ލީގުގެ ފަހު މެޗުގައި ސަންޓަ ކްލާރާ އަތުން 3-0 އިން މޮޅުވެ، ބެންފީކާ އިން ހަތަރު އަހަރަށް ފަހު ޕޯޗުގީސް ލީގުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
ބެންފީކާ އިން ރޭގެ ކުރިން، އެންމެ ފަހުން ޕޯޗުގީސް ލީގާގެ ޗެމްޕިއަންކަން ހޯދީ 2018-19 ވަނަ ސީޒަނުގައެވެ. މި ފަހަރުގެ ލީގު ތަށްޓާ އެކު، ބެންފީކާ އިން ޕޯޗުގަލްގެ ލީގު ތަށި ހޯދި އަދަދު މި ވަނީ 38 އަށް އަރައިފައެވެ.
ރޭގެ މެޗަށް ނުކުތްއިރު ވެސް ބެންފީކާ އަށް މޮޅުވެގެން ތަށި ހޯދޭނެކަން އޮތީ ޔަގީންވެފަ އެވެ. އެންމެ ފަހުގެ ޗެމްްޕިއަން، ޕޯޓޯ އަށް ތަށި ދިފާއުކުރުމުގެ ފުރުސަތެއް އޮތީ ބެންފީކާ ބަލިވެގެންނެވެ. ބެންފީކާ އިން ލީގު ނިންމާލީ 34 މެޗުން 87 ޕޮއިންޓާ އެކުއެވެ. ޕޯޓޯ އަށް ލިބުނީ 34 މެޗުން 85 ޕޮއިންޓެވެ. ޕޯޓޯ ވަނީ ރޭ ކުޅުނު މެޗުން ވިޓޯރިއާ ގިމަރޭސް އަތުން 3-0 އިން މޮޅުވެފައެވެ.
ލީގުގެ ފުލުގައި އޮތް ސަންޓަ ކްލާރާ ދަނޑުގައި ރޭ ބެންފީކާގެ ގޯލުތައް ޖެހީ ގޮންޒާލޯ ރާމޯސް އާއި ރަފާ ސިލްވާ އަދި އަލެކްސް ގްރިމާލްޑޯއެވެ. މި މެޗުގައި ބެންފީކާ އަށް އިތުރު ގޯލުތަކެއް ޖަހަން ވެސް ފުރުސަތުތަކެއް ލިބިގެންދިޔަ ނަމަވެސް އޭގެއިން ބޯޅައެއް ގޯލަށް ފޮނުވާނުލެވުނެވެ.
މިއީ، ބެންފީކާގެ ކޯޗުު ރޮޖާ ޝްމިޑްޓްގެ ކޯޗިން ކެރިއަރުގައި ލީގު ތަށި ހޯދި ދެ ވަނަ ފަހަރެވެ. މީގެ ކުރިން އޭނާ ވަނީ ރެޑްބުލް ސަލްޒްބާގްގެ ކޯޗަކަށް ހުރެ 2014 ވަނަ އަހަރު އޮސްޓްރިއަން ބުންޑަސްލީގާގެ ތަށި ހޯދައިފައެވެ.
މި ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ވާދަކުރި ބެންފީކާ އިން މުޅި ސީޒަނުގައި ބަލިވީ ހަތަރު މެޗުންނެވެ. އެ ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ބަލިވީ މިދިޔަ އޭޕްރީލް މަހުގެ ނުވަ ދުވަސް ތެރޭގައެވެ.
ކޮމެންޓު ފޮނުވާ