އްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަޤާމުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަކި ކުރުމަށް އެޕާޓީގެ ޕީޖީ ގްރޫޕުން ނިންމި ނިންމުމުގައި އެއްވެސް ވަރަކަށް އެމްޑީޕީގެ ޤައުމީ މަޖިލީހާއި މަޝްވަރާ ކޮށްފައި ނުވާތީ އެޕާޓީގެ ކުރީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޤާމުން ވަކި ކުރެއްވުމަށް 54 މެމްބަރުންގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅާފައެވެ.
ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާ ގޮތާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށް ޝިފާޒު ވިދާޅުވީ، އެމްޑީޕީއަކީ ޑިމޮކްރަޓިކް ހަމަތަކުން ހިނގާ ޕާޓީއެއް ކަމަށް ދައުވާ ކުރާއިރު، އެޕާޓީގެ ރައީސް މަޖިލީހުގެ ރައީސް ކަމުން ވަކި ކުރުމަށް ނިންމައި ހުށަހެޅިއިރު، އެޕާޓީގެ ޤައުމީ މަޖިލީހާއި ކުޑަ މަޝްވަރާއެއްވެސް ކޮށްފައި ނުވާކަމަށެވެ. މިއީ ޑީމޮކްރަޓިކް ހަމަތަކާއި، ބެސްޓް ޕްރެކްޓިސްއާއި އެއްގޮތަށް ކުރެވިފައިވާ ކަމެއްތޯ ޝިފާޒު ވަނީ ސުވާލު ކުރައްވާފައެވެ.
ޑިމޮކްރަޓިކް ޕާޓީއެއް ކަމަށް ނަމޫނާ ދައްކަމުންއައި ޕާޓީގެ މިއަދުގެ ހާލަތު. އެޕާޓީގެ ރައީސް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން ވަކިކުރަން މަޖިލިސްއަށް ހުށަހެޅިކަން އެޕާޓީގެ އެންމެ ބޮޑު ގުނަން، ޤައުމީ މަޖިލިސް ގައި މަޝްވަރާ ނުކުރޭ. މީތޯ އެތެރޭގެ ޑިމޮކްރަސީއާއި، ބެސްޓް ޕްރެކްޓިސް އަކީ.
– ޝިފާޒު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާގޮތުން މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކި ކުރެވޭނީ ޖަލްސާއަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވާ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކުރެއްވުމުންނެވެ. މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 87 ކަމަށްވާއިރު، ހުރިހާ މެމްބަރުން ހާޒިރުވެ ވޯޓުގައި ބައިވެރިވެއްޖެ ނަމަ ނަޝީދު މަގާމުން ދުރުކުރައްވަން 44 ވޯޓު ބޭނުންވާނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަޤާމުން ރައީސް ނަޝީދު ވަކި ކުރެއްވުމަށް ސޮއި ނުކުރައްވާ އެމްޑީޕީގެ 5 މެމްބަރަކު ހިމެނެއެވެ. ނަމަވެސް ރައީސް ނަޝީދު މަޤާމުން ވަކި ކުރެއްވުމަށް ސޮއިކުރެއްވި މެމްބަރުންގެ ތެރޭގައި މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ މެމްބަރުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ މީދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި މިނިވަން މެމްބަރުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އާއި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމެވެ.
ޤާނޫނު އަސާސީގައިވާ ގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާ ޖަލްސާގައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ނައިބް ރައީސްކަމަށެވެ. ފާހަގަކޮށްލަންޖެހޭ ގޮތުގައި މަޖިލީހުގެ ނައިބް ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލައެއްވެސް އޮތީ މަޖިލީހަށް ވައްދާފައެވެ. މިމައްސަލަތައް މަޖިލީހުގައި ކުރިއަށް ނުދާނެކަމުގެ މަންޒަރުތައް ފެންނާތީ އެކަމުގެ ކަންބޮޑުވުން އެމްޑީޕީން ދަނީ ފާޅު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ