22 އޮގަސްޓް 2022 ގައި ރައީސް ސާލިހު ސޮއި ކުރައްވާ، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީފުޅަކީ، މޮރިޝަސްއައި ރާއްޖެއާދެމެދު "އިކުއި ޑިސްޓޭންސް"ގެ އުސޫލުން މިހާރު ބަހާފައިވާ ކަނޑުގެ މައްސަލައާއި އެއްވެސް ގުޅުމެއް ނެތް ސިޓީފުޅެއް ކަމުގައި ދައުލަތުގެ ބަންޑާރަނައިން އިބުރާހިމް ރިއްފަތު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިހަށް މިހާރު ހުށަހެޅިފައިވާ ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ރައްޔިތުންގެ މަޖިލިހަށް ޖަވާބުދާރީވަމުން ރިއްފަތު މިއަދު ވިދާޅުވީ ރައީސްގެ ސިޓީއަކީ ދެކުނުގެ އީއީޒެޑްގެ މައްސަލައިގެ މައުޟޫއާއި އެއްވެސް ގުޅުމެއް ނެތް ސިޓީއެއްކަމަށެވެ.
ރައީސުލްޖުމުހޫރިއްޔާގެ 22 އޮގަސްޓް 2022 ގައި ސޮއިކޮށް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީއަކާއި ގުޅޭގޮތުން ދެކުނުގެ އީއީޒެޓްޑްގެ މައްސަލާއާއި ގުޅުވާ ދިވެހި ދައުލަތުން ކޮޅު ބަދަލު ކުރީކަމަށް ބުނުމަކީ ކަނޑައެޅިގެން ދޮގެއް. ރައީސްގެ ސިޓީއަކީ ދެކުނުގެ އީއީޒެޑްގެ މައްސަލައިގެ މައުޟޫއާއި އެއްވެސް ގުޅުމެއް ނެތް ސިޓީއެއް.
ރިއްފަތު ވިދާޅުވިއެވެ.
މިއަދު ރައްޔިތުންގެ މަޖިލިހަށް ޖަވާބުދާރީވަމުން ރިއްފަތު އިތުތަށް ވިދާޅުވީ ރާއްޖެއާއި މޮރިޝަސްގެ ކަނޑުން ފުށުއަރާ ބައި "އިކުއި ޑިސްޓޭންސް"ގެ އުސޫލުން ބެހުމަށް އިޓްލޮސްގެ ފަނޑިޔާރުން ކުރި ހުކުމްގައި، މައްސަލަ ސާބިތުކުރުމަށް، މައްސަލައިގެ އެއްވެސް ހިސާބެއްގައި ކިތާބީ ހެއްކެއްގެ ގޮތުގައި ރައީސް ސާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީ ހިމަނާފައި ނުވާކަމުގައެވެ.
އަދި އޭނާ ވިދާޅުވީ ރާއްޖެއާއި މޮރިޝަސްގެ ކަނޑުން ފުށުއަރާ ބައި "އިކުއި ޑިސްޓޭންސް"ގެ އުސޫލުން ބެހުމަށް އިޓްލޮސްގެ ފަނޑިޔާރުން ކުރި ހުކުމް 30 ދުވަހުގެ ތެރޭގައި އިސްތިއުނާފް ކުރެވޭނެކަމަށް ވިދާޅުވެ ކުރީގެ ބަންޑާރަނައިބުން ދައްކަވާ ވާހަކަތައް ބިލާހަކަށް ވެއްޖެކަމަށެވެ.
ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވީ އެކަން ކުރާނީ ކިހިނެއްތޯ، ދާނީ ކޮންތާކަށްތޯ، އަދި މައްސަލަ ހުށަހަޅާނީ އަދި ރިއާޔަތް ކުރާނީ ކޮން ގާނޫނަކަށްތޯއާއި މިއިން އެއްވެސް ސުވާލަކަށް އެއިން އެއްވެސް ބޭފުޅެއްގެ ޖަވާބެއް ދެެއްވާފައި ނެތުމެވެ.
އިޓްލޮސްއިން ނިންމި މައްސަލަ 30 ދުވަހުގެ ތެރޭގައި އިސްތިއުނާފް ކުރެވޭނެ ކަމަށް ކުރީގެ ބަންޑާރަނައިބުން ބުނުމަކީ ބިލާހަކަށް ވެއްޖެ ކަމެއް. އެކަން ކުރާނީ ކިހިނެއްތޯ، ކޮންތާކަށްތޯ ދާނީ، ކޮންތާކަށްތޯ މައްސަލަ ހުށަހަޅާނީ، ކޮން ގާނޫނަކަށްތޯ ރިއާޔަތް ކުރާނީ މިއިން އެއްވެސް ކަމަކަށް އެއިން ބޭފުޅެއްގެ ޖަވާބެއް ނެތް. އިޓްލޮސްގެ ނިންމުން އިސްތިއުނާފް ކުރެވޭނެކަމަށް ބުނުމަކީ ގާނޫނީ މާހިރެއް ކީއްކުރަންތޯ ގާނޫނު ކިޔަވާ ކުއްޖަކުވެސް ދައްކާނެފަދަ ވާހަކައެއް ނޫން.
ކުރީގެ ދެ ބަންޑާރަ ނައިބުން ކަމަށްވާ ޑރ. މުވައްވަރުއާއި އާއިޝަތު އާޒިމާ ޝަކޫރު މިމައްސަލާގައި ދައްކަވަމުން ގެންދަވާ ވާހަކަތަކަށް ރައްދު ދެއްވަމުން ރިއްފަތު މިއަދު މަޖިލީހަށް ޖަވާބުދާރީ ވަމުން ވިދާޅުވެފައި ވެއެވެ.
ރައީސް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީއައި ޗާގޮސް މައްސަލައާއި އެއްވެސް ގުޅުމެއް ނެތްކަމަށް ރިއްފަތު ވިދާޅުވެފައިވި ނަމަވެސް، އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ މައްސަލަ އިޓްލޮސްއިން ނިންމާފައިވަނީ ރައީސް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީ އަސާސެއްކަމަށް ބަލައިގެން ކަމުގައެވެ.
އަދި ރައްޔިތުންގެ މަޖިލިހުގެ ރުހުން ނެތި ރައީސަށް އެސިޓީ މޮރިޝަސްގެ ބޮޑުވަޒީރަށް ނުފޮނުއްވޭނެކަމަށްވެސް އިދިކޮޅު ފަރާތަކުން ބުނަމުން ދެއެވެ.