މާލޭގެ ގެއެއްގެ އެޕާޓްމަންޓަކަށް ގްރޫޕަކުން، ވަދެ މާރާމާރީ ހިންގުމަށްފަހު އެއެޕާޓްމަންޓްގައި ހުރި މުދަލަށް ގެއްލުން ދީފައިވާ މައްސަލައާ ގުޅިގެން ހޯދަން އިއުލާނު ކުރި މިހާ އަމިއްލައަށް ފުލުހުންގެ އިދަރާއަށް ހާޒިރުވުމުން ހައްޔަރު ކޮށްފިއެވެ.
މިއީ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގުކުރަމުން އަންނަ މައްސަލައެކެވެ. މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ރ. މަޑުއްވަރީ / ދެތަނޑިމާގެ، އިބްރާހިމް ސަމީން (34އ) އެވެ.
އޭނާ ހޯދަން އިއްޔެ ފުލުހުން އިއުލާނު ކުރިއިރު، ރޭގެ ވަގުތެއްގައި އޭނާ އަމިއްލައަށް ފުލުހުންގެ މައި މަރުކަޒަށް ހާޒިރުވުމުން ވަނީ ހައްޔަރު ކޮށްފައެވެ.
ފުލުހުން ވިދާޅުވީ އޭނާ ހޯދަމުން ދަނީ މެއި 2 ވަނަ ދުވަހުގެ ވަގުތެއްގައި މާލޭގެ ގެއެއްގެ އެޕާޓްމަންޓަކަށް ގްރޫޕެއްގެ ބަޔަކު ވަދެ އެތަނުގައި ދިރިއުޅެމުންދާ މީހަކަށް ތޫނު އެއްޗަކުން ބިރުދައްކައި، ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީ މާރާމާރީ ހިންގުމަށްފަހު އެއެޕާޓްމަންޓްގައި ހުރި މުދަލަށް ގެއްލުން ދީފައިވާ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމަށްޓަކައި ކަމަށެވެ.
ކޮމެންޓު ފޮނުވާ