ސިންގަލް ޔޫސްޑް ޕްލާސްޓިކްގެ ބާވަތްތަކަކީ، ތިމާވެށްޓަށާއި އިންސާނުންގެ ޞިއްޙަތަށްވެސް ނުރައްކާވާ އެއްޗެއްކަމުން، ސިންގަލް ޔޫސްޑް ޕްލާސްޓިކްގެ 13 ބާވަތެއް ރާއްޖެއަށް އެތެރެކުރުމާއި، ރާއްޖޭގައި އުފެއްދުމާއި، އަދި ރާއްޖޭގައި ބޭނުންކުރުން މިހާރުވަނީ މަނާކޮށްފައި ވާކަމަށާއި، ކުރިމަގުގައި ޕްލާސްޓިކްގެ އިތުރު އައިޓަމްތައް މަނާކުރުމަށް މިހާރު މަސައްކަތް ކުރެވެމުންދާ ކަމުގައި ރައީސް ސާލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސާލިހު މިހެން ވިދާޅުވީ، ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ރޭ އަރިއަތޮޅު އުތުރުބުރީ އުކުޅަހުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ސިންގަލް ޔޫސް ޕްލާޓިމް މުދުކުރުމުގެ ސިޔާސަތު ތަންފީޒު ކުރަން ފެށި ފަހުން، އެއް އަހަރުގެ ތެރޭގައި ރާއްޖެއަށް އެތެރެކުރި ޕްލާސްޓިކް ކޮތަޅުގެ ނިސްބަތް، 50 އިންސައްތަ މަދުވެފައިވާ ކަމުގައެވެ.
މި ސިޔާސަތު ތަންފީޒު ކުރަން ފެށި ފަހުން، އެއް އަހަރުގެ ތެރޭގައި ރާއްޖެއަށް އެތެރެކުރި ޕްލާސްޓިކް ކޮތަޅުގެ ނިސްބަތް، 50 އިންސައްތަ މަދުވެއްޖެ. ކުރިމަގުގައި ޕްލާސްޓިކްގެ އިތުރު އައިޓަމްތައް މަނާކުރުމަށް މި އަންނަނީ މަސައްކަތް ކުރަމުން.
ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވިއެވެ.
ރައީސް ސާލިހުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ، ރާއްޖެއަކީ ސިންގަލް ޔޫސްޑް ޕްލާސްޓިކް އެއްގޮތަކަށްވެސް ބޭނުންނުކުރާ ޤައުމަކަށް ހެދުން ކަމަށާއި، އެކަށީގެންވާ ގޮތެއްގައި ކުނި މެނޭޖް ނުކުރެވުމަކީ، ރާއްޖޭގެ ތިމާވެށްޓަށް ދިމާވެފައިވާ އެންމެބޮޑު އެއް ގޮންޖެހުން ކަމުގައެވެ. އަދި ކުނި މެނޭޖް ކުރުމުގެ މައްސަލައަށް އަވަސް ޙައްލުތަކެއް ހޯދައިދިނުމަކީ، ސަރުކާރުގެ އެންމެބޮޑު އެއް އަމާޒު ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ވަނީ، މިއަހަރުގެ ތިމާވެށީގެ ދުވަހުގެ ޝިއާރުކަމުގައިވާ "ބީޓް ޕްލާސްޓިކް ޕޮލިއުޝަން" މިޝިއާރުގެ ދަށުން ސްކޫލުތަކަށް ހުޅުވާލައިގެން ބޭއްވި، ވީޑިއޯ އުފެއްދުމުގެ މުބާރާތުން ހޮވުނު އެންމެ މޮޅު 3 ވީޑިއޯ ދައްކާފައެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ ޖޫންމަހުގެ 5 ވަނަ ދުވަސް ފާހަގަކުރުމަށް އދ. އިން ނިންމާފައި ވަނީ، 1972 ވަނަ އަހަރުއެވެ. މިއަހަރަކީ، ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރާތާ 50 އަހަރު ފުރުނު އަހަރެވެ.