ކުރިޔަށް އޮތް ސާފް ޗެމްޕިއަންޝިޕްގައި ވާދުކުރުމަށް ތަމްރީން ހޯދަމުން ދަނިކޮށް އަނިޔާވެ، ގައުމީ ޓީމުގެ ގޯލް ކީޕަރ މުހައްމަދު ފައިސަލްއަށް ޓީމާއި ވަކިވާން ޖެހިއްޖެއެވެ.
ފައިސަލްއަށް އަނިޔާވެފައިވަނީ، ޖަޕާނުގައި ޓީމު ކޭމްޕް ކޮށްގެން ތަމްރީނު ހަދަމުން ދަނިކޮށް ކަކުލަށެވެ. އަދި އޭނާއަށް ޓީމާއި ވަކިވާން ޖެހޭނެކަން ޔަގީންވެފައިވަނީ މިއަދު ސްރީ ލަންކާގައި ކުރިޔަށްދިޔަ ތަމްރީންތަކުގައި، ލިބިފައިވާ އަނިޔާ އިތުރަށް ބެލުމަށްފަހު އަދި އިތުރު ޓެސްޓުތައްވެސް ހެދުމަށް ފަހުއެވެ.
ފައިސަލްއަށް ޓީމަށް ނުކުޅެވޭނެކަން ޔަގީން ވުމާއެކު، މިހާރު ޓީމަށް ނަގާފައިވަނީ ޔުނައިޓެޑް ވިކްޓަރީގެ ޒުވާން ގޯލްކީޕަރު އަލި ނާޖިހު (ނާޖީ)އެވެ. ނާޖިހުގެ އިތުރުން ޓީމުގައި މިހާރު ދެންތިބި ގޯލްކީޕަރުންނަކީ ކްލަބު އީގަލްސްގެ މުހައްމަދު ޝަފީއު (ޗެކް) އާއި މާޒިޔާގެ ހުސައިން ޝަރީފެވެ.
ފައިސަލްވަނީ 2018ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެއިން ކާމިޔާބު ކުރިއިރު އެ މުބާރާތުގައި މޮޅު ކުޅުމެއް ދައްކާ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދާފައެވެ. ފައިސަލް މިހާރު ކުޅެމުންދަނީ މާޒިޔާއަށެވެ.
2021 ވަނަ އަހަރު ރާއްޖޭގައި ބޭއްވުނު ސާފް ޗެމްޕިއަންޝިޕްގައިވެސް ފައިސަލް ކުޅެފައި ވެއެވެ. އެ މުބާރާތުގައިވެސް އޭނާ މޮޅު ކުޅުމެއް ދެއްކި ނަމަވެސް، މުބާރާތް ނިމެމުން ދަނިކޮށް އޭނާއަށް އަނިޔާގެ މައްސަލަތަކާއި ކުރިމަތިލާން ޖެހިފައި ވެއެވެ.
ރާއްޖޭގެ ގައުމީ ފުޓު ބޯޅަ ޓީމު އިތުރު ތަމްރީން ހޯދުމަށް ޖަޕާނަށް ގޮސްފައިވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ. އަދި ޖަޕާނުން އިންޑިއާއަށް ފުރާފައިވަނީ މިމަހުގެ 15ވަނަ ދުވަހުއެވެ. ޖަޕާނުގައި ގައުމީ ޓީމުގެ އޮފިޝަލުންނާއި އަދި ޓީމުގެ ކުޅުންތެރިން ކޭމްޕް ކޮށްފައިވަނީ ޖަޕާންގެ ނޭޝަނަލް ޓްރެއިންނިން ސެންޓަރ، ޖޭ-ވިލެޖްގައެވެ.
ލަންކާއިން އިނޑިއާއަށް ގައުމީ ޓީމް ދާން އޮތް ފްލައިޓް ކެންސަލްވެ، ޓީމުވަނީ ލައްކާގައި އިތުރު ދެދުވަހު މަޑުކޮށްފައެވެ.
ކޮމެންޓު ފޮނުވާ