އަންނަ ހަފްތާ ބަންދަށްފަހު ރައީސް ޔާމީންގެ ޢަބްދުލްގައްޔޫމުގެ ކެމްޕެއިން ފެށުމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ނިންމައިފިއެވެ.
ޕީޕީއެމްގެ އޮފީހުގައި ރޭ ކުރިއަށްދިޔަ ޖަލްސާގައި އެކަން ހާމަކުރެއްވީ އިދިކޮޅު ކޯލިޝަން ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމެވެ.
އަދުރޭ ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަތުގެ ކަންކަން އެމަނިކުފާނުގެ ވަކީލުންގެ ޓީމަށް ދޫކޮށްލުމަށްފަހު ކެމްޕެއިނުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް އެދިވަޑައިގަންނަވާފައިވާ ކަމަށެވެ.
ޕީޕީއެމްގެ ލީޑާޝިޕްގެ މެދުގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކަށްފަހު މި ހަފުތާ ބަންދުން ފެށިގެން ކޮންމެ ހަފުތާ ބަންދެއްގައި ވެސް ކޯލިޝަނުގެ ޓީމުތައް އަތޮޅު ތެރެއަށް ދަތުރުކުރުމަށް ނިންމާފައިވާ އަަދުރޭ ވިދާޅުވިއެވެ.
ވ.އާރަށުގެ މައްސަލައިގައި މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުގެ ކުރިން އެމަނިކުފާނު ވަނީ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން ބައެއް އަތޮޅުތަކަށް ވަޑައިގެންފައެވެ.
އެ ދަތުރުފުޅުތަކުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ޕީޕީއެމްގެ ރިޔާސީ މެނިފެސްޓޯއަށް މައުލޫމާތުތައް އެއްކުރުމާއި, ސަރުކާރު ހިންގުމުގެ ދާއިރާއަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭ ގޮތުން ޚިޔާލު ހޯދުން ހިމެނެއެވެ.
ކޮމެންޓު ފޮނުވާ