އެއް ސައިކަލެއްގައި ދަތުރުކުރަމުން ދިޔަ ހަތަރު މީހުން ހުއްޓުވާ ސައިކަލް ދުއްވަން އިން މީހާ ޖޫރިމަނާކޮށްފިއެވެ.
ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި ފިރިހެނަކު ސައިކަލް ދުއްވާފައި ދިޔައީ އަންހެނަކާއި ކުޑަ ދެ ކުދިން އަރުވައިގެންނެވެ. ފިރިހެން މީހާ ސައިކަލު ދުއްވަން އިންއިރު އޭނާގެ ކުރީގައި، އަދި އަންހެން މީހާ ފަހަތު ސީޓުގައި އިށީނދެ އިންއިރު އެ މީހުންގެ މެދުގައި ވެސް ކުއްޖަކު އިނެވެ. ބެލެވޭ ގޮތުގައި އެއީ އިންޑިއާ މީހެކެވެ.
ފުލުހުން ބުނީ ހަތަރު މީހުން އަރުވައިގެން ސައިކަލް ދުއްވި މީހާ ހިފަހައްޓައި ޖޫރިމަނާކޮށްފައިވާ ކަމަށެވެ. ރާއްޖޭގައި ދެ މީހުންނަށް ވުރެ ގިނަ މީހުން އަރައިގެން ސައިކަލް ދުއްވުމަކީ މަނާ ކަމެކެވެ.
އާންމުވި ވީޑިއޯ އިން ފެންނަ ގޮތުގައި އެކަން ހިނގާދިޔަ ވަގުތު ގިނަ ބަޔަކު މަގުމަތީގައި ވެސް އުޅެއެވެ. ބަޔަކު އެ މަންޒަރު ވީޑިއޯ ކުރާކަން އެނގުމުން އަންހެން މީހާ، އޭނާ އަޅައިގެން ހުރި ދޯޕައްޓާ އިން ކުއްޖާ ފޮރުވުމަށް ވެސް މަސައްކަތް ކުރެއެވެ.
މިކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ފުލުހުންނަށް އަމާޒުވެފައެވެ.