ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސް ގިންތިކޮށް 6،000ރ.އާ ހަމައަށް ބޮޑުކޮށްފިއެވެ.
އަލަށް ނިންމި އެންމެ މުހިއްމު އެއް ނިންމުމަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސް އެންމެ މަދުން ލިބޭ މީހަކަށް ވެސް ޖޫން މަހުން ފެށިގެން 3،000 ރުފިޔާ ލިބޭނެ ގޮތް ހަމަޖެއްސުމެވެ. އޭގެ އިތުރުން އަމިއްލައަށް ނޫޅެވޭ މީހުންނަށް 2،000 ރުުފިޔާގެ އެލަވަންސެއް ދެން ލިބޭނެއެވެ.
އަދި އަސާސީ ބޭނުންތަކަށް ސެލްފް ކެއާ އެލަވަންސެއް ތައާރަފްކޮށް އިތުރު 1،000 ރުފިޔާ ލިބޭނެއެވެ. އެއް ގޭބިސީއެއްގައި ނުކުޅެދުންތެރިކަން ހުންނަ ތިން މީހުންނަށްވުރެ ގިނައިން ތިބި ނަމަ މީހުން ތިބި ނިސްބަތުން 1،000 ރުފިޔާގެ އެލަވަންސެއް ވެސް ލިބޭނެއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިނާޔަތް ބޮޑުކޮށްދިނުމަށް އެކި ފަރާތްތަކުން ވަނީ މީގެ ކުރިން ގޮވާލާފައެވެ. އެގޮތުން ޖުލައި، 2019، ގައި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވަނީ އެ އިނާޔަތް ބޮޑުކުރުމަށް މަޖިލީހަށް ބިލެއް ހުށަހަޅާފަ އެވެ. ނަމަވެސް، އިނާޔަތް 5000ރ. އާއި 7000ރ. އާ ދެމެދުގައި ބެހެއްޓުމަށް، ގާނޫނަށް ހުށަހެޅި އެ އިސްލާހު އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން އޭރު ބޭރުކޮށްލިއެވެ. އެއީ ސަރުކާރާ މަޝްވަރާނުކޮށް، މާލީ ގޮތުން ދަތިވާނެ ބިލެއް ހުށަހެޅުމުން ކަމަށް އޭރު އެމްޑީޕީން ބުނެފައިވެއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެލަވަންސް ދޭން ފެށިއިރު ރާއްޖޭގައި ތިބީ އެލަވަންސް ލިބޭ 3560 މީހުންނެވެ. މިހާރު މިއަދަދުވަނީ 10701އަށް އިތުރުވެފައެވެ. މިއަހަރުގެ މިހާތަނަށް 11371 ފަރާތަކަށް 111 މިލިއަން ރުފިޔާވަނީ މިއެލވަންސްގެ ގޮތުގައިވަނީ ދެއްވާފައެވެ.
އެލަވަންސް ދޭ ކެޓަގަރީތަކާއި ބޮޑުވާނެ ވަރު:
– ނުކުޅެދުންތެރިކަމުގެ ސަބަބުން އަމިއްލައަށް ނޫޅެވޭ މީހުންނަށް 2000ރ
– ނުކުޅެދުންތެރިކަމުގެ ސަބަބުން އަސާސީ ބޭނުންތަކަށް އާންމުކޮށް ބޭނުންކުރަން ޖެހޭ ކޮންސިއުމަބަލް ތަކެތި ގަތުމަށް މަހަކު 1000ރ
– އެއް ގެއެއްގައި ނުކުޅުންތެރިކަން ހުންނަ މީހުން ތިން މީހުންނަށް ވުރެން ގިނަ ނަމަ މީހަކަށް 1،000ރ.
ރާއްޖޭގައި ނުކުޅެދުންތެރިކަން ތިބި މީހުންގެ ނިސްބަތް:
– ޖިސްމާނީ ނުކުޅެދުންތެރިކަން: 3،045 މީހުން
– ސިކުނޑީގެ ނުކުޅެދުންތެރިކަން: 2،461 މީހުން
– އެއް ނުކުޅެދުންތެރިކަމަށްވުރެ ގިނަ ނުކުޅެދުންތެރިކަން ހުންނަ މީހުން: 1،986 މީހުން
– އަޑުއެހުމާއި ވާހަކަ ދެއްކުމުގެ ނުކުޅެދުންތެރިކަން: 1،517 މީހުން
– ފެނުމުގެ ނުކުޅެދުންތެރިކަން: 876 މީހުން
– އޯޓިޒަމް: 628 މީހުން- ނަފްސާނީ ނުކުޅެދުންތެރިކަން: 125 މީހުން
– އުނގެނުމުގެ ނުކުޅެދުންތެރިކަން: 63 މީހުން
ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސަށް ގެނެވޭ ބަދަލުތައް ދައުލަތުގެ ބަޖެޓުގެ ތެރެއިން ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވެފައެވެ.