ތުރުކީގެ ވާދަވެރި އިންތިޚާބުގެ ފަހު ބުރު މާދަމާ

ތުރުކީގެ ވާދަވެރި އިންތިޚާބުގެ ފަހު ބުރު މާދަމާ

މިމަހުގެ ކުރީކޮޅު ބޭއްވުނު ތުރުކީގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެނޑިޑޭޓަކަށް 50 އިންސައްތައާއި އެއްވޯޓަށްވުރެ އިތުރަށް ވޯޓު ނުހޯއްދެވުމާއި ގުޅިގެން އެގައުމުގެ ގާނޫނު އަސާސީގައި ބުނާ ގޮތުގެ މަތިން ބާއްވާ، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު މާދަމާ ބޭއްވޭނެއެވެ.

މިބުރުގައި ވާދަކުރުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 14ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބުގައި އެންމެ މަތިން ވޯޓު ހޯއްދެވި ދެ ކެނޑިޑޭޓުން ކަމަށްވާ މިހާރުގެވެސް ރައީސް ތައްޔިބު އެރެދޮގާންއާއި، އޭނާއާއި ވާދަކުރައްވާ، އިދިކޮޅު އިއްތިހާދުގެ ކެނޑިޑޭޓް ކަމާލް ކިލިކްޑަރޮގްލޫއެވެ.

މިއިންތިޚާބު ތުރުކީގައި ބޭއްވިގެން މިދަނީ ތުރުކީގެ ފަހުގެ ތާރީޚެއްގައި އެގައުމަށް އައި އެންމެ ވަރުގަދަ ބިންހެލުމުގައި، އެގައުމުގެ ދެކުނުގައި 50،000 މީހުން މަރުވެ، 5.9 މިލިއަން މީހުން ގެދޮރި ނެތިގެން ދިޔަތާ 4 މަސް ފަހުންނެވެ.

އަދި ހަމަ އެއާއެކު އެގައުމަށް އިގްތިސާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައިވެސް މެއެވެ. މިއިންތިޚާބު ވެފައިވަނީ 20 އަހަރަށްވުރެ ދިގު މުއްދަތަކަށް ތުރުކީގައި ވެރިކަން ކުރައްވަމުން ގެންދަވާ ތައްޔިބު އެރެދޮގާންއަށް ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި އެންމެ ގޮންޖެހުން ބޮޑު އިންތިޚާބު ކަމުގައެވެ.

މިމަހުގެ 14 ގައި ބޭއްވުނު، އިންތިޚާބުގެ ފުރަތަމަ ބުރުގައި %90 އަށްވުރެ ގިނަ މީހުން ވޯޓު ލާފައިވާކަމަށް އެގައުމުގެ ސުޕްރީމް އިލެކްޝަން ކައުންސިލުން ބުނެފައި ވެއެވެ.

މިއިންތިޚާބުގައި ފުރަތަމަ ބުރުގައި އެންމެ މަތިން ވޯޓު ހޯއްދަވާފައިވަނީ މިހާރުގެވެސް އެގައުމުގެ ރައީސް އެރެދޮގާންއެވެ. އޭނާ އިންތިޚާބުގެ ފުރަތަމަ ބުރުން 49.52 އިންސައްތަ ވޯޓު ހޯއްދެވިއިރު، އެރެދޮގާންއާއި ވާދަކުރެއްވި، 6 ޕާޓީއެއްގެ މައްޗަށް އެކުލެވޭ އިދިކޮޅު އިއްތިހާދުގެ ކެނޑިޑޭޓް ކިލިކްޑަރޮގްލު އަށް ކާމިޔާބު ކުރެއްވުނީ 44.88 އިންސައްތަ ވޯޓެވެ. ތިންވަނަ ހޯއްދެވި ސިނާން އޯގަންއަށް ކާމިޔާބު ކުރެއްވުނީ 5.17 އިންސައްތަ ވޯޓެވެ.

ތުރުކީގެ ގާނޫނު އަސާސީ ބުނާގޮތުން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން އެއްވެސް ކެނޑިޑޭޓަކަށް 50 އިންސަތައާއި އިތުރު 1 ވޯޓު ނުލިބިއްޖެނަމަ އެންމެ މަތިން ވޯޓު ހޯއްދެވި ދެ ކެނޑިޑޭޓުންގެ މެދުގައި ދެވަނަ ބުރެއް ބާއްވަން ޖެހެއެވެ.

ތުރުކީގެ ރައީސް އެރެދޮގާން ބަލިކުރުމަށް 6 ޕާޓީއެއް އެކުވެގެން އުފައްދާފައިވާ ކޯލިޝަންއިން ދެވަނަ ބުރާއި ކުރިމަތި ލާއިރު، ފުރަތަމަ ބުރުގައި 3 ވަނަ ހޯއްދެވި ސިނާން އޯގަން އެރެދޮގާންއަށް ތާއިދު ކުރާކަން ހާމަ ކުރުމާއި ގުޅިގެން، ދެވަނަ ބުރު ފަސޭހަމަކާއެކު އެރެދޮގާން ކާމިޔާބު ކުރާނެކަމަށް މިހާރުވަނީ ބެލެވިފައެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުގައި 3 ވަނަ ހޯއްދެވި އޯގަން ވިދާޅުވެފައިވަނީ ދެވަނަ ބުރުގައި އޭނާ އެރެދޮގާންއަށް ތާއީދުކުރަން ނިންމީ، މި އިންތިޚާބުގައި އެރެދޮގާންގެ ޕާޓީން ޕާލަމެންޓުގެ މެޖޯރިޓީ ހޯދާފައިވާތީއެވެ.

"އަހަރެމެން ގަބޫލުކުރަނީ މި ނިންމުމަކީ ގައުމަށް ރަގަޅު ނިންމުމަކަށް ވާނެކަމަށް،" އެރެދޮގާންއަށް ތާއީދު ކުރަން ނިންމި ހަގީގީ ސަބަބަކީ މި އިންތިޚާބުގައި އެރެދޮގާންގެ ޕާޓީން ޕާލަމެންޓުގެ މެޖޯރިޓީ ހޯދާފައިވާތީކަން ފާހަގަ ކުރައްވަމުން އޯގަން ވިދާޅުވެފައި ވެއެވެ.

"އަލަށް އިންތިޚާބުވާ ރައީސަކު ގާނޫނު ހަދާ މަޖިލިހުގެ ލީޑަރޝިޕާއެކު ހުންނެވުން ވަރަށް މުހިންމު. އިދިކޮޅު އިއްދިހާދަށް (ކިލިކްޑަރޮގްލުގެ ކޯލިޝަނަށް)، 20 އަހަރު ވެރިކަން ކުރަމުންދާ ޕީޕަލްސް އެލަޔަންސް (އެރެދޮގާންގެ އިއްތިހާދު)ގެ މައްޗަށް ކާމިޔާބެއް ނުހޯދުނު. އަހަރެމެންނަށް ޔަގީންކަމެއް ދެވޭވަރުގެ ކާމިޔާބެ ނުނެރެވުނު."

އޭނާ އިތުރަށް ވިދާޅުވެފައިވާ ގޮތުގައި އެރެދޮގާންއަށް ތާއީދު ކުރަން ނިންމެވީ، "ޓެރަރިޒަމާއި ދެކޮޅަށް" ކުރެވެމުންދާ ހަނގުރާމައަށް ހުއްޓުމެއް އަޔަ ނުދިނުމުގެ މަގުސަދުގައިވެސް ކަމުގައެވެ.

ތުރުކީގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި 3 ވަނަ ހޯއްދެވި ކެނޑިޑޭޓް އެރެދޮގާންއަށް ތާއީދު ކުރަން ނިންމުމުން، 2 ވަނަ ބުރުގައި އިދިކޮޅު އިއްތިހާދުގެ މައްޗަށް އެރެދޮގާން ފަސޭހަކަމާއެކު ކާމިޔާބު ހޯއްދަވާނެކަމަށް މިހާރު ވަނީ ބެލެވިފައެވެ.

އެރެދޮގާން ތުރުކީގެ ވެރިކަމުގައި ހުންނަވާތާ މިހާރު 20 އަހަރުވަނީ ވެފައެވެ.

މިއިންތިޚާބުގައި އެރެދޮގާންއާއި ދެކޮޅަށް ވާދަކުރަމުންދާ އިނދިކޮޅު ކެނޑިޑޭޓް ކަމާލް ކިލިކްޑަރޮގްލޫ ނިސްބަތްވަނީ މީގެ 100 އަހަރު ކުރިން އުފައްދާފައިވާ، ޒަމާނީ ތުރުކީގެ ބާނީ މުސްތަފާ ކަމާލް އަޓާޓޫކުގެ ޕާޓީއަށެވެ. އޭނާއަކީ ތުރުކީއަކީ ސެކިއުލާ (ދީނާއި ސިޔާސަތު ވަކިވެފައިވާ) ގައުމެއްގެ ގޮތުގައި ބައްޓަން ކުރި ލީޑަރެކެވެ.

އެހެންނަމަވެސް އެރެދޮގާން މީގެ 20 އަަހަރު ކުރިން ވެރިކަމަށް ވަޑައިގެންނެވުމަށްފަހު، އޭނާގެ އިސްލާމީ އުސޫލުތަަކަށް ތާއީދުކުރާ ޕާޓީން ވަނީ ތުރުކީއަށް ބޮޑެތި ބަދަލުތައް ގެންނަވާ، އެގައުމަކީ އިސްލާމީ އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ ގައުއްގެ ގޮތުގައި ބޮޑެތި ބަދަލުތަކެއް ގެންނަވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. މާމްއަހޯހުތުރުކީގެވެރިކަންއުރުދުވާންދެއްވާށި އާމީން

Leave a Reply

Your email address will not be published. Required fields are marked *