ގޭސްޓްރިކަށް ޖަހާ އިންޖެކްޝަނެއްގެ ބެޗެއްގައި މައްސަލަ އެއް ހުރުމުން އެކަން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ސަމާލުކަމަށް ގެނެސްފިއެވެ.
އެމްއެފްޑީއޭއިން ބުނެފައިވަނީ، އެސިލޮކް (ރެނިޓިޑިން އިންޖެކްޝަން)ގެ ބެޗަކުން ކޮލިޓީގެ މައްސަލަތަކެއް ފެނިފައިވާ ކަމަށެވެ. އެހެންކަމުން އެ ވައްތަރުގެ ބެޗު ނަމްބަރު RP21311 ރާއްޖެ އެތެރެކޮށް، ވިއްކުން އަދި ބޭނުން ކުރުމަކީ މަނާކަމެއް ކަމަށެވެ.
އެމްއެފްއޭޑީއޭ އިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ރާއްޖެ އެތެރެކޮށް ބޭނުންކުރަމުންދާ ރެނިޓިޑައިން އިންޖެކްޝަންގެ އާރުޕީ 21311 ބެޗްގެ ކޮލިޓީގައި ފާހަގަކުރެވޭ މައްސަލައެއް ދިމާވެފައިވާ ކަމަށެވެ.
އެހެންކަމުން ރެނިޓިޑައިންގެ މައްސަލަ ދިމާވި ބެޗް، ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި ބޭނުން ކުރުން ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ މަނާކޮށްފައެވެ. އެ ބޭހުގެ ކޮލިޓީ ދަށްވި ބެޗް އެއްވެސް ފާމަސީއެއް ނުވަތަ ސިއްހީ ހިދުމަތްދޭ ތަނެއްގައި ހުރި ނަމަ ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހޮޓްލައިން ނަމްބަރު 7200321 އަށް ގުޅައި އެކަން އެންގުމަށް ވަނީ އެދިފައެވެ.
ފުޑް އެންޑް ޑްރަގް އޮތޯރިޓީން އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެ އިންޖެކްޝަން އުފައްދާފައިވަނީ އަވަށްޓެރި އިންޑިއާގެ އިމްދާބާދުންނެވެ. އެގޮތުން އެ އިންޖެކްޝަނަކީ 25 މިލިގްރާމްގެ އިންޖެކްޝަނެކެވެ. އެ ބެޗް އުފައްދާފައިވަނީ 2021 ވަނަ އަހަރުގެ ތެރޭގައެވެ. އަދި މުއްދަތު ހަމަވަނީ 2024 ވަނަ އަހަރުގެ ތެރޭގައެވެ.
ރާއްޖެ އަށް އެތެރެކުރާ ބައެއް ބޭހުގައި ތަފާތު އެކި މައްސަލަތައް މީގެ ކުރިން ފާހަގަ ކުރެވިގެން އެބޭސް ބޭނުން ކުރުން ހުއްޓާލުމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އަންގާފައިވެއެވެ. އޭގެ ތެރޭގައި އިންޑިޔާގެ ބެކްސްޓަރ ކުންފުނިން އުފައްދާފައިވާ ރިންގަރލެކްޓޭޓް އައިވީގެ ދެބެޗަކުން ކަޅުކުލައިގެ އެތިކޮޅުތަކެއް ފެނުމާއި ގުޅިގެން އެބްރޭންޑްގެ އައިވީ ބޭނުންކުރުމުގައި ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން މީގެ ކުރިން ވަނީ އިލްތިމާސްކޮށްފައެވެ.
އެފްޑީއޭއިން އެކަމާއި ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކަޅުކުލައިގެ އެތޮކޮޅުތަކެއް ފެނިފައިވަނީ ނަންބަރު 10101192 އާއި 10101199 ބެޗް އިން ކަމަށެވެ. އަދި އެ ދެ ބެޗްގެ އައިވީ، ސިއްހީ ހިދުމަތްދޭ ތަންތަނުންނާއި ފާރމަސީތަކުން ނެގުމުގެ މަސައްކަތް އެ އިދާރާއިން ވަނީ ކޮށްފައެވެ.