ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ޕާކިސްތާނުގެ ހަތަރު މީހުންގެ ގްރޫޕެއް ހައްޔަރުކޮށްފިއެވެ.
މި ހަތަރު ފިރިހެނުން ވެސް މިހާރު ތިބީ ދޫނިދޫ ޖަލުގައި ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އެ އެންމެނަށް ވެސް ތުހުމަތުކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ވިޔަފާރިކުރަން އުޅުމެވެ. އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން ވަނީ ބަންދަށް ފަސް ދުވަސް ދީފައެވެ.
މި މީހުން ހައްޔަރުކޮށްފައި ވަނީ އެމީހުންގެ އަމަލުތައް ހުރިގޮތުން ޝައްކު ކުރެވިގެންނެވެ. އެގޮތުން, ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމުގެ ތުހުމަތުގައި އެމީހުން އައިޖީއެމްއެޗަށް ގެންގޮސް ސްކޭން ހެދިއިރު ހަށިގަނޑު ތެރޭގައި ފޮރުވާފައި ހުރި އެއްޗެހިތަކެއް ހުރިކަން އެނގިފައި ވެއެވެ.
މި ހަތަރު މީހުން ވެސް މިވަގުތު ތިބީ ދޫނިދޫ މެޑިކަލް ކްލިނިކުގައެވެ. ބެލެވޭ ގޮތުގައި އެއީ ހަށިގަނޑު ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި ބޭރު ކުރުމަށްޓަކައެވެ.
އެ ހަތަރު މީހުންގެ ބަންދަށް މުއްދަތު ޖަހައި ނެރުނު ކޯޓު އަމުރުގައި ވަނީ, އެމީހުން ދޫނިދޫ މެޑިކަލް ކްލިނިކުން ދޫކޮށްލާތާ 24 ގަޑިއިރު ތެރޭ އަލުން ބަންދާމެދު ގޮތެއް ނިންމުމަށް ހާޒިރު ކުރުމަށް އަންގާފައެވެ.
ކޮމެންޓު ފޮނުވާ