2008 ވަނަ އަހަރުގެ އާ ގާނޫނުއަސާސީން ގެނެސްދިން ޑިމޮކްރަޓިކް ނިޒާމުގައި ހިމެނޭ ދައުލަތުގެ 3 ބާރުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ބާރަކީ ގާނޫނުހަދާ މަޖިލިހެވެ. ދައުލަތުގެ 3 ބާރުގެ ތެރެއިން ރައްޔިތުންގެ މަޖިލިސް ޚާއްސަވާ ސަބަބުތަކެއްވެސް އެބަހުއްޓެވެ. މުޅި މަޖިލިހަކީވެސް ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިޚާބުކުރާ މުވައްސަސާއެކެވެ. އެމަޖިލިހުގައި ކަންކަން ނިންމަންޖެހެނީ ރައްޔިތުންގެ މަންދޫބުންގެ ވޯޓަކުންނެވެ. އެއީ މަޖިލިސް ފްލޯ ކަމުގައިވި ނަމަވެސް، ކޮމިޓީތައް ކަމުގައިވި ނަމަވެސް، ރައްޔިތުންގެ މަޖިލިހުގެ އެއްވެސް ނިންމުމެއް މެމްބަރުންގެ ވޯޓަކުން މެނުވީ ނިންމޭނެ އެއްވެސް ހަމައެއް އުސޫލެއް ނެތެވެ.
އެހެންކަމުން މުޅި ރައްޔިތުންގެ މަޖިލިސް މަސައްކަތް ކުރާ އުސޫލަށް ރަގަޅަށް ނަޒަރެއް ހިންގާލާއިރު، އެމަޖިލިސް އުފެދި އަދި މަސައްކަތް ކުރަމުންދާ އުސޫލުތަކުގެ މައިގަޑު ތަރަހައެއްގެ ގޮތުގައި ފެންނާން އޮތީ މެޖޯރިޓީއަށް ތަބާވުމާއި، މެޖޯރިޓީ ވޯޓުން ކަންކަން ނިންމުމެވެ.
އެއީ ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީތަކުގެ މުގައްރިރުންނާއި، މަޖިލިސް ރައީސް އަދި ނާއިބު ރައީސްވެސް މަގާމަށް އައްޔަންކޮށް، އެ މަޖިލިހުގެ މެމްބަރުން ނިންމާ ނިންމުންތަކުގެ މައްޗަށް އަމުރު މައުރޫފް ހިންގުމަށް ފުރުސަތުދޭ ހަމައެކަނި އުސޫލުކަންވެސް މި ފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.

ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީތަކުގެ މުގައްރިރުންވެސް، ކޮމިޓީގެ މެޖޯރިޓީގެ އަޢުލަބިއްޔަތި ގެއްލުމުން މަގާމުން ދުރު ކުރެވެނީވެސް މިއަސާސްގެ މައްޗަށް ބިނާކޮށެވެ. ހަމައެއާއެކު ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ އިތުރުން ނާއިބު ރައީސްވެސް، އަޢުލަބިއްޔަތު ވޯޓާއެކު މަގާމުން ވަކިކުރުމުގެ ބާރު މަޖިލިހުގެ މެމްބަރުންނަށް ލިބިދީފައި އޮންނަނީ، ރައްޔިތުންގެ މަންދޫބުންގެ ރުހުމާނުލާ އެމަޖިލިހުގައި އެއްވެސް ކަމެއް ހިގައިދިއުމުގެ ފުރުސަތު ގާނޫނު އަސާސީންވެސް އަދި އެގާނޫނު އަސާސީން ބާރު ލިބިދީފައިވާ މަޖިލިސް ގަވާއިދުންވެސް ފުރުސަތު ދީފައި ނޯނާތީއެވެ.
އެހެންކަމުން، ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގައި އޮންނަ ގޮތުގެމަތިން، މަޖިލިހުގެ ތަޅުމުގައި ނެގޭ މެމްބަރުންގެ ވޯޓަކުން ރައީސާއި ނާއިބު ރައީސް މަގާމުން ދުރުކުރެވޭނަކަމަށް ލިޔެ ބަޔާން ކޮށްފައި އޮތް ނަމަވެސް، މެޖޯރިޓީ މެމްބަރުން ސޮއިކޮށް މަޖިލިހުގެ ތަޅުމަށް ޕެޓިޝަން ހުށަހަޅާ ހިސާބުން ސާފުވާން އެއްކަމެއް އޮތް ކަމުގައި ދަންނަވާން ޖެހެއެވެ.
އެއީ، ޕެޓިޝަންގައި ލިޔެ ބަޔާންކުރާ ކަންކަމުގެ މައްޗަށް މެމްބަރުން އަމިއްލައަށް ސޮއިއަޅާ މަޖިލީހަށް ޕެޓިޝަން ވައްދާ ހިސާބުން މެމްބަރުން ވިސްހުރި ގޮތް ސާފުވެގެން ދިއުމެވެ. މިގޮތުން 10 މެމްބަރުންގެ ތާއީދާއެކީ އިސްވެ ދެންނެވުނު އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދޭ ގޮތަށް އޮތްނަމަވެސް، މަޖިލިސް ރައީސް ނުވަތަ ނާއިބު ރައީސް މަގާމުން ދުރުކުރެވޭ އަދަދަށްވުރެ އިތުރަށް މެމްބަރުންގެ ސޮއި ހިމަނައިގެން ޕެޓިޝަން މަޖީހަށް ވައްދާ ހިސާބުން މަޖިލިސް ރައީސާއި ނާއިބު ރައީސް އިތުބާރު މެމްބަރުންގެ މެދުގައި ހަގީގަތުގައިވެސް ގެއްލިއްޖެކަމުގައި ގަބޫލުކުރާން އެއޮތީ މަޖުބޫރު ވެފައެވެ.
އީވާއާއި ނަޝީދު ވަކިކުރަން 50 މެމްބަރުންނަށްވުރެ ގިނައިން ސޮއިކުރި!
މިހާރު ރައްޔިތުންގެ މަޖިލިހުގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކާއެކު، އަދި އެމްޑީޕީގެ އެތެރޭގައި އުފެދުނު ސިޔާސީ ކޯޅުންތަކާއިއެކު، ޚުދު އެމްޑީޕީން އިސްނަގައިގެން މިވަނީ މަޖިލިސް ރައިސްއާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ.

މިގޮތުން މަޖިލިސް ނާއިބު ރައީސް އީވާގެ އިތުބާރު ނެތްކަމަށް 50 މެމްބަރަކު ސޮއިކޮށް ރައްޔިތުންގެ މަޖިލިހަށް ޕެޓިޝަން ހުށަހަޅާފައިވަނީ ފާއިތުވި މޭމަހުގެ 23 ވަނަ ދުވަހުއެވެ. އޭގެ 14 ދުވަސްފަހުން، މަޖިލިސް ރައީސްގެ އިތިބާރު ނެތިގެން، ނަޝީދު މަގާމުން ދުރުކުރުމަށް 54 މެމްބަރުންގެ ސޮއި ހަމަކޮށް މަޖިލީހަށް މައްސަލަ ވައްދާފައިވަނީ މިމަހުގެ 8 ވަނަ ދުވަހުއެވެ.
މަޖިލިސް ރައީސްއާއި ނާއިބު ރައީސް މަގާމުން ދުރުކުރުމަށް މަޖިލީހަށް މައްސަލަ ވެއްދެމަށް ޕެޓިޝަންގައި ސޮއި ކޮށްފައިވާ އަދަދަށް ބަލާއިރު، ދެބޭފުޅުންވެސް މަގާމުން ދުރުކުރުމަށް ބޭނުންވާ އަދަދު ކަމުގައިވާ 43 މެމްބަރުންނަށްވުރެ ޕެޓިޝަންގައި ސޮއި ކޮށްފައިވާ މެމްބަރުންގެ އަދަދު މާ ބޮޑުތަނުންވެސް އިތުރުކަން މިފުރުސަތުގައި ފާހަގަ ކޮށްލާން ޖެހެއެވެ.
މިގޮތުން އީވާ މަޖިލިސް ނާއިބު ރައީސްކަމުގެ މަގާމުން ދުރުކުރުމަށް މަޖިލިހުގެ މުޅި ތަޅުމުގެ %57 ތާއީކޮށްފައިވާއިރު، ނަޝީދު މަގާމުން ދުރުކުރުމަށް މުޅި ފްލޯގެ %62 ތާއީދު ކޮށްފައިވެއެވެ.
މަޖިލިސް ރައީސް އީވާއާއި ނަޝީދާއި ދެކޮޅަ ޕެޓިޝަންގައި ސޮއިކޮށްފައިވާ މެމްބަރުންގެ ނިސްބަތަށް ބަލާއިރު ސާފުވާން އޮތް އެއްކަމެއް އޮތްކަމުގައި ދަންނަވާން ޖެހެއެވެ. އެއީ ދެބޭފުޅުންވެސް މަގާމްގައި ތިބުމަށް ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ މެމްބަރުންގެ ތާއީދު ނެތްކަމެވެ. އަދި މެމްބަރުންގެ ރުހުން ނެތި ރިޔާސަތުގައި ތިބުމުގެ އެއްވެސް އިޚްތިޔާރެއް މަޖިލިސް ރައީސަށްވެސް އަދި ނާއިބު ރައީސަށްވެސް ރައްޔިތުންގެ މަޖިލިގެ ގަވާއިދުން ލިބިދީފައި ނެތްކަމެވެ.
އެހެންކަމުން، މެޖޯރިޓީ މެމްބަރުންގެ ތާއީދާއެކު، މަޖިލިސް ރައީސާއި ނާއިބު ރައީސް މަގާމުން ވަކިކުރުމަށް އެމަޖިލީހަށް މިހާރު ހުށަހަޅާފައިވާ ޕެޓިޝަން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ހިސާބުންވެސް މަގާމުގައި ދެމި ތިއްބެވުމުގެ "މޯރަލް އޮތޯރިޓީ" ދެބޭފުޅުންނަށްވެސް ގެއްލިގެން ހިގައްޖެކަމުގައި ދަންނަވާން ޖެހެއެވެ. ޑިމޮކްރަސީއަށް ތަބާވާ، ޑިމޮކްރަސީގެ އުސޫލު ގަބޫލުކުރާ ބަޔަކުނަމަ، މަގާމު، އެހާތަނުން ރުހުމުގައި ދޫކޮށްލާންވެސް ޖެހޭނެއެވެ.
ދައްކަވަމުން ގެންދަވަނީ ޚުދުމުޚްތާރުކަމުގެ ނަމޫނާ!
ރައްޔިތުންގެ މަޖިލިހުގެ ރައީސް މަގާމުން ދުރުކުރުމުގެ މަސައްކަތަކީ އެ މަޖިލިހުގައި އަބަދުވެސް ބޮޑެތި ހަމަނުޖެހުންތަކާއެކު ކުރިޔަށް ގޮސްފައިވާ މައްސަލައެއް ކަމުގައި ދަންނަވާން ޖެހެއެވެ. އޭގެ އެންމެ ސާފު މިސާލެއް ފެންނާން އޮތީ 18 ވަނަ މަޖިލިހުގައި ރައްޔިތުންގެ މަޖިލިހުގެ އޭރުގެ ރައީސް މަސީހު މަގާމުން ދުރުކުރުމަށް ކުރެވިގެންދިޔަ މަސައްކަތްތަކެވެ.
ރައީސް ޔާމިންގެ ވެރިކަމުގައި، މަސީހު މަގާމުން ދުރުކުރުމަށް ރައްޔިތުންގެ މަޖިލިހަށް މެޖޯރިޓީ މެމްބަރުންގެ ތާއީދާއެކީ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން، އޭރުގެ ވެރިކަމުގެ ފަރާތުން، އެ މޯޝަނަށް ޗެލެންޖުކޮށް، ޕެޓިޝަންގައި ސޮއިކުރި ޕީޕީއެމްއަށް ނިސްބަތްވާ 12 މެމްބަރެއްގެ ގޮނޑި ގެއްލިއްޖެކަމަށް ނިންމާ، މަޖިލިހުގެ ރިޔާސަތުގައި މަސީހު "ބަގުޑި ބެއްދި"އެވެ.
އެ ހަނގުރާމާގައި އެންމެފަހުން ރައްޔިތުންގެ މަޖިލިހަށް ސިފައިން ވައްދާ، މެމްބަރުން ދޮރާށިމަތިން ބޭރަށް އުކާ، ރައްޔިތުންގެ މަޖިލިހުގެ ތެރެއިން ފެނިގެން ހިގައިދާނެކަމަށް ގިނަބަޔަކު ހީކޮށްފައިނުވާ އެތައްކަމެއް ތަމްސީލުވެގެން ދިޔައެވެ.

އެހެންނަމަވެސް މިއަދު ފެންނާ މިއޮތީ އޭރު މަސީހު މަގާމުން ދުރުކުރުމަށް ސޮއިކުރި މެމްބަރުންނަށްވުރެ ބޮޑު މެޖޯރިޓީއަކާއެކު މަޖިލިސް ރައީސާއި ނާއިބު ރައީސް މަގާމުން ދުރުކުރުމުގެ މައްސަލަ މަޖިލީހަށް ވައްދާފައި އޮތް ތަނެވެ. އަދި މިއަދު މަޖިލިސްގެ ރިޔާސަތުގައި ތިއްބެވީ، މެމްބަރުންގެ އިތުބާރު ގެއްލުމުން މަގާމުން އިސްތިއުފާ ދެއްވަންޖެހޭނެ ކަމަށް އޭރު ވަކާލާތު ކުރެއްވުމުގައި އެންމެ އިސްކޮށް ތިއްބެވި ދެބޭފުޅުންކަންވެސް ފާހަގަކޮށްލާން ޖެހެއެވެ.
ހަމައެއާއެކު، ޑޮމިކްރަސީގެ ނަމުން މެޑަލް ޖައްސަވައިގެން، ޑިމޮކްރަސީގެ ނަމުން ޕާޓީ ހައްދަވައިގެން، ތިމާމެންނަކީ ޑިމޮކްރޭޓުންކަމަށް ވިދާޅުވާ ބޭފުޅުން، މެމްބަރުންގެ ރުހުން ނެތި މަޖިލިސް ރިޔާސަތުގައި "ބަގުޑި ބެއްދުމަށް" އެކި އުޒުރު މެދުވެރިކޮށް ކުރަމުންދާ މަސައްކަތަކަށްވުރެ ވަކީން ބޮޑު ޚުރުމުޚްތާރުކަމެއް ކޮބައިތޯ މިއަދު މިވަނީ ހަގީގަތުގައި ސުވާލު އުފައްދާން ޖެހިފައެވެ.