ރިއްފަތުގެ ވަކިކުރުމުގެ މައްސަލަ އަންނަ ބުދަ ދުވަހަށް ތާވަލުކޮށްފި

ރިއްފަތުގެ ވަކިކުރުމުގެ މައްސަލަ އަންނަ ބުދަ ދުވަހަށް ތާވަލުކޮށްފި

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ބަންޑާރަ ނާއިބުގެ ޙައިސިއްޔަތުން އިބްރާހީމް ރިއްފަތު އިސްދައުރެއް އަދާކުރެއްވި ގާނޫނީ ޓީމުން ވަކާލާތު ކުރީ ރާއްޖޭގެ ހިމާޔަތުގައި ނޫން ކަމަށް ބުނެ އޭޖީއާއި ދެކޮޅަށް ހުށައަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ ބުދަ ދުވަހަު ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުން ތާވަލުކޮށްފިއެވެ.

ރާއްޖެއާއި މޮރިޝަސް ދެމެދު އޮތް ފުށުއަރާ ސަރަހައްދު ވަކިކުރުމުގައި ބަންޑާރަ ނާއިބު މަސައްކަތްކުރެއްވީ ދިވެހިންގެ މަސްލަހަތާ ޚިލާފަށް ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނާއި، އެމްޑީޕީ ކުރީގެ ބައެއް މެމްބަރުންނާއި، ޖޭޕީ އަދި އެމްއެންޕީން ގުޅިގެން ވަނީ ބަންޑާރަ ނާއިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ.

މި މައްސަލަ ތާވަލުކޮށްފައިވަނީ މެއި މަހުގެ 31 ވާ ބުދަ ދުވަހުގެ މަޖިލިސް ޖަލްސާއަށެވެ. އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ސިޓީއަކުން މެމްބަރުންނަށް އަންގަވާފައެވެ.

މަޖިލީހުން ވަނީ އެ މައްސަލާގައި ޖަވާބުދާރީވެވަޑައިގަތުމަށް ރިފްއަތަށް ނޯޓިސްވެސް ފޮނުވާފައެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސް ފެށުމުގެ ކުރިން ބަންޑާރަ ނާއިބަށް 14 ދުވަހުގެ މުއްދަތެއް ދޭން ޖެހެއެވެ.

އިދިކޮޅުން ބުނާގޮތުގައި މި މައްސަލަ ހުށަހަޅާފައިވަނީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ހިމާޔަތްކުރުމުގައި އިހުމާލުވެފައިވާކަމަށް ބެލެވޭތީއެވެ. އަދި ރާއްޖޭގެ މަސްލަހަތު ހިމާޔަތްކުރުމަށްކަމަށް ބުނެ ބަންޑާރަ ނާއިބު އަމަލުކުރައްވާފައިވަނީ އެެހެން ބައެއްގެ މަސްލަހަތު ހިމާޔަތްކުރުމަށް ކަމަށް ބުނެއެވެ.

އިދިކޮޅުން މި މައްސަލަ ހުށަހެޅުމުން ވެރިކަން ކުރާ މައި ޕާޓީ (އެމްޑީޕީ)ން ވަނީ މިކަން ކުށްވެރިކޮށްފައެވެ. އެމްޑީޕީން ބުނީ ޗާގޯސް މައްސަލައިގައި ބަންޑާރަ ނާއިބު ވަކާލާތުކުރައްވާފައި ވަނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތަށް އިސްކަން ދެއްވައިގެން ކަމަށް އެ ޕާޓީން ގަބޫލުކުރާ ކަމަށެވެ. ބައިނަލްއަގުވާމީ ހަމަތަކުގެ މަތިން، އިން ވަކިކުރެވިފައިވާ ފުރިހަމަ ގައުމެއްގެ ގޮތުގައި ކަނޑައެޅި، ދިވެހިރާއްޖެއަށް ބޮޑުބައި ލިބޭ ގޮތަށް އިޓްލޮސްއިން ނިމިގެން ދިއުމަކީ ބަންޑާރަ ނާއިބުގެ ޓީމުން ދިވެހި ދައުލަތުގެ ހައްގުގައި ކުރެއްވި އިހްލާސްތެރި އަދި ކާމިޔާބީ ހާސިލްވި މަސައްކަތެއް ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *