އަޅުގަންޑު ހުރިތަން އިދާރާތަކަށް އިނގޭނެ، ޖޫން 2 ގައި މާލެ ދެވޭތޯ އެބަ ބަލަން: އައްބާސް

އަޅުގަންޑު ހުރިތަން އިދާރާތަކަށް އިނގޭނެ، ޖޫން 2 ގައި މާލެ ދެވޭތޯ އެބަ ބަލަން: އައްބާސް

Author
އަޒްފާ ރަޝީދު
23 މެއި 2023 05:06
0

ކްރިމިނަލް ކޯޓުގައި ކުރިއަށްދާ މައްސަލައަކާއި ގުޅިގެން ދައުވާ އުފުލާފައިވާ އައްބާސް އާދިލް ރިޒާ ޝަރީއަތަށް ހާޒިރުު ނުވެ، ފިލާފައިވާކަމަށް ބުނެ އޭނާ ހޯދުމަށް ފުލުހުން ފޮޓޯ އާންމު ކުރުމުން އެކަމަށް އޭނާ ރައްދު ދެއްވައިފި އެވެ.

އައްބާސް ހޯދަން ފުލުހުން އިޢުލާންކޮށްފައި ވަނީ ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަންގައި ހުޅު ޖަހަން ގޮވާލި މައްސަލައާއި ގުޅިގެން ބާއްވާ ޝަރީއަތަށް، ހާޒިރުނުވެ، ޝަރީއަތްތައް ކުރިއަށް ނުގެންދެވުމާ ގުޅިގެންނެވެ. އެގޮތުން މީގެ ހަފުތާއެއް ކުރިން ކްރިމިނަލް ކޯޓްގައި ތާވަލުކުރި ޝަރީއަތަށް ވެސް އޭނާ ހާޒިރު ނުވާކަމަށް ކޯޓުން ހާމަކޮށްފައިވެއެވެ.

އައްބާސްގެ މައްޗަށް، ދައުލަތުން އުފުލާފައި ވަނީ ފަނާކޮށްފާނެ ކަމުގެ ބިރު ދެއްކުމުގެ ދައުވާ އެވެ. އެއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އޭނާ ކުރި ޓްވީޓަކާއި ކްލަބް ހައުސްގައި ދެއްކެވި ވާހަކަތަކެއްގައި މާލޭގެ ބައެއް ތަންތަނުގައި ހަމަނުޖެހުން ހިންގައި، ހުޅުޖަހަން ހިތްވަރު ދީފައިވާތީ އެވެ.

އައްބާސް ނެރުނު ބަޔާނެއްގައި ވިދާޅުވީ, ބައްޕަގެ ބޭސްފަރުވާއަށް އޭނާ މިވަގުތު ހުރީ ރާއްޖެއިން ބޭރުގައި ކަމަށާއި ރާއްޖެއިން ފުރީ އޭނާގެ މައްޗަށް ރާއްޖޭގެ އެއްވެސް ކޯޓެއްގައި މައްސަލައެއް ހުށަހަޅާފައި އޮތް ވަގުތަކު ނޫން ކަމަށެވެ. އޭނާ ރާއްޖެއިން ފުރީ ގާނޫނާއި ގަވާއިދުގެ ތެރޭގައިކަން ސަރުކާރުގެ އިދާރާތަކަށް އެނގެން އޮންނާނެ ކަމަށްވެސް ވިދާޅުވި އެވެ. އަދި އޭނާ އަކީ ދައުލަތުގެ އެއްވެސް އިދާރާއަކަށް ފިލައިގެން އުޅޭ މީހެއް ނޫން ކަމަށްވެސް އައްބާސް ވިދާޅުވި އެވެ.

"މި މައްސަލައިގައި އަޅުގަނޑުގެ ދިފާއުގައި ވަކާލާތުކުރަނީ މިއަދާއި ހަމައަށްވެސް ލޯޔަރަކު މެދުވެރިނުކޮށް އަޅުގަނޑު އަމިއްލަޔަށް ކަން ފުލުހުންނަށާއި ޕީޖީއަށް އެނގިތިބެ، އަޅުގަނޑާއި ގުޅޭ ނަންބަރާއި އަޅުގަނޑުގެ އާއިލާގެ މައުލޫމާތު ލިބިތިބެ އަޅުގަނޑު ބަދުނާމުކުރުގެ ބޭނުމުގައި ޝަރީއަތައް ގޮވާ ނުފެނުނު ކަމަށް ހަދައިގެން ސަރުކާރުން ހިންގަމުން ގެންދާ ފިނޑި އަމަލު ކުށްވެރިކުރަން." އައްބާސް ބަޔާނުގައި ވިދާޅުވެފައި ވެ އެވެ.

އައްބާސް ބަޔާނުގައި ވަނީ މިއަދު ރާއްޖޭގައި މިއޮތް "އިންޑިޔާގެ ގޮނޑި ކޮއްކޮ" ސަރުކާރު އޭނާ ބަދުނާމުކުރުގެ ކެމްޕޭނެއް ހިންގަމުން ގެންދަނީ އިންޑިއާގެ އަޅުވެތި ކުރުމުގެ ސިޔާސަތުތަކާއި ދެކޮޅަށް ދައްކަމުންދާ ހޭލުންތެރި ކުރުވުމުގެ އަޑުކަނޑުވާލުމުގެ ނިޔަތުގައި ކަމަށެވެ. އަދި އަންނަ މަހުގެ ދެވަނަ ދުވަހު މާލެ ދެވޭތޯ ބަލަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.