އިންޓައިން ހޯދި ފުރަތަމަ މޮޅާއެކު އުންމީދު އާކޮށްފި

އިންޓައިން ހޯދި ފުރަތަމަ މޮޅާއެކު އުންމީދު އާކޮށްފި

Author
އިބްރާހީމް ސާޢިދު
02 ޑިސެމްބަރ 2020 12:07
0

ޗެމްޕިއަންސް ލީގުގައި ރަށުން ބޭރުގައި ރޭ ޖަރުމަނުގެ ބޮރޫޝިއާ މުންޗެންގްލަޑްބެކް އަތުން 3-2 އިން މޮޅުވެ އިންޓަ މިލާން އަނެއް ބުރަށް ދިއުމުގެ އުންމީދު އާކޮށްފި އެވެ.

ކުޅުނު ފުރަތަމަ ހަތަރު މެޗުން މޮޅެއް ނުލިބި ވަނިކޮށް ރޭ އިންޓަ އިން ވަނީ ބުރަކޮށް މަސައްކަތްކޮށް މުބާރާތުގެ ފުރަތަމަ ތިން ޕޮއިންޓް ހޯދާފަ އެވެ. މަޓެއޯ ޑާމިއަންގެ ލަނޑުން އިންޓަ ލީޑުނަގާފައި ވަނިކޮށް މުންޗެންގްލަޑްބެކަށް އެއްވަރުކޮށްދިނީ އަލެކްސަންޑަ ޕްލެއާ އެވެ.

ދެ ވަނަ ހާފްގައި ރޮމެލޫ ލުކާކޫގެ ދެ ލަނޑުން އިންޓަ އިން ދެ ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް ޕްލެއާ ވަނީ އިތުރު ލަނޑެއް ޖަހައި މުންޗެންގްލަޑްބެކަށް އުއްމީދެއް ހޯދައިދީފަ އެވެ. ޕްލެއާ އޭނާގެ ހެޓްރިކް ފުރިހަމަކުރަން ގޯލެއް ޖެހި ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު އެ ގޯލު ބަަލައިނުގަންނަން ނިންމީ އިންޓަގެ ކީޕަރު ސާމިރް ހަންޑަނޮވިޗަށް އޮފްސައިޑްގައި ހުރި ކުޅުންތެރިއަކު ހުރަސް އެޅި ކަމަށް ބަލާފަ އެވެ.

ލުކާކޫ ވަނީ މިހާތަނަށް އިންޓައަށް ކުޅުނު 63 މެޗުގައި 45 ލަނޑުޖަހާ، 8 ލަނޑެއް ޖެހުމަށް ހިއްސާވެފައެވެ.

އިންޓަ އިން އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ވާދަކުރީ 2012 ވަނަ އަހަރު އެވެ. އޭގެ ފަހުން މުބާރާތުގައި ކުޅެން ލިބުނު ފަހަރުތަކުގައި ގްރޫޕް ސްޓޭޖު ފަހަނައަޅައި ނުދެވުނެވެ.

ކޮންމެ ޓީމެއް ފަސް މެޗު ކުޅެ ބާކީ އެއް މެޗު އޮތްއިރު، ގްރޫޕް ބީގެ އެއް ވަނައިގައި މި ވަގުތު މުންޗެންގްލަޑްބެކް އޮތީ އަށް ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޝަހުތަރާއި ތިން ވަނައިގައި އޮތް ރެއާލަށް ލިބިފައިވަނީ އަށް ޕޮއިންޓެވެ. އިންޓަ ހަތަރު ވަނާގައި އޮތީ ފަސް ޕޮއިންޓާ އެކު އެވެ.

ގްރޫޕްގެ ފަހު ދެ މެޗު އަންނަ ހަފްތާގައި ކުޅޭއިރު، ޝަހުތަރަށް ފަހު މެޗު އެއްވަރުކޮށްލައިގެން ވެސް އަނެއް ބުރުގެ ޖާގަ ލިބޭނެ އެވެ. އިންޓައަށް އެ މެޗުން މޮޅުވާން މަޖުބޫރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.