މި ސަރުކާރުން ކަނޑު ވިއްލާފައިވާކަމަށް ބުނެ، ބައެއް އިދިކޮޅު ޕާޓީތަކުން އެކުލަވާލާފައިވާ ކޯލިޝަންއާއި ގުޅޭގޮތުން ޖޭޕީން ގޮތެއް ނިންމުމަށް ޚާއްސަ ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށް މިއަދަށް އެޖެންޑާ ކޮށްފިއެވެ.
މިއަދު މެންދުރުފަހު 2 ޖަހާއިރު ބޭއްވުމަށް ހަމަޖެހިފައިވާ މި ކައުންސިލް ބައްދަލުވުމުގެ އެޖެންޑާގައި ވާގޮތުން، ތާވަލް ކޮށްފައިވަނީ ޗާގޮސް މައްސަލައާއި ގުޅޭގޮތުން ކައުންސިލަށް ހުށަހެޅިފައިވާ ގަރާރަށް ބަހުސްކޮށް ގޮތެއް ނިންމުނެވެ.
ޗާގޮސްގެ މައްސަލާގައި ޖޭޕީގެ ކައުންސިލްގައި ބަހުސް ކުރުމަށް ތާވަލް ކޮށްފައިވާއިރު އެޕާޓީއަކީ ޗާގޮސްގެ މައްސަލާގައި ސަރުކާރަށް ފާޑު ކިޔަމުން އައިސްފައިވާ ޕާޓީއެކެވެ. އެހެންނަމަވެސް އިދިކޮޅު ފަރާތްތަކުން އުފައްދާފައިވާ ޗާގޮސް ކޯލިޝަންއާއި ރަސްމީކޮށް އެޕާޓީން ގުޅުންކަން ހާމަ ކޮށްފައެއް ނުވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، ޗާގޮސްގެ މައްސަލާގައި އަންނަ ޖޫންމަހު ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު އެއްވުމަށް ޖޭޕީގެ ލީޑަރު ގާސިމް އިބުރާހިމް ތާއީދު ކުރައްވާފައެއް ނުވެއެވެ.
އެހެންނަމަވެސް ބެލެވޭ ގޮތުގައި އެ ކޯލިޝަންއާއި ރަސްމީކޮށް ގުޅުމާއި ގުޅޭގޮތުން މިއަދުގެ ޖޭޕީގެ ކައުންސިލްގައި ބަހުސް ކުރެވިގެން ދާނެއެވެ.
ޗާގޮސްގެ މައްސަލާގައި ސަރުކާރަށް ފާޑު ކިޔަމުންދާ ސިޔާސީ ޕާޓީތަކާއި އަދި ސިޔާސީ ފަރާތްތައް އެކުވެގެން އުފައްދާފައިވާ "ކަނޑު ވިއްކުމާއި ދެކޮޅު" ކޯލިޝަންއިން މިހާރުވަނީ ސަރުކާރުގެ ދެ ވަޒީރެއް ކަމުގައިވާ ފޮރިން މިނިސްޓަރ ޝާހިދާއި ބަންޑާރަނައިބު އިބުރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް ކޯޓަށް ވައްދާފައެވެ.
"ކަނޑު ވިއްކުމާ ދެކޮޅު ކޯލިޝަން"ގެ ނަމުގައި އުފައްދާފައިވާ ޗާގޮސް ކޯލިޝަންގައި އިދިކޮޅު ޕީޕީއެމްއާއި ނޭޝަނަލް ޕާޓީއާއި ޕީއެންސީ ބައިވެރިވެފައިވި ނަމަވެސް، އީސީން މިހާރު އުވާލުމަށް ނިންމާފައިވާ އެމްއާރުއެމްއިންވަނީ މި ކޯލިޝަންގައި ބައިވެރި ނުވާނެކަމަށް ބުނެފައެވެ.