ހައްޖާއި އުމްރާއަށްދާ ސިޔާސީ މުވައްޒިފުންނަށް ޗުއްޓީއެއް ލިބޭ ގޮތަށް ހަދައިފި

ހައްޖާއި އުމްރާއަށްދާ ސިޔާސީ މުވައްޒިފުންނަށް ޗުއްޓީއެއް ލިބޭ ގޮތަށް ހަދައިފި

ސިވިލް ސާވިސް މުވައްޒަފުންނާއި ހިލާފަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ސަރުކާރުގެ ސިޔާސީ މަގާމުތައް އަދާ ކުރާ މުވައްޒަފުންނަށް އުމްރާ އަދި ހައްޖަށް ދިއުމަށް ޗުއްޓީއެއް ދޭން ނިންމައި އެ ޤަވަޢިދު މިއަދު ގެޒެޓުކޮށްފިއެވެ.

ރައީސް އޮފީހުގެ ގެޒެޓްގައި ބުނެފައިވާ ގޮތުގައި 2012 ވަނަ އަހަރުގެ ޖުލައި 1 ވަނަ ދުވަހު އަމަލު ކުރަން ފަށާފައިވާ "ސިޔާސީ މުވައްޒަފުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ އަމަލްކުރަންޖެހޭ ގޮތުގެ އުސޫލުގެ " (9) ވަނަ މާއްދާގެ (ހ)ގެ (16) ވަނަ ނަންބަރުގެ ފަހަތަށް (17) ވަނަ ނަންބަރު އިތުރުކޮށް އެ މާއްދާގެ (ރ)ގެ ފަހަތަށް (ބ) އިތުރުކުރުމަށްފަހު މި އުސޫލު އިސްލާހުކޮށްފައިވާކަމަށް ބުނެފައިވެއެވެ. އަދި މިއީ މި ޤަވަޢިދު އިސްލާހުކުރާ 11 ވަނަ ފަހަރުކަމަށްވެސް ބުނެފައިވެއެވެ.

ގެޒެޓް ކޮށްފައިވާ ޤަވަޢިދު ބުނާ ގޮތުން ސިޔާސީ މުވައްޒަފުންނަށް ހައްޖު ޗުއްޓީގެ އިތުރުން އުމްރާއަށް ފުރާ ނަމަ ވެސް ޗުއްޓީއެއް ލިބޭނެއެވެ.

"ސިޔާސީ މުވައްޒަފުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މުވައްޒަފުން އަމަލުކުރަންޖެހޭ އުސޫލު" އަށް މިއަދު ގެނައި އިސްލާހުގައިވާ ގޮތުން އުމްރާއަށް ދާން ބޭނުންވާ ސިޔާސީ މުވައްޒަފުންނަށް 15 ދުވަހުގެ ޗުއްޓީއެއް ހައްގުވާނެއެވެ. މީގެ އިތުރުން މިގަވާއިދުގެ ދަށުން ސަރުކާރުގައި މަސައްކަތް ކުރާ ސިޔާސީ މުވައްޒަފުން ހައްޖަށް ފުރާ ނަމަވެސް 35 ދުވަހުގެ ޗުއްޓީއެއް ދޭންޖެހެއެވެ.

"މީހަކު އަދާ ކުރާ ފުރަތަމަ ހައްޖު ފިޔަވައި އެހެން ހައްޖަކަށް ނުވަތަ އުމުރާއަށް އަހަރީ ޗުއްޓީގައި ނޫން ގޮތަކަށްދާ ނަމަ، ދެވޭނީ އެ ދުވަސްތަކަށް މުސާރަ ނުލިބޭ ގޮތަށް އޮފީހުން ހުއްދަ ލިބިގެން،" އެ ގަވާއިދުގެ ބުނެފައިވެއެވެ.

ސިޔާސީ މުވައްޒަފުންނަށް އުމްރާ ޗުއްޓީ ސަރުކާރުން ހަމަޖެއްސިއިރު ސިވިލް ސާވިސް މުވައްޒަފުންނަށް އުމްރާ ޗުއްޓީއެއް ހަމަޖެހިފައެއް ނޯވެ އެވެ. ސިވިލް ސާވިސްގެ ގަވާއިދުގައިވާ ގޮތުން ފަރުޟު ހައްޖު ނޫން ހައްޖެއް އަދާ ކުރާ ނަމަ ނުވަތަ އުމްރާއަކަށް ފުރާ ނަމަ ދެވޭނީ މުސާރަ ނުލިބޭ ގޮތަށެވެ. އުމްރާ އަށް ވެސް ދެވެނީ މުސާރަ ނުލިބޭ ގޮތަށް ޗުއްޓީއެއް ނަގައިގެނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *