ކޯވިޑް19 ވެކްސިން އާންމުކޮށް ބޭނުން ކުރުމަށް އިގިރޭސިވިލާތުން ދިން ހުއްދައަށް އިޔޫން ފާޑު ކިޔައިފި

ކޯވިޑް19 ވެކްސިން އާންމުކޮށް ބޭނުން ކުރުމަށް އިގިރޭސިވިލާތުން ދިން ހުއްދައަށް އިޔޫން ފާޑު ކިޔައިފި

Author
ހުސެއިން
03 ޑިސެމްބަރ 2020 06:05
0

އިގިރޭސިވިލާތުން ކޯވިޑް19 ވެކްސިން އާންމުކޮށް ބޭނުންކުރުމުގެ ހުއްދަ ދީފައިވަނީ އަވަސް އަރުލާއިގެން ކަމަށް ބުނެ، ޔޫރަޕްގެ ވެކްސިންތައް ބޭނުންކުރުމުގެ ހުއްދަ ދޭ އިދާރާތަކުން އިގިރޭސިވިލާތުގެ ނިންމުމަށް ފާޑު ކިޔައިފިއެވެ.

އެމެރިކާގެ ފިޒާ ކުފުންޏާއި އެކުންފުނީގެ ޕާޓްނަރ ކުންފުނި، ޖަރުމަނު ވިލާތުގެ ބައޯއެންޓެކް ކުންފުނިން އުފެއްދި ކޯވިޑް19 ވެކްސިން އާންމުކޮށް ބޭނުން ކުރުމުގެ ހުއްދަ ދީ، ކޯވިޑް19 އާ ދެކޮޅަށް އާންމުކޮށް ވެކްސިން ބޭނުން ކުރާނެ ފުރަތަމަ ގައުމު ކަމުގައި އިގިރޭސިވިލާތް މިއަދު ވަނީ ވެގެން ގޮސްފައެވެ.

ކޯވިޑް19 ވެކްސިން ޔޫރަޕްގެ ގައުމުތަކުގައި ބޭނުން ކުރުމުގެ ހުއްދަ ދިނުމަށް ހަމަޖެހިފައިވާ އިދާރާ، ޔޫރަޕިއަން މެޑިސިން އޭޖެންސީ (EMA)އިން މިއަދު ބުނެފައިވަނީ، އެ އޭޖެންސީން ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދިނުމުގައި ކުރިޔަށް ގެންދާ މަރުހަލާއަށް ދުވަސްތަކެއް ފާއިތުވެގެން ދިޔަ ކަމުގައިވި ނަމަވެސް، އެމަޖެންސީ އުސޫލުތަކެއް ބޭނުންކޮށްގެން އިގިރޭސިވިލާތުން ވެކްސިން ބޭނުންކުރުމަށް ދީފައިވާ ހުއްދަައަށްވުރެ، އެ އޭޖެންސީން ދޭ ހުއްދައިގެ ރައްކާތެރިކަމާއި އިތުބާރު މާބޮޑުވާނެއެވެ. ސަބަބެއްކަމުގައި އެ އޭޖެންސީން ބުނެފައިވަނީ، ކޯވިޑް19 ވެކްސިނަށް ހުއްދަ ދިނުމުގެ ކުރިން ބޭނުންވާ، ތަހުލީލުތަކާއި ގުޅޭ ހެކިތައް، އެމަޖެންސީ ހުއްދައެއް ދިނުމަށް ބޭނުންވާ ވަރަށްވުރެ ގިނަވާތީއެވެ.

ޔޫރަޕިއަން މެޑިސިން އޭޖެންސީން އެހެންގައުމުތަކުން ސިއްޙީ ކަންކަމާ ގުޅޭގޮތުން ނިންމާ ނިންމުންތަކަށް ފާޑު ކިއުމަކީ މަދުން ނޫނީ ނުކަރާ ކަމެކެވެ.

ޔޫރަޕިއަން މެޑިސިން އޭޖެންސީ އިން ބުނެފައިވަނީ، އެމެރިކާގެ ފިޒާ ކުފުންޏާއި އެކުންފުނީގެ ޕާޓްނަރ ކުންފުނި، ޖަރުމަނު ވިލާތުގެ ބައޯއެންޓެކް ކުންފުނިން އުފެއްދި ކޯވިޑް19 ވެކްސިން އާންމުކޮށް ބޭނުން ކުރުމުގެ ހުއްދަދިނުމާ ގުޅޭގޮތުން އެ އޭޖެންސީގެ ނިންމުން މި ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު އިއުލާން ކުރާނެ ކަމަށެވެ.

އީޔޫގެ އިދާރާ ކަމުގައިވާ، ޔޫރަޕިއަން ކޮމިޝަންގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި، ޔޫރަޕްގެ ރައްޔިތުނަށް ރައްކާތެރި ވެކްސިނެއް ފޯރުކޮށް ދިނުމަށްޓަކާ، އެންމެ ރައްކާތެރި އުސޫލުތަކެއް ނުވަތަ މެކޭނިޒަމެއް ކުރިޔަށް ގެންދަނީ ޔޫރަޕިއަން މެޑިސިން އޭޖެންސީން ކަމުގައެވެ. ސަބަބަކީ، އެ އޭޖެންސީގެ ހުރިހާ ދިރާސާތަކެއް ބިނާވާނީ، "ހެކިތަކުގެ މައްޗަށް ބިނާކޮށް" ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޔޫރަޕިއަން މެޑިސިން އޭޖެންސީގެ ފާޑިއުކުން އިގިރޭސިވިލާތަށް އަމާޒުވެގެން މިދިޔައީ، ފިޒާ/ބައޯއެންޓެކް ކުންފުނިން އުފެއްދި ކޯވިޑް19 ވެކްސިން އާންމުކޮށް ބޭނުން ކުރުމުގެ ހުއްދަ ދީ، ކޯވިޑް19 އާ ދެކޮޅަށް އާންމުކޮށް ވެކްސިން ބޭނުން ކުރާނެ ފުރަތަމަ ގައުމު ކަމުގައި އިގިރޭސިވިލާތް ވެގެންދިޔަތާ މަދު ވަގުތު ކޮޅެއްގެ ތެރޭގައެވެ.

އިއްޔެ އިރޭސި ވިލާތުގެ މެޑިސިން ރެގިއުލޭޓަރ، MHRA އިން ބުނެފައިވަނީ، ކުރެވުނު ތަހުލީލުތަކުން %95 މީހުންނަށް ވައިރަހުން ސަލާމަތްތެރިކަން ފޯރުކޮށްދޭނެ ކަމަށް ދައްކާފައިވާ މިވެކްސިނަކީ އާންމުކޮށް ބޭނުންކުރެވިދާނެ ފެންވަރުގެ ވެކްސިނެކެވެ.

އިގިރޭސިވިލާތުގެ ހެލްތު ސެކެޓްރީ މެޓް ހެންކޮކް ވިދާޅުވީ، އިގިރޭސިވިލާތުގެ ރައްޔިތުންނަށް އަންނަ ހަފްތާއިން ފެށިގެން ވެކްސިން ދިނުމަށްޓަކާ، ވެކްސިންގެ 800،000 ޑޯޒު މިހާރުވަނީ ތައްޔާރު ކުރެވިފައެވެ.

ހެލްތު ސެކެޓްރީ ވަނީ، ވެކްސިން ޖެހުމަށް އިންގިރޭސިވިލާތުގެ ރައްޔިތުން އަވަސްވެ ނުގަނެ، އެގައުމުގެ ނޭޝަނަލް ހެލްތު ސާވިސްއިން އަންގަންދެން މަޑުކުރުމަށް އިލްތިމާސް ކުރައްވާފައެވެ.

އިގިރޭސި ސަރުކާރުން ބުނެފައިވަނީ، ވެކްސިން ޖެހުމުގައި އެންމެ ބޮޑު އިސްކަމެއް ދިނުމަށް ހަމަޖެހިފައިވަނީ، އުމުރުން ދުވަސްވުމުގެ ސަބަބުން އެދުމަތިވެފައިވާ މުސްކުޅިންނާއި އަދި މުސްކުޅިން ބެލެހެއްޓުމުގައި ހަރަކާރްތެރިވާ މީހުނަށެވެ. އަދި އޭގެފަހުން އިސްކަންދޭ ލިސްޓު ތަރުތީބު ކުރެވިފައިވާ ގޮތަކީ، 80 އަހަރުން މަތީ މުސްކުޅިންނާ އަދި، ސިއްޙީ ޚިދުމަތްތެރިންނެވެ.

އެހެންނަމަވެސް، އިގިރޭސިވިލާތުގެ ހޮސްޕިޓަލްތަކުގައި، 70C- ގައި ވެކްސިން ރައްކާކުރެވޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާތީ، ވެކްސިން އެންމެ ފުރަތަމަ ދޭން ފެށިގެންދާނީ ހޮސްޕިޓަލްތަކުގައި ކަމަށްވެސް ހެލްތު ސެކެޓްރީ ވިދާޅުވެފައި ވެއެވެ. މިގޮތުން ގޭގެއަށް ފަރުވާދިނުމަށް ހޮސްޕިޓަލްތަކުގެ ފަރާތުން ޒިޔާރަތްކުރާ ނަރުހުންނާއި ޑޮކްޓަރުން ހިމެނިގެންނެ ދާނީ ހޮސްޕިޓަލްތަކުގައި އެންމެ ފުރަތަމަ މިވެކްސިން ދެވޭނެ މީހުންގެ ގޮތުގައެވެ. އޭގެ ފަހުން ނޭޝަނަލް ހެލްތު ސާވިސްގައި މަސައްކަތްކުރާ މުވައްޒަފުންނާއި އަދި ބަލި މީހުންނަށް ވެކްސިން ދެވެނޭކަމަށްވެސް ހެލްތު ސެކެޓްރީ ވިދާޅުވެފައި ވެއެވެ.

ފިޒާ/ބޮއޯއެންޓެގެ ވެކްސިން ވެގެންދާނީ، ދުނިޔޭގައި މިހާތަށް އެންމެ އަވަހަށް އުފެއްދި ވެކްސިން ކަމުގައެވެ. އާންމުކޮށް މިފަދަ ވެކްސިނެއް އީޖާދު ކުރުމަށް 10 އަހަރު ނަގާއިރު، ފިޒާ/ބޮއޯއެންޓެގެ ވެކްސިން އުފައްދާފައި މިވަނީ އެންމެ 10 މަސްދުވަހުގެ ތެރޭގައެވެ.

އިގިރޭސިވިލާތުން ވަނީ ކޯވިޑް19 ވެކްސިންގެ 40 މިލިއަން ޑޯޒަށް އޯޑަރު ކޮށްފައެވެ. މިއީ އެގައުމުގެ 20 މިލިއަން މީހުންނަށް ވެކްސިން ދިނުމަށް ބޭނުންވާ މިންވަރެވެ. މިވެކްސިނަކީ ވެކްސިންގެ ދެ ޑޯޒް ކޮންމެ މީހަކުވެސް ޖަހަންޖެހޭ ވެކްސިނެކެވެ. އަދި ކޮންމެ ޑޯޒެއްވެސް ޖަހަން ޖެހޭނީ 4 ހަފްތާގެ ދުރުމިނެއްގައެވެ.

އިގިރޭސިވިލާތުގެ ހެލްތު ސެކެޓްރީ ހެންކޮކް ވިދާޅުވެފައިވަނީ، ބެލްޖިއަމްގައި ފިޒާ ކުންފުޏަށް ވެކްސިން އުފެއްދޭހާ އަވަހަކަށް ވެކްސިން އިގިރޭސިވިލާތަށް ފޯރުކޮށް ދެމުން ގެންދާނެއެވެ. މިގޮތުން ފުރަތަމަ ޝިޕްމަންޓް ފެށޭ ހަފްތާގައި އެގައުމަށް ގެނައުމަށް ހަމެޖެހިފައިވާއިރު، އެތައް މިލިއަން ވެކްސިނެއް ޑިސެމްބަރު މަހުގެތެރޭގައި އިގިރޭސިވިލާތަށް ލިބިގެން ދާނެއެވެ.

އެހެންނަމަވެސް، އޭނާ ވިދާޅުވި ގޮތުގައި ގަޑުކޮށް ބޮޑު އަދަދެއްގެ ވެކްސިން ލިބިގެން ދާނީ 2021 ވަނަ އަހަރުގެ ތެރޭގައެވެ. "2020 ވަނަ އަހަރު ވެގެން މިދަޔައީ މޮޅިވެރި އަހަރަކަށް. 2021 ވަނަ އަހަރު ވެގެންދާނީ، މިމާޔޫސްކަން ނެތިގެންްދާނެ އަހަރަކަށް،" ހެންކޮކް ވިދާޅުވިއެވެ.

"މިއަދު މިލިބުނު ޚަބަރާއެކީ އޮތް ޔަގީންކަމަކީ، ފިނި މޫސުމަށްފަހު، އަދި ވަކީން ޚާއްސަކޮށް އީސްޓަރއިން (އެޕްރިލް 4) ފެށިގެން ހާލަތު ދާނީ ރަގަޅުވަމުންކަން. އަދި އަންނަ އަހަރުގެ ހޫނު މޫސުން ވެގެން ދާނީ އަހަރުމެން އެންމެންމަށްވެސް އެކީގައި މަޖާ ކުރެވޭނެ މޫސުމަކަށް."

އިގިރޭސިވިލާތުގެ ބޮޑުވަޒީރު ވިދާޅުވެފައިވަނީ، "މި ވެކްސިން ވެގެންދާނީ އަހަރުމެން އެންމެންގެވެސް ފުރާނަ ސަލާމަތ ކޮށްދީ، އަދި އިގްތިސާދުތައް އަލުން ކުރިއަރުވަން ފަށާނެ ވަސީލަކަށް" ކަމުގައެވެ.

އިގިރޭސިވިލާތުގައި ވެކްސިން ޖެހުން މަޖުބޫރު ކުރެވިގެނެއް ނުދާނެއެވެ. އަދި އެގައުމުގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ތިން ގޮތަކުންނެވެ. އެއީ، ހޮސްޕިޓަލް ތަކުންނާއި، ވެކްސިން ސެންޓަރު ތަކުންނާއި އަދި މީގެ އިތުރުން ކްލިނިކްތަކުގައި މަސައްކަތް ކުރާ ޖެނެރަލް ޕްރެކްޓިޝަނުން އަދި ޕާމަސިސްޓުން މެދުވެރި ކޮށެވެ.

އިގިރޭސިވިލާތުގައި ވެކްސިންދިނުމަށްޓަކާ 50 ހޮސްޕިޓަކާ ސެންޓަރެއް ވަނީ ހަމަޖައްސާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.