ވަގު ޓީޓީ ބޭނުންކޮށްގެން ރާއްޖެއަށް މުދާ އެތެރެކުރުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިހުރި ހުސައިން ޝިފާއު ކުރިމިނަލް ކޯޓުގެ އަމުރަށް ރޭ ބަންދުން ދޫކޮށްލައިފިއެވެ.
ރޭ ކޯޓުން އޭނާ ދޫކޮށްލާފައިވަނީ މުޖުތަމައަށް ނުރައްކަލެއް ނެތް ކަމަށް ބުނެއެވެ.
ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ މީހުން އަތުން ފައިސާ ނަގައި މަކަރު ހެދުމަށް ފަހު ފިލައިގެން އުޅޭތީ 2021 ވަނަ އަހަރު ފުލުހުން ހޯދަން އިއުލާނު ވެސް ކޮށްފައިވާ މީހެއް ކަމަށްވާ ޝިފާއު ފާއިތުވި ފެބްރުއަރީމަހުގެ 28 ވަނަ ދުވަހު ހީލަތުގެ އެހެން މައްސަލައެއްގައި ހައްޔަރުކޮށް ބަންދު އިތުރުކުރުމަށް ކޯޓަށް ގެންދިއުމުން ފުލުހުން ވަނީ މައްސަލައިގެ ބައެއް ތަފްސީލް އޭރު ހާމަކޮށްފައެވެ.
އޭނާ ބަންދުކުރުމަށް ކޯޓުން މީގެ ކުރިން ކޮށްފައިވާ އަމުރުގައި ވާގޮތުން އޮޅުވާލައިގެން ރާއްޖެ އެތެރެކޮށް ވިއްކަމުން އޭނާ ގޮސްފައިވަނީ މޭވާއާއި ތަރުކާރީއެވެ. އެ މައްސަލާގައި ހިމެނޭ ތަކެތީގެ އަގު ތިން މިލިއަން ރުފިޔާއަށް ވުރެ މަތިވާނެ ކަމަށް ކޯޓު އަމުރުގައިވެއެވެ.
ނަމަވެސް އޭނާ ފޮނުވި ޓީޓީތަކުގައި ބޭނުންކޮށްފައިވަނީ އަމިއްލަ ނަމާއި އޭނާ ކުރާ ވިޔަފާރިއަށް ނިސްބަތްވާ ނަމެވެ. އަދި ބޭރުގެ ވިޔަފާރިވެރިންނާ އޭނާ މުއާމަލާތް ވެސް ކޮށްފައި ވަނީ އަމިއްލަ ނަމާއި އަމިއްލަ މޯބައިލް ފޯނު ނަންބަރެވެ.
ކޯޓުގައި ފުލުހުން ބުނެފައިވާ ގޮތުން، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ އިތުރު މައްސަލަތަކެއް ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އަދި ފޯޖަރީގެ މައްސަލާގައި ވެސް އިތުރު ބަޔަކު ޝާމިލްވާ ކަމަށް ބެލެވޭ ކަމަށް ފުލުހުން ވަނީ ކޯޓުގައި ބުނެފައެވެ.
އޭނާ ކޯޓު އަމުރަށް ދޫކޮށްލާފައިވާއިރު، ޕީޖީންވަނީ އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނަވަރުގެ ދައުވާ އޭނާގެ މައްޗަށް ކޮށްފައެވެ. އެ ދައުވާތައް ސާބިތުވެއްޖެ ނަމަ 38 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ކޮމެންޓު ފޮނުވާ