20 އަހަރަށް ފަހު ނިއުކާސަލް ޗެމްޕިއަންސް ލީގަށް

20 އަހަރަށް ފަހު ނިއުކާސަލް ޗެމްޕިއަންސް ލީގަށް

ގުޅުންހުރި

20 އަހަރުގެ ތެރޭގައި ނިއުކާސަލް ޔުނައިޓެޑަށް ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުން ޖާގަ ލިބިއްޖެއެވެ.

ނިއުކާސަލް ޔުނައިޓެޑުން ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކުރީ އިނގިރޭސި ޕްރިމިއަރ ލީގު ތާވަލްގެ ގަދަ ހަތަރެއް ކަށަވަރުކޮށްގެންނެވެ. އަމިއްލަ ދަނޑުގައި ލެސްޓަރ ސިޓީއާ އެއްވަރުވި މެޗަށްފަހު ލީގުގެ ހަތަރަކަށްވުރެ ފަހަތަށް ނުދާނެކަން ނިއުކާސަލްއަށް ވަނީ ކަށަވަރުވެފައެވެ.

މެޗުން ލިބުނު ޕޮއިންޓާއެކު ނިއުކާސަލް އޮތީ 37 މެޗުން 70 ޕޮއިންޓާއެކު ތިންވަނާގައެވެ. ބާކީ އެއް މެޗު އެބައޮތެވެ. ފަސްވަނާގައި އޮތް ލިވަޕޫލަށް 37 މެޗުން ލިބިފައިވަނީ 66 ޕޮއިންޓެވެ. އެހެންކަމުން ނިއުކާސަލްއާ އަރާ ހަމަކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ. އެކަމަކު މެންޗެސްޓަރ ޔުނައިޓެޑް ކުރިއަށް އޮތް ދެ މެޗުން ބަލިވެ, ލިވަޕޫލް މެޗު ކާމިޔާބުކޮށްފި ނަމަ ލިވަޕޫލަށް ޗެމްޕިއަންސް ލީގުގެ ޖާގައެއް ލިބޭނެއެވެ. އެހާލަތުގައި ފުރުޞަތު ގެއްލޭނީ ޔުނައިޓެޑަށެވެ. އެކަމަކު ދެ މެޗުން ޔުނައިޓެޑަށް ޕޮއިންޓެއް ނުލިބުމަކީ ދުރުކަމެކެވެ.

ލީގު ޗެމްޕިއަންސް މެންޗެސްޓަރ ސިޓީން ކަށަވަރުކޮށް, ލީގު ތަށިވެސް ވަނީ އުފުލާލާފައެވެ. ސިޓީއަށްވެސް އަދި ލީގުގައި ބާކީ ދެ މެޗު އެބައޮތެވެ. ޗެމްޕިއަންސް ލީގުގައި މީގެކުރިން ނިއުކާސަލްއިން ވާދަކުރީ 2002/2003 ވަނަ އަހަރުގެ ސީޒަންގައެވެ.

ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަކީ ނިއުކާސަލް އިން ކުރިއަށްދާން ބޭނުންވާ މިސްރާބަށް ދާން ބަލާއިރު، ހާސިލްކުރެވުނު ވަރަށް ބޮޑު ކަމެއް ކަމަށް ނިއުކާސަލްގެ ކޯޗު އެޑީ ހޯވް ވަނީ ބުނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ