މަސްވެރިން ނުކުމެ ތިނަދޫ އައިސްޕްލާންޓްގައި ތަޅުއަޅުވައިފި

މަސްވެރިން ނުކުމެ ތިނަދޫ އައިސްޕްލާންޓްގައި ތަޅުއަޅުވައިފި

Author
މުޙައްމަދު ޝަޒައިމް
27 މެއި 2023 11:49
0

ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މަސްވެރިންނަށް މަސްކިރުވޭނެ ގޮތެއް ނެތި، އެރަށުގައި ހުންނަ އައިސް ޕްލާންޓުގައި ތަޅު އަޅުވައިފިއެވެ.

ތިނަދޫ އައިސްޕްލާންޓްގައި މަސްވެރިން ނުކުމެ ތަޅު އަޅުވާފައިވަނީ މަސް ކިރުވޭނެ ގޮތެއް ތިނަދޫއިން ނެތުން ކަމަށާއި، މަސް ކިރުވަން ނަންބަރު ނަގަން ކޫއްޑޫއަށް ދާންޖެހޭ މައްސަލައިގައެވެ.

އެކަމާއި ގުޅިގެން އިއްޔެ ތިނަދޫ މަސްވެރިން ވަނީ އިހުތިޖާޖުކޮށްފައެވެ. އަދި މަސްވެރިންގެ ޑިމާންޑަކީ މިފްކޯގެ ސީއީއޯ އިސްމާއީލް ފައުޒީ ތިނަދޫއަށް އައިސް މަސްވެރިންނާއި ބައްދަލުކުރެއްވުމަށްފަހު މަސްވެރިންގެ ކަންބޮޑުވުންތަކާއި ގުޅޭގޮތުން މަޝްވަރާ ކުރުމެވެ.

މީގެ އިތުރުން ތިނަދޫ އައިސްޕްލާންޓުން ނަންބަރު ލިބޭނެ ގޮތް ހެދުމަށާއި، މަސްކިރުވޭނެ ގޮތެއް ހަމަނުޖެހޭ ހިނދަކު ތިނަދޫ އައިސްޕްލާންޓް ނުހުޅުވޭނެ ކަމަށް އިހުތިޖާޖުގައި މަސްވެރިން ވަނީ ބުނެފައެވެ.

ތިނަދޫ ސަރަހައްދުން މަސްވެރިކަން ކުރާ މަސްވެރިން ކޫއްޑޫއަށް ގޮސް މަސް ކިރުމަށް ބޭނުންވާ ނަންބަރު ނަގައިގެން ކުރަންޖެހޭ ދިގު ދަތުރުގެ ސަބަބުން މަސްވެރިންގެ އަތުން ތެލުގެ ހަރަދު އިތުރުވެގެން ދިއުމާއި މަސްކިރުވުމަށް އިތުރު ވަގުތު ހޭދަވާ މައްސަލައަކީ މަސްވެރިންގެ އަބަދުވެސް އޮތް ކަންބޮޑުވުމެކެވެ.

އިއްޔެ މަސްވެރިން ނުކުމެ އެރަށު އައިސްޕްލާންޓް ތަޅުއެޅުވުމާއި ގުޅިގެން ތިނަދޫ ކައުންސިލްގެ އެދުމުގެ މަތިން މިފްކޯގެ ޓީމެއް މިއަދު މަސްވެރިންނާ ބައްދަލުކުރުމަށް ތިނަދޫއަށް އައުމަށް ހަމަޖެހިފައިވާ ކަމަށް ތިނަދޫ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.