝަރުއީ ދާއިރާގެ މިނިވަންކަން ދެމެހެއްޓުމާއި އިތުބާރު ހިފެހެއްޓުން" މާއްދާގެ ދަށުންނެވެ.

އާ ކޯޑް އޮފް ކޮންޑަކްޓްގައި ވަނީ ޝަރުއީ ދާއިރާގެ އިތުބާރަށް އުނިކަން އަތުވެދާނެ ފަދަ ކަންކަމުން ދުރުވާން ޖެހޭނެ ކަމަށާއި އޭގެ ތެރޭގައި ސިޔާސީ ހަރަކާތްތައް ވެސް ހިމެނޭ ކަމަށެވެ. އެކަމަކު، ސިޔާސީ ޕާޓީއެއް ނުވަތަ ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވުމާއި ޕާޓީއެއްގެ އެތެރޭގެ އިންތިހާބެއްގައި ވޯޓުލުން މަނާ ނުކުރާ ކަމަށް އެ ކޯޑް އޮފް ކޮންޑަކްޓުގައި މިހާރު ބުނެފައި ވެއެވެ.

ޝަރުއީ ދާއިރާގައި 2011 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުން އަންނަ މުވައްޒަފުންގެ ގަވާއިދުގައި އެ މުވައްޒަފުން ސިޔާސީ ހަރަކާތްތަކުގައި އެއްވެސް ގޮތަކަށް ބައިވެރިވުން މަނާކޮށް، ހާއްސަ ބާބެއް މިހާތަނަށް ވެއެވެ.

އެ ގަވާއިދުގައިވާ ގޮތުން ސިޔާސީ ޕާޓީއެއް ނުވަތަ ކެންޑިޑޭޓެއްގެ ކާމިޔާބީ އާއި ކުރިއެރުމާއި އަދި އެފަދަ މީހެއްގެ ކުރިއެރުމަށް ހުރަސް އަޅާ ހުރިހާ ކަމަކުން ޝަރުއީ ދާއިރާގެ މުވައްޒަފުން އެއްކިބާ ވާން ޖެހެއެވެ. ސިޔާސީ ޕާޓީއެއްގެ އެއްވެސް މަގާމެއް ފުރުމާއި ވަޒީފާއެއް އަދާ ކުރުމާއި ޕާޓީއެއްގެ ގުނަވަނެއްގެ މެންބަރަކަށް ވުމާއި ޕާޓީތަކުން ތައްޔާރުކުރާ ޕެޓިޝަންތަކުގައި ސޮއި ކުރުން ވެސް ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް މިހާތަނަށް މަނަލެވެ.

އެއްވެސް ކެމްޕެއިން ހަރަކާތެއްގައި ބައިވެރިވުމާއި ވޯޓުލާ ދުވަހު ކެންޑިޑޭޓުންނަށް އެހީތެރިވުމާއި އިންތިހާބު ކުރާ އެއްވެސް ސިޔާސީ މަގާމަކަށް ކުރިމަތިލުމަކީ ވެސް އެ ގަވައިދުގެ ދަށުން މަނާ ކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.