ތަރައްޤީގެ 7 ހުށަހެޅުމެއް ނިލަންދޫ ކައުންސިލުން ރައީސަށް

ތަރައްޤީގެ 7 ހުށަހެޅުމެއް ނިލަންދޫ ކައުންސިލުން ރައީސަށް

Author
މުޙައްމަދު ޝަޒައިމް
27 މެއި 2023 01:38
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރައްވާ ކޮމިޓީއާ ބައްދަލު ކުރެއްވުމުން ތަރައްޤީއަށް ބޭނުންވާ 7 ހުށަހެޅުމެއް ރައީސަށް ހުށަހަޅައިފިއެވެ.

މިބައްދަލުވުން ފެއްޓެވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށާއި އެމަނިކުފާނުގެ އަރިހުގައި އެރަށަށް ދަތުރުކުރެއްވި ވަފުދަށް ފުރިހަމަ އިންތިޒާމްތަކެއް ހަމަޖައްސައިދެއްވިކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި ކައުންސިލާއި ބައްދަލު ކުރެއްވުމުގެ ކުރިން ރައްޔިތުންނާއިއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައި ރަށުގެ ރައްޔިތުން ބޭނުންވެފައިވާ މުހިއްމު ގިނަ ކަންތައްތަކެއް ހުށައަޅުއްވާފައިވާކަން ފާހަގަކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރަށުކައުންސިލުން ވަނީ، ރައްޔިތުންނަށް ބޭނުންވެފައިވާ ތަފާތު ހަތްކަމެއް ރައީސުލްޖުމްހޫރިއްޔާ އާއި ޙިއްޞާކުރައްވާފައެވެ. މިކަންތައްތަކުގެ ތެރޭގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ހުރި ދަތިތައް ނައްތައިލުމާއި، ގިރާސަރަހައްދު ޙިމާޔަތް ކުރުމާއި، ކައުންސިލްއިދާރާގެ އައުއިމާރާތެއް އެޅުމާއި، ފުލުހުންގެ މަރުކަޒެއް ބިނާކުރުމާއި، އަދި ސިއްޙީ ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ޑަޔަލަސިސް ހެދޭނެ ގޮތާއި، ހޮސްޕިޓަލްގައި އައިސީޔޫއެއް ޤާއިމްކުރުމާއި، އިންޖީނުގެ ރީލޮކޭޓްކުރުމާއި، ފެރީގެ ނިޒާމްގެ ޚިދުމަތް އިތުރަށް ރަނގަޅު ކުރުމާއި، ޤުރުއާނާއި ބެހޭ މަރުކަޒުގެ ގޮފި ހިންގުމުގައި ދިމާވެފައިވާ ޢިމާރާތުގެ ދަތިކަން ހިމެނެއެވެ. މީގެ އިތުރުން، ނިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ވަނީ، ކޮމިޓީ އެކުލެވިފައި އޮންނަ ގޮތުން، ކޮމިޓީ ހިންގުމުގައި ހުރި ދަތިތައް ފާހަގަކުރައްވައި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ގެނދިޔުމަށްޓަކައި އެމައްސަލަތައް ހައްލުކުރުމަށް ބޭނުންވާކަން ފާހަގަކުރައްވާފައެވެ.

ކައުންސިލުން ފާހަގަކުރެއްވި ކަންކަމާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރަށުގެ ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަން ސަރުކާރުގެ ކަމާއި ގުޅުން ހުރި މުއްސަސާތަކާއި ގުޅިގެން އަވަސްކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. މިގޮތުން ފުލުހުންގެ މަރުކަޒާއި ކައުންސިލް އިދާރާގެ އައު އިމާރާތް އެޅުމުގެ މަސައްކަތުގައި އިސްކަންދެއްވައި، ބަނދަރާއި، އިންޖީނުގެ ބަދަލުކުރުމުގެ މަސައްކަތްވެސް ކުރިޔަށް ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

ނިލަންދޫ ކައުންސިލާއި، އ.ތ.މ ކޮމިޓިއާއެކު ބޭއްވެވި ބައްދަލުކުރެއްވުމަށް ފަހުގައި، ރައީސުލްޖުމްހޫރިއްޔާ އާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު ވަނީ، ނިލަންދޫގައި ހުންނަ ފ. އަތޮޅު ހޮސްޕިޓަލަށް ޒިޔާރަތްކުރައްވާފައެވެ. މިޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެހޮސްޕިޓަލްގެ ވެރިންނާއި މުވައްޒަފުންނާއި އަދި ހޮސްޕިޓަލުން ޚިދުމަތް ހޯދަމުންގެންދާ އާއްމުންނާއި، ބައްދަލުކޮށްލައްވައި، ހޮސްޕިޓަލުން ދެމުންގެންދާ ޚިދުމަތްތަކާއި ގުޅޭ ގޮތުން މަޢުލޫމާތު އޮޅުން ފިލުއްވަވާފައެވެ.

ފ.އަތޮޅު ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތަށް ފަހުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ، ނިލަންދޫގައި، އަމިއްލަ ފަރާތަކުން ހިންގާ، "ތަދްރީސުލް ޤުރުއާނުލްކަރީމް" ރަސްމީގޮތުން ހުޅުއްވައިދެއްވާފައެވެ. އެޤުރުއާން ކުލާސް ހުޅުއްވައި ދެއްވުމަށް ފަހުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އެޤުރުއާން ކުލާސް ބައްލަވާލެއްވިއެވެ. މިޤުރުއާން ކުލާހަކީ، ހެނދުނު ކުލާހުގެ ނަމުގައި، 1969 ވަނަ އަހަރު ފެށުނު ޤުރުއާން ކުލާހެކެވެ. މިއަދު ރަސްމީކޮށް ހުޅުވި މިޤުރުއާންކުލާހުގެ އައު އިމާރާތުގައި 2 ކުލާސްރޫމް ހިމެނޭއިރު، މިހާރު މިޤުރުއާން ކުލާހުގައި 100 ވުރެ ގިނަ ދަރިވަރުން ކިޔަވަމުން ދެއެވެ.

ރައީސުލްޖުމްހޫރިޔާގެ ދެކަނބަލުން ފ އަތޮޅުގެ ރަށްތަކަށް މިއަދު ފެއްޓެވި ރަސްމީ ދަތުރުފުޅުގައި، މިއަދު މެންދުރުފަހު ވަޑައިގަންނަވާނީ، ފ. ދަރަނބޫދޫއަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ފ. އަތޮޅަށް މިކުރައްވާ ރަސްމީ ދަތުރުފުޅުގައި އެދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.