ޕައިރެޓްސް އޮފް ދަ ކެރީބިއަންގައި ކެޕްޓަން ޖެކް ސްޕެރޯވްގެ ރޯލުން ބޮޑު މަގުބޫލުކަމެއް ހޯދި ހޮލީވުޑްގެ ކުޅަދާނަ އެކަޓަރ ޖޯނީ ޑެޕާއި އޭނާގެ ކުރީގެ އަންހެނުން އެމްބާ ހާޑްގެ މެދުގައި އުފެދިފައިވާ މައްސަލައަށް 2 ތަރިންގެ ފޭނުން ވަދެ، މައްސަލަ އިތުރަށް ހޫނު ވެއްޖެ އެވެ.
ވަރީގެ ހުރިހާކަމެއް 2017 ވަނަ އަހަރު ނިމުނު މި ދެތަރިންގެ ދެމެދުގައި ޖެހިފައި ވާ މައްސަލައަކީ އިނދެގެން އުޅުނު ދުވަސްވަރު ޖޯނީ ޑެޕް އެމްބާއަށް ގެވެށި އަނިޔާ ކުރި މައްސަލައެއް ފެންމަތިވެ، ވޮނަރ ބްރޮސް އާއި އެކު ޖޯނީ ޑެޕް ސޮއިކޮށްފައިވާ ފިލްމެއް އޭނާގެ އަތުން ނެގުމެވެ. ޖޯނީ ޑެޕް އާންމުކޮށްފައިވާ ބަޔާނެއްގައި ވަނީ "ފެންޓާސްޓިކް ބީސްޓްސް 3″ އިން ވަކިވާން ވޮނަރ ބްރޮސް އިން އޭނާ އަށް މަޖުބޫރުކޮށް އެ ފިލްމުން އޭނާ ބޭރުކޮށްފައި ވާކަމަށެވެ.
މި ކަންމިހެން ހިނގުމާއެކު ޑެޕްގެ ސަޕޯޓަރުން ވަނީ، ވޮނަރ ބްރޮސްގެ "އަކުއަމެން" ސީކުއަލުން، އެކްޓަރު އެމްބާ ހާޑް ވަކި ކުރުމަށް ގޮވާލާ ޕެޓިޝަނެއް ހަދާފައެވެ. އަދި މިހާތަނަށް 1.5 މިލިއަން މީހުން މި ޕެޓިޝަންގައި ސޮއިކޮށްފައި ވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. ޑެޕްގެ ސަޕޯޓަރުން ބުނާގޮތުގައި އެ ދެމީހުން ވަރި ވުމަށް ފަހު އެމްބާ އަބަދުވެސް މަސައްކަތްކުރަމުން ދަނީ ޑެޕްގެ ފިލްމީ ހަޔާތް ބަރުބާދު ކޮށްލާށެވެ. އަދި ޑެޕްގެ ބޮލުގައި އަޅުވާފައިވާ އިލްޒާމްތަކަކީ ދޮގު އިލްޒާމްތަކެއް ކަމަށާއި، ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވަނީ އެމްބާ ނޫން ކަމަށާއި ޑެޕް ކަމަށް އޭނާގެ ސަޕޯޓަރުން ގަބޫލުކުރެއެވެ.
މި ޕެޓިޝަނާއެކު "އަކުއަމޭން 2″ ގައި އެމްބާގެ ރޯލު ކުޑަކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނަމުން ދިޔަ ނަމަވެސް އެމްބާ އެކަން ދޮގުކުރެއެވެ. އޭނާ ބުނާގޮތުގައި ލާރި ދީގެން ފަތުރާ ދޮގު ހަބަރުތަކާއި ވާހަކަ ތަކަކުން ވާނެ އެއް ކަމެއްވެސް ނޯންނާނެއެވެ. ނަމަވެސް ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުން އެމްބާ އާއިއެކު ފިލްމުގެ ޕްރޮމޯށަންގެ މަސައްކަތްތައް ނުކުރުން މަޑުޖައްސާލުމަށްވެސް ޕްރޮޑަކްޝަން ހައުސް އިން ވަނީ ނިންމާފައެވެ.
2015 ވަނަ އަހަރުގެ ފެބްރުއަރީ މަހު މި ދެތަރިން ކައިވެނި ކުރުމަށްފަހު، ޑެޕް ކައިރިން ވަރިވުމަށް 2016 ވަނަ އަހަރު މޭ މަހު އެމްބާ ހުށައެޅި މައްސަލާގައި ވެސް ބުނަނީ އޭނާއަށް ޑެޕް އަނިޔާ ކުރާކަމަށެވެ.