ސައުދީ އަރަބިއްޔާގެ ޗެމްޕިއަން އަލް-އިއްތިހާދާއި ގުޅުނީ ފައިސާގެ ބޭނުމުގައި ނޫންކަމަށާއި، އެބިމަކީ މުސްލިމުންގެ އެންމެ މާތް ބިމަށް ވުމުން ކަމުގައި، އިތުބާރު ފޯވާޑު ކަރީމް ބެންޒީމާ ބުނެފިއެވެ.
ބެންޒެމާ ވަނީ މިފަހަރުގެ ސީޒަން ނިމުމާއެކު ރެއާލް މެޑްރިޑާއެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނެސްފައެވެ. އޭނާވަނީ ރެއާލްގައި ހޭދަކުރި 14 އަހަރުގައި 25 ތަށި ކާމިޔާބުކޮށްފައެވެ. މީގެތެރޭގައި ޔުއެފާ ޗެމްޕިއަންސް ލީގުގެ ފަސް ތައްޓާއި، ސްޕނިޝް ލީގުގެ ހަތަރު ތަށި ހިމެނެއެވެ. އަދި އޭނާ ރެއާލްގެ އެއްބަސްވުން ނިމުމަކަށް ގެނެސްފައިމިވަނީ ބާކީ އެއް އަހަރު އޮއްވައެވެ. ބެންޒެމާ ވަނީ ރެއާލަށް ޖުމްލަ 354 ލަނޑު ޖަހާދީފައެވެ.
ބެންޒީމާ ސައުދީ ލީގަށް ބަދަލުވުމަކީ ގިނަ ބައެއްގެ ހައިރާކަން ލިބުނު ކަމެކެވެ. އަދި އެތައް ސުވާލެއް މިކަމާއި ގުޅިގެން އުފައްދަމުން ދިޔައެވެ. ބެންޒީމާ ބުނެފައިވަނީ އޭނާ ސައުދީ ލީގަށް ދިޔައީ އޭނާއަކީ މުސްލިމަކަށް ވެފައި، މުސްލިމުންގެ އެންމެ މާތްބިމަކީވެސް ސައުދީގެ ބިންކަމަށް ވާތީކަމަށެވެ. އަދި އެޤައުމަކީ ހުރިހާ ގޮތަކުންވެސް ދިރިއުޅެން ފަސޭހަ ހިތްގައުމު ގައުމެއް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
އަހަރެންނަކީ މުސްލިމެއް. ސައޫދ އަރަބިއާ އަކީ މުސްލިމް ގައުމެއް. އެންމެ މާތް ބިން. މިގައުމުގައި ދިރިއުޅުމަށް އަހަރެން ލޯބިކުރަން. އަހަރެން މި ގައުމަށް އެކި ފަހަރުތަކުގެ މަތިން އައިސްފިން. އަހަރެންނަށް މިތަނުގެ މޫސުން ކަމުދޭ. އަހަރެން ސައޫދީގައި ފުޓްބޯޅަ ކުޅެން ނިންމީ ފައިސާގެބޭނުމުގައި ނޫން. މި ގައުމުގައި ދިރިއުޅޭ ހިތްވާތީ.
– ބެންޒީމާ ބުނެފައިވެއެވެ.
الأفضل في العالم في معقل النمور 🏟️🔥#Benzema2Ittihad pic.twitter.com/LKWjGmoju3
— نادي الاتحاد السعودي (@ittihad) June 8, 2023
ބެންޒެމާ ހާމަކުރިގޮތުގައި ސައުދީގެ ލީގަކީ ވަރުގަދަަ ލީގެއް ކަމަށާއި އެ ލީގުގައި މޮޅު ކުޅުންތެރިންތަކެއް ކުޅެމުންދާ ކަމަށެވެ. އެގޮތުން ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ މިގޮތުން ފާހަގަކޮށްލެވޭ ކުޅުންތެރިއެއް ކަމަށްވެސް ވަނީ ބުނެފައެވެ.
ބެންޒެމާ ބުނީ އޭނާ އަލް އިއްތިހާދާ ގުޅުނީ ޔޫރަޕްގައި ކަންކުރިގޮތަށް ކާމިޔާބީ ހޯދަން ކަމަށެވެ. އަދި ޔޫރަޕްގައި އޭނާއަށް ހޯދޭނެ ހުރިހާ ކާމިޔާބީއެއް ހޯދިއްޖެ ކަމަށާއި އެހެންކަމުން މިއީ އާ ޗެލެންޖަކާއި ކުރިމަތިލާން އެންމެ ރަނގަޅު ވަގުތު ކަމަށްވެސް ބުންޏެވެ. އަލް އިއްތިހާދުގެ މިހާރުގެ ކޯޗަކީ ކުރިން ވުލްވްސް އާއި ޓޮޓްނަމް ހޮޓްސްޕަރއަށް ކޯޗް ކޮށްދިން ޕޯޗުގަލްގެ ނޫނޯ އެސްޕިރިޓޯ ސަންޓޯއެވެ.