ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޤާމުން ވަކި ކުރެއްވުމަށް 54 މެމްބަރުންގެ ސޮޔާއިއެކު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 87 ކަމަށް ވާއިރު، ހުރިހާ މެމްބަރުން ހާޒިރުވެ ވޯޓުގައި ބައިވެރިވެއްޖެ ނަމަ ނަޝީދު މަގާމުން ދުރުކުރަން ބޭނުންވަނީ 44 ވޯޓެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަޅަން އެމްޑީޕީން ނިންމީ ރިޔާސަތުގައި އިންނަވައިގެން މަޖިލިހުގެ ގަވާއިދާ ހިލާފަށް ވަރަށް ގިނަ ކަންކަން ކުރާ ކަމަށް ބުނެއެވެ. ހާއްސަކޮށް، ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވާ މި ދަނޑިވަޅުގައި އިތުރަށް އެ ކަންކަން ބޮޑުވެފައިވާ ކަމަށް އެމްޑީޕީގެ މަޖިލިސް މެމްބަރުން ވިދާޅުވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަޤާމުން ރައީސް ނަޝީދު ވަކި ކުރެއްވުމަށް ސޮއި ނުކުރައްވާ އެމްޑީޕީގެ 4 މެމްބަރަކު ހިމެނެއެވެ. އޭގެ ތެރޭގައި ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެއް) އާއި ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދާއި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު (ޗެކްމާކް) އަދި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖެވެ.
ދޮންބިލޭ އަކީ ރައީސް ޞާލިހު ފ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި މަޖިލިސް ތެރެއިން ސަރުކާރު ދަމަހައްޓައި، ސަރުކާރުން ބޭނުންވާ ކަންކަން ކޮށްދެއްވުމުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވި މެމްބަރެކެވެ.
ނަޝީދު މަޤާމުން ވަކި ކުރެއްވުމަށް ސޮއިކުރެއްވި މެމްބަރުންގެ ތެރޭގައި މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ މެމްބަރުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ މީދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި މިނިވަން މެމްބަރުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އާއި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމެވެ.
ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އީވާ މަގާމުން ވަކިކުރުމުގެ މައްސަލައެއް ވެސް އެމްޑީޕީން ވަނީ މަޖިލިހަށް ހުށަހަޅައިފަ އެވެ. އެ މައްސަލަ މިހާރު ވަނީ އަންނަ ހޯމަ ދުވަހުގެ ޖަލްސާ އަށް އެޖެންޑާ ކޮށްފައެވެ.