ދުނިޔޭގެ އެންމެ ކާމިޔާބު އެއް ކްލަބު ރެއާލް މެޑްރިޑުގެ ލެޖެންޑަރީ 7 ނަންބަރު ޖާޒީ ވިނީޝިއަސް ޖޫނިއާއަށް ދޭން އެ ޓީމުން ނިންމައިފިއެވެ.
މި ސީޒަނުގައި ވިނީޝިއަސް ވަނީ ހުރިހާ މުބާރާތެއް ހިމެނޭހެން 23 ލަނޑު ޖަހާ، 16 ލަނޑު ޖެހުމަށް އެހީތެރިވެ މޮޅު ކުޅުމެއް ދައްކާފައެވެ. އަދި މި ސީޒަނުގައި ރެއާލް މެޑްރިޑުގެ އެންމެ މޮޅު ކުޅުނެތެރިއަކަށް ހޮވުނީވެސް ވިނީޝިއަސްއެވެ.
ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ރައުލް ފަދަ މެޑްރިޑްގެ ލެޖެންޑުން ވަނީ 1950 ގެ އަހަރުތަކުގައި ރޭމަންޑް ކޮޕާގެ 7 ނަންބަރު ޖާޒީ ލާފައެވެ. ނަމަވެސް ދާދި ފަހުން ދޫކޮށްލި ހަޒާޑް އެ ޖާޒީގައި ހަތަރު އަހަރު ހޭދަކުރި އިރު، އޭނާ އަށް ޖެހިފައިވަނީ ހަތް ލަނޑެވެ.
2️⃣0️⃣ 👉 7️⃣
🇧🇷 @vinijr #RealFootball pic.twitter.com/1IcSwkmYcw— Real Madrid C.F. 🇬🇧🇺🇸 (@realmadriden) June 12, 2023
ވިނީޝިއަސްގެ 20 ނަންބަރު ޖާޒީގެ ބަދަލު އަންނަ ސީޒަނުގައި ލާނީ 7 ނަންބަރު ކަމަށް ރެއާލް މެޑްރިޑުން ވަނީ ޓްވީޓް ކޮށްފައެވެ. އޭނާގެ އިތުރުން ރޮޑްރިގޯގެ ނަންބަރު ބަދަލުވާ ކަމަށްވެސް ވަނީ އިއުލާނުކޮށްފައެވެ. ކުރިން 21 ނަންބަރު ގެންގުޅުނު ރޮޑްރިގޯގެ އައު ނަންބަރަކީ 11 އެވެ. އެއީ ދާދި ފަހުން ޓީމު ދޫކޮށްލި މާކޯ އަސެންސިއޯ ބޭނުންކުރި ނަންބަރެވެ. ވިނީޝިއަސް ގެ 20 ނަންބަރު ޖާޒީ ހުސްވުމުން، އެ ޖާޒީ އާ ހަވާލުވީ ދާދި ފަހުން ރެއާލްއަށް އެނބުރި އައި ފްރޭން ގާސިއާއެވެ.
ނަސްލީ ތަފާތު ކުރުމާ ގުޅިގެން ވިނީޝިއަސް ޓީމު ދޫކޮށްލަފާނެކަމަށް އަޑު ފެތުރުނު ނަމަވެސް އޭނާ ވަނީ ޓީމުގައި މަޑުކުރަން ނިންމާފައެވެ.