އިދިކޮޅު ފަރާތްތަކުން ގުޅިގެންވެސް މިސަރުކާރު ބަލިކޮށްލެވޭ ވަރުގެ ބަދަހިިކަމެއް ނުފެންނަ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.
ދެބައިވެފައިވާ އެމްޑީޕީގެ ތެރެއިން މެމްބަރު ރާއީ އަކީ ރައީސް ޞާލިހަށް ތާއީދު ކުރާ މެމްބަރެކެވެ. ޗާގޯސް މައްސަލާގައި އިިދިކޮޅު އިއްތިހާދުން ރޭ ބޭއްވި ޖަލްސާގައި އިދިކޮޅު ގިނަ ލީޑަރުންނާއި، ކޯލިޝަނަށް ތާއީދުކުރާ ގިނަ އަދަދެއްގެ ޢާންމު ރައްޔިތުން ވަނީ ބައިވެރި ވެފައެވެ.
މިޖަލްސާގައި އެމްއެންޕީގެ ފަރާތުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކާނަލް ރިޓަޔާޓް މުހައްމަދު ނާޒިމް ވަނީ އިދިކޮޅު ފަރާތްތަކުން އެކަތިގަނޑަކަށް ވެގެން މިހާރުގެ ސަރުކާރު ބަލި ކޮށްލާނެ ކަމަށް ވިދާޅުވެފައެވެ. އަދި މިއީ ފެށުމެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި މިސަރުކާރު ބަލިކުރަން ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކުގައި އެއްބައުވަންތަ ކަމާއިއެކު ތިބޭނެކަމަށެވެ.
ނާޒިމްގެ ވާހަކަތަކަށް ރައްދު ދެއްވައި މެމްބަރު ރާއީ ވިދާޅުވީ ރޭގެ ޖަލްސާގައި އިދިކޮޅު ފަރާތްތަކުން ދައްކަން ބޭނުންވި ބަދަހިކަމެއް ރައްޔިތުންނަށް ފެނިފައި ނުވާކަމަށެވެ. އަދި އެފަދަ ފޯރިއެއްވެސް އަދި އެއްބައިވަންތަ ކަމެއްވެސް ރޭގެ ޖަލްސާއިން ފެނިފައި ނުވާކަމަށް މެމްބަރު ރާއީ ވިދާޅުވިއެވެ.
އިރާދަ ކުރެއްވިއްޔާ ނުކުރެވޭނެ، ވަރަށް ސާފް، ދެން އިހުކުރި ގޮތަކަށް ކަށަވަރު. ބަދަހި ކަމެއް ޖޯޝެއް، ބަދަހި ކަމެއްވެސް ނުފެނުނު.
– މެމްބަރު ރާއީ ވިދާޅުވިއެވެ.
އިންޝާﷲ ނުކުރެވޭނެ، ވަރަށް ސާފް، ދެން އިހުކުރި ގޮތަކަށް ކަށަވަރު.
ބަދަހި ކަމެއް ޖޯޝެއް، ބަދަހި ކަމެއްވެސް ނުފެނުނު 🙏 pic.twitter.com/0zdhV0dpgX— Mohamed Raee / Makunudhoo Constituency (@Mraee12) June 2, 2023
ރާއްޖޭގެ ކަނޑުގެ ސަރަހައްދު ވިއްކާލުމާއި ދެކޮޅަށް ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، ގެއްލިގެން ދިޔައީ ރާއްޖޭގެ ސިޔާދަތުގެ ތެރޭގައިވާ ބޮޑު ތަނެއް ކަމަށާއި އެހެންކަމުން މިއީ މަޑުން ތިބެވޭނެ ވަގުތެއް ނޫން ކަމަށެވެ. އެކަމާއި ގުޅިގެން މަގުމަތީގައި ވެސް އަޑޫ އުފުލަން ޖެހިއްޖެނަމަ، އެކަން ކޮށްގެން ވެސް ކާމިޔާބު ހޯދާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ، ރާއްޖެ މިނިވަންވިތާ 50 އަހަރު ވެގެން ދިޔައިރު، ރާއްޖޭގެ ކަނޑުގެ ސަރަހައްދެއް އޭރު ވެރިކަމުގައި ތިބި އެއްވެސް ބޭފުޅަކު ދޫކޮށް ނުލައްވާ ކަމަށާއި ނަމަވެސް މިއަދުގެ ސަރުކާރުން ފޮނުވާލި ސިޓީއަކުން ބޮޑު ގެއްލުމެއް ރާއްޖޭގެ މަސްވެރިންނަށާއި ދިވެހިންނަށް ލިބިގެން ގޮސްފައިވާ ކަމަށެވެ.
މިކަންކަން މިހެން އޮތުމުން ހައްލެއް ހޯދުމަށް ފުންކޮށް ވިސްނަން ޖެހޭ ކަމަށާއި މިސަރުކާރު ބަލިކޮށްލަން ޖެހޭ ކަމަށް ނާޒިމް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ