ރިފްޢަތުގެ އިތުބާރުނެތް މައްސަލަ މާދަމާ، އެމްޑީޕީން ބުނަނީ ވަކި ނުކުރެވޭނެކަމަށް!

ރިފްޢަތުގެ އިތުބާރުނެތް މައްސަލަ މާދަމާ، އެމްޑީޕީން ބުނަނީ ވަކި ނުކުރެވޭނެކަމަށް!

Author
މުޙައްމަދު ޝަޒައިމް
30 މެއި 2023 08:23
0

ބަންޑާރަނައިބު އިބްރާހިމް ރިއްފަތު މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

ރައްޔިތުން މަޖިލީހުގެ މަދުވެގެން ދިހަ މެންބަރުން ސަބަބު ބަޔާންކޮށް ސޮއި ކޮށް ވަޒީރުންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅޭނެއެވެ. ބަންޑާރަ ނައިބު ރިއްފަތުގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށަހެޅުނީ، ރާއްޖެއާއި ޗާގޮސްއާ ދެމެދުގައިވާ ކަނޑުގެ ފުށުއަރާ ސަރަހައްދުގެ މައްސަލާގައެވެ.

މާދަމާއަށް މި މައްސަލަ އެޖެންޑާކުރައްވާފައިވާއިރު، މައްސަލައަށް ޖަވާބުދާރީވުމަށް ބަންޑާރަ ނާއިބަށް 30 މިނެޓުގެ ވަގުތެއް ދެއްވުމަށް މަޖިލީހުގެ އާއްމު ކޮމިޓީން ވަނީ ނިންމަވާފައެވެ.

ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ގުޅޭގޮތުން ވެރިކަންކުރާ މައި ޕާޓީ އަދި މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީންވެސް ވަނީ ބަންޑާރަ ނައިބު އިބްރާހީމް ރިފްޢަތުގެ މައްޗަށް އެޕާޓީގެ ފުރިހަމަ އިތުބާރު އެބައޮތްކަމަށް ހާމަކޮށްފައެވެ. އެމްޑީޕީން ބުނީ ރާއްޖެ އާއި ޗާގޮސްއާ ދެމެދުގައިވާ ކަނޑުގެ ފުށުއަރާ ސަރަހައްދުގެ މައްސަލާގައި ދިވެހި ސަރުކާރުގެ ފަރާތުން ބަންޑާރަ ނައިބު ވަކާލާތުކުރައްވާފައި ވަނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތަށް އިސްކަން ދެއްވައިގެން ކަމަށެވެ.

ބައިނަލްއަގުވާމީ ހަމަތަކުގެ މަތިން އިން ވަކިކުރެވިފައިވާ ފުރިހަމަ ގައުމެއްގެ ގޮތުގައި ކަނޑައެޅި ދިވެހިރާއްޖެއަށް ބޮޑުބައި ލިބޭ ގޮތަށް ބައިނަލްއަޤްވާމީ ޓްރަބިއުނަލް، އިޓްލޮސްއިން ނިމިގެން ދިއުމަކީ ބަންޑާރަ ނައިބުގެ ޓީމުން ދިވެހި ދައުލަތުގެ ހައްގުގައި ކުރެއްވި އިޚްލާސްތެރި އަދި ކާމިޔާބީ ހާސިލްވި މަސައްކަތެއް ކަމަށް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީން ވަނީ މަޖިލީހަށް ހުށަހަޅުއްވާފައިވާ، އިތުބާރު ނެތް މައްސަލަތަކުގެ ތެރެއިން ބަންޑާރަ ނައިބް އިބްރާހިމް ރިފްއަތާއި ޚާރިޖީ ވަޒީރު ޝާހިދު ދިފާޢުކޮށް މަޖިލީހުގެ ނައިބް ރައީސް އީވާ މަޤާމުން ވަކި ކުރެއްވުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ތްރީލައިން ވިޕެއް ނެރެފައެވެ.

ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސް ވާނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ. އެއީ މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން 43 މެމްބަރުންގެ ވޯޓުންނެވެ. ސަރުކާރަށް ތާއިދު ކުރާ މަޖިލިސް މެންބަރުންގެ އަދަދު އަދިވެސް 50 އަށް ވުރެ ގިނައެވެ. އެހެންކަމުން ސަރުކާރަށް ތާއިދު ކުރާ މެންބަރުންގެ ތެރެއިން މެންބަރުންތަކެއްގެ ތާއިދު ނެތި ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފާހެއް ނުވާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.