ބަންޑާރަނައިބު މަޖިލީހުގެ އިމްތިޔާޒަށް އަރައިގަނެފައިވާ މައްސަލައެއް

ބަންޑާރަނައިބު މަޖިލީހުގެ އިމްތިޔާޒަށް އަރައިގަނެފައިވާ މައްސަލައެއް

Author
މުޙައްމަދު ޝަޒައިމް
06 ޖޫން 2023 11:35
0

ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރުނެތްކަމުގެ މައްސަލައިގައި ލިޔުމުން ޖަވާބުދާރީ ވެވަޑައިގެންނެވިއިރު ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށާއި ގަދަރަށް އުނިކަން ލިބޭ އަމަލެއް ކުރައްވާފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް އިމްތިޔާޒު މައްސަލައެއް މިއަދު ހުށަހަޅައިފިއެވެ.

އިމްތިޔާޒު މައްސަލަ ހުށަހެޅުއްވީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފްއެވެ. މައްސަލަ ހުށަހަޅުއްވަމުން ހުސައިން ވިދާޅުވީ ބަންޑާރަނައިބު ރިފްއަތު ލިޔުމުން ހުށަހެޅުއްވި ޖަވާބުގައި މަޖިލީހުގެ އިމްތިޔާޒުތަކަށް ގޮންޖައްސަވާފައިވާ ކަމަށެވެ.

މައްސަލައަށް ބަހުސްކުރަން ނުފެންނަ ކަމަށް 48 މެންބަރުން ވޯޓު ދެއްވިއިރު ބަހުސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 20 މެންބަރުންނެވެ.

ބަންޑާރަ ނައިބުގެ މަސައްކަތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން އެ ފަރާތާ ސުވާލުކޮށް ޖަވާބު ހޯދިދާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ދޭހެވާ މެރުމުން އިބާރާތްކޮށްފައިވާ ކަމީ މުޅި މަޖިލީހަށް ކޮށްފައިވާ މަލާމާތެއް ކަމުގައި ދެކެން. އަދި ދައުލަތުގެ ބަންޑާރަ ނައިބު އެހެން ދެކުމަކީ އޭގައި ވަރަށް ބޮޑު ކަންބޮޑުވުންތަކެއް ހުރި ކަމެއް ކަމުގައި ވެސް ދެކެން. ހުސެއިން މުހައްމަދު ވިދާޅުވިއެވެ.

މެމްބަރު ހުސެއިން މުހައްމަދު ހުށަހެޅުއްވި އިމްތިޔާޒުގެ މައްސަލައަށް ބަހުސް ކުރަން ފާސްނުވި ނަމަވެސް އެފަދަ މައްސަލައެއް ހުށަހެޅިއްޖެ ނަމަ އެކަމަށް ގޮތެއް ނުނިންމައި ކުރިއަށް ނުދެވޭނެ ކަމަށް އިދިކޮޅު ބައެއް މެމްބަރުން ވިދާޅުވިއެވެ. އެކަމަކު ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުން ވިދާޅުވީ އެ މައްސަލަ ކޮމެޓީއަށް ނުފޮނުވޭނެ ކަމަށެވެ.

މިމައްސަލާގައި މަޖިލިސް ތަޅުން ހެނދުނަށް މެދު ކަނޑާލީ އުފެދުނު ޚިޔާލް ތަފާތުވުންތަކުގެ ތެރެއިންނެވެ. މަޖިލިސް ބްރޭކަށްފަހު އަލުން ފެށުމަށް މަސައްކަތް ކުރުމުން އެމްޑީޕީ މެމްބަރުން އިހުތިޖާޖު ކުރުމުން ޖަލްސާ ވަނީ ނިންމާލާފައެެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.