ސެޕްޓެމްބަރު 9ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ކާމިޔާބު ކުރައްވާނީ ބޮޑު ތަނުން، ބޮޑު ޢައުލަބިއްޔަތުން ކަމަށް ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝާހިދު މިހެން ވިދާޅުުވީ ރިިޔާސީ އިންތިޚާބަށް ތައްޔާރުވުމަށްޓަކައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިމެނޭ އެމްޑީޕީގެ ކެމްޕެއިން ޓީމުތަކާއިއެކު ބާއްވާ ބައްދަލުވުންތަކުގެ ތެރެއިން ހއ.ހޯރަފުށީ ކެމްޕެއިން ޓީމާއިއެކު ބޭއްވި ބައްދަލުވުމަށްފަހު ކުރެއްވި ޓުވީޓެއްގައެވެ. މިނިސްޓަރ ޝާހިދު ވިދާޅުވީ ރައީސް ޞާލިހަށް އިންތިޚާބު ކާމިޔާބު ކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރައްޔިތުން އޮތީ ފުރިހަމަ އަށް ތައްޔާރު ވެފައިކަމަށެވެ.
މިއިންތިޚާބު ރައީސް ޞާލިހު ކާމިޔާބު ކުރައްވާނީ ރައްޔިތުންގެ ސާފު އައުލަބިއްޔަތުން ކަމަށެވެ. އަދި މިއިންތިޚާބު ރައީސް ޞާލިހަށް ކާމިޔާބު ކޮށްދެއްވުމަށް ދިވެހި ރައްޔިތުން ތިބީ އަތުކުރި އޮޅާލައިގެން ކަމަށެވެ.
ރައީސް ޞާލިހު ކުރިއަށް އޮތް ރިޔާސީ އިންތިޚާބް ކާމިޔާބު ކުރައްވާނީ ބޮޑުތަނުން، އަދި ބޮޑު އަޣްލަބިއްޔަތަކުން.
– ޝާހިދު ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބާ ގުޅޭ ކެމްޕޭނު މަސައްކަތްތައް ކުރިއަށް ދާ ގޮތް މަޝްވަރާކުރުމަށް ހއ. ހޯރަފުށި ދާއިރާގެ 2023 ރިޔާސީ ކެމްޕޭނު ޓީމާ މިއަދު އަޅުގަނޑު ބައްދަލުކުރިން.
ރައީސް @ibusolih ކުރިއަށް އޮތް ރިޔާސީ އިންތިޚާބް ކާމިޔާބު ކުރައްވާނީ ބޮޑުތަނުން، އަދި ބޮޑު އަޣްލަބިއްޔަތަކުން.… pic.twitter.com/UGRurMbYIO
— Abdulla Shahid (@abdulla_shahid) June 1, 2023
ރިޔާސީ އިންތިޚާބަށް އެމްޑީޕީން ކެމްޕެއިން ފަށާފައިވާއިރު، ކުރިއަށް އޮޮތް ދައުރުގައި ރައީސް ޞާލިހުގެ ރަނިން މޭޓަކަށް ނުވަތަ ނައިބް ރައީސަކަށް އަދި މިހާތަނަށް ވަކި ބޭފުޅަކު ކަނޑައަޅާފައި ނުވެއެެވެ. ރައީސް ޞާލިހު ވިދާޅުވެފައިވަނީ ރަނިން މޭޓަކު ކަނޑައެޅުމަކީ ކައިރީގައި ތިއްބެވި ބޭފުޅުންނަށް ބަލާއިރު ވަރަށް ފަސޭހަ ކަމެއްކަމަށެވެ. ޗޮއިސްތައް ބައިވަރު ހުރިކަމަށެވެ.
މިނިސްޓަރ ޝާހިދަކީވެސް ރައީސް ޞާލިހު ދެވަނަ ދައުރަކަށް ވާދަ ކުރައްވާއިރު، ރަނިން މޭޓްކަމަށް ފައިނަގާފައިވާ ބޭފުޅެއްކަމަށް އަޑުތައް ދަނީ ފެތުރެމުންނެވެ.
ރައީސް ޞާލިހު ވިދާޅުވެފައިވަނީ މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބު އެމްޑީޕީއާއި، އެޕާޓީއާއިއެކު ހަދާފައިވާ ކޯލިޝަނުން އެއްބުރުން ކާމިޔާބު ކުރާނެކަމަށެވެ. އެމްޑީޕީގެ ތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުންތަކާއިއެކު އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އަމިއްލަފުޅު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށާފައެވެ. ދަ ޑިމޮކްރެޓްސްގެ ނަމުގައި އުފައްދާ ސިޔާސީ ޕާޓީން ރިޔާސީ އިންތިޚާބުގައި ކެނޑިޑޭޓަކު ނެރުމަށްވެސް ވަނީ ނިންމާފައެވެ.