މަހަކު 8 ޑޮލަރު ދައްކައިގެން ޓުވިޓަރ ބުލޫއަށް ސަބްސްކުރައިބް ކުރާ ފަރާތްތަކަށް 2 ގަޑިއިރުގެ ދިގު ވީޑިއޯ ޓުވިޓަރ ހެންޑްލްއަށް އަޕްލޯޑު ކުރެވޭގޮތް ހަދައިފިއެވެ.
ޓުވިޓަރގެ ވެރިޔާ އެލޮން މަސްކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޓުވިޓަރގެ ނޫ ބެޖަށް ސަބްސްކުރައިބް ކޮށްފައި ތިބޭ ފަރާތްތަކަށް 8 ޖީބީގެ ސައިޒުގެ، 2 ގަޑިއިރުގެ ދިގު ވީޑިއޯ މިހާރު އަޕްލޯޑު ކުރެވޭނެކަމުގައެވެ.
Twitter Blue Verified subscribers can now upload 2 hour videos (8GB)!
— Elon Musk (@elonmusk) May 18, 2023
މީގެ ކުރިން ޓުވިޓަރއަށް އަޕްލޯޑު ކުރެވެނީ އެންމެ ދިގުވެގެންވެސް 10 މިނިޓްގެ ދިގުމިނުގެ ވީޑިއޯއެވެ.
ޓުވިޓަރއިން ގެނައި މި ބަދަލަކީ އެ ޕްލެޓްފޯމަކީ މިހާރަށްވުރެ ބޮޑަށް ހުޅުވާލެވިފައިވާ، އަދި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން މިހާރަށްވުރެ ބޮޑަށް އޮންނަ ޕްލެޓްފޯމަކަށް ހެދުމުގެ މަގުސަދުގައި ގެނެސްފައިވާ ބަދަލެކެވެ.
އެލޮން މަސްކު މީގެ ކުރިންވަނީ، ޓުވިޓަރ ޕްލެޓްފޯމަކީ ދިގު ވީޑިއޯ އަޕްލޯޑު ކުރަން ބޭނުންވާ ފަރާތްތަކަށް ބޭނުންކުރެވޭ ޕެލެޓްފޯމަކަށް ބަދަލު ކުރައްވާނެކަމަށް ވިދާޅުވެފައެވެ.
ޓުވިޓަރއިން މި ގެނައި ބަދަލަކީ އެ ޕްލެޓްފޯމު ބޭނުންކުރަމުންދާ ގިނަ ބަޔަކު މަރުހަބާ ކިޔާނެ ބަދަލަކަށް ވެގެންދާނެކަމަށް ބެލެވެއެވެ. މިގޮތުން ކުރިޔަށް އޮތް ތަނުގައި ދިގު ލެކްޗަރ ތަކާއި، އިންޓަރވިއުތަކާއި އަދި ޑޮކިއުމެންޓްރީތައް ޓުވިޓަރ މެދުވެރިކޮށް ބަލާލެވޭނެއެވެ.
އެހެންނަމަވެސް ޓުވިޓަރއިން މި ގެނައި ބަދަލުތަކާއެކު ބައެއް ފަރާތްތަކުންވަނީ ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ. އޭގެ ތެރޭގައި ބައެއް ފަރާތްތަކުން ދެކޭގޮތުގައި މި ބަދަލުގެ ސަބަބުން ޓުވިޓަރ ޕްލެޓްފޯމު މެދުވެރިކޮށް ނަފްރަތު އުފެއްދުން އިތުރުވެ ރަގަޅު ނޫން މައުލޫމާތު ފެތުރުން އިތުރުވެގެން ދާނެއެވެ.
އެހެންނަމަވެސް އެލޮން މަސްކު ވިދާޅުވެފައިވަނީ ޓުވިޓައަރއަކީ މިނިވަންކަމާއެކު ޚިޔާލު ފާޅުކުރެވޭ ޕްލެޓްފޯމަކަށް ބަދަލު ކުރައްވާނެ ކަމުގައެވެ.