ޤަތަރުގައި ބޭއްވި ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރިފަހުން ޤައުމުން ބޭރުގައި ޗެމްޕިއަން އާޖެންޓީނާއިން ކުޅުނު ފުރަތަމަ މެޗް ފަސޭހަ ކަމާއެކު ކާމިޔާބުކޮށްފިއެވެ.
ޗައިނާގެ ވެރިރަށް ބެއިޖިންގގައި އޮސްޓްރޭލިއާ އާއި އެކު ކުޅުނު ރަހްމަތްތެރިކަމުގެ މެޗް އާޖެންޓީނާއިން ކާމިޔާބު ކޮށްފައިވަނީ 2 ލަނޑު 0 ލަނޑުންނެވެ.
ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާތައް އުފައްދާފައިވަނީ އާޖެންޓީނާއިންނެވެ. މި މެޗްގެ ފުރަތަމަ ލަނޑު މެޗްގެ 2 ވަނަ މިނެޓްގައި ޖަހާދިނީ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީއެވެ. މިލަނޑަކީ މެސީގެ ކެރިއަރުގައި އޭނާ ކާމިޔާބުކުރި އެންމެ އަވަސް ލަނޑުގެ ގޮތުގައި ވަނީ ފާހަގަ ކުރެވިފައެވެ.
މިއީ މެސީ އެމެރިކާގެ މޭޖަރ ލީގު ސޮކަރގެ ކްލަބް އިންޓަރ މައޭމީއަށް ބަދަލުވާކަން ހާމަކުރިފަހުން ޤައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗެވެ. މިލަނޑު އޭނާ ޖަހާފައިވަނީ މެޗް ފެށިތާ އެއް މިނެޓާއި 19 ސިކުންތުގެ ތެރޭގައެވެ. މިމެޗްގައި އާޖެންޓީނާއިން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗްގެ 68 ވަނަ މިނެޓްގައި ޖަހާދީ އެޓީމްގެ ލީޑު ފުޅާކޮށްދިނީ ބަދަލު ކުޅުންތެރިޔާ ޖަރމަން ޕަޒެއްޔާއެވެ. މިމެޗްގައި އޮސްޓްރޭލިއާއިން ލަނޑެއް ޖެހުމާއި އެންމެ ގާތަށް ދިޔައީ މިޗް ޑޫކްއެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާވަނީ އާޖެންޓީނާގެ ކީޕަރ އެމިލިއާނޯ މާޓިނޭޒް އަތުގައި ޖެހި ގޯލް ދަނޑިއަށް އަމާޒުވެ ބޭރަށް ގޮސްފައެވެ.
އާޖެންޓީނާއިން ވާރލްޑް ކަޕްގެ ތަށި އުފުލާލިފަހުން މިހާތަނަށް ކުޅުނު 3 މެޗުވެސް ވަނީ ކާމިޔާބުކޮށްފައެވެ.