ހިލޭ ޑިގްރީ ފުރިހަމަ ނުކުރާނަމަ ޚަރަދުވި ފައިސާ ދައްކަންޖެހޭ ހަރުކަށި އުސޫލެއް އެކުލަވާލައިފި

ހިލޭ ޑިގްރީ ފުރިހަމަ ނުކުރާނަމަ ޚަރަދުވި ފައިސާ ދައްކަންޖެހޭ ހަރުކަށި އުސޫލެއް އެކުލަވާލައިފި

Author
އަޒްފާ ރަޝީދު
14 މެއި 2023 04:43
0

ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމުގައި ބައިވެރިވެ މަގުބޫލު އުޒުރެއް ނެތި އެ ޕްރޮގްރާމް ހުއްޓައިލާނަމަ ސަރުކާރުން އެ ދަރިވަރަކަށް ޚަރަދު ކުރި ފައިސާ އަނބުރާ ދައްކަންޖެހޭ އުސޫލު އެކުލަވާލައިފިއެވެ.

ރައީސް ސޯލިހްގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ހިލޭ ޑިގްރީއަށް ކިޔެވުމުގެ ވައުދު ފުއްދެވުމުގެ ގޮތުން މި ޕްރޮގްރާމް ފެށީ ފެބްރުއަރީ 2019 ގައެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ އާންމުކުރި އާ އުސޫލުގައި ވަނީ ސަރުކާރުން އެ ދަރިވަރަކަށް ޚަރަދުކުރުން ހުއްޓާލާ ހާލަތްތައް ކަނޑައަޅައިފައެވެ. އޭގެ ބައެއް ކަންކަމުގެ ތެރޭގައި ކިޔެވުން ހުއްޓައިލުމާ އެ ކޯހަކުން އެ ދަރިވަރަކު ވަކިކުރުން ހިމެނެއެވެ.

"ފުރަތަމަ ޑިގްރީ ސްކީމުގެ އުސޫލު"ގައިވާ ގޮތުން ފުރަތަމަ ޑިގްރީގައި ސަރުކާރުން ހަރަދުކޮށްގެން ކިޔަވާނަމަ ކޯސް ޑިފާކުރެވޭނީ 12 މަސް ދުވަހަށެވެ. އެއަށްވުރެ ފަސްކޮށްފިނަމަ ކޯސް ދޫކޮށްލީ ކަމަށް ނިންމާ ސަރުކާރުން ކުރި ހަރަދު އަނބުރާ ދައްކަން އަންގާނެ އެވެ. ކުރީގައި ދެ އަހަރު ދުވަހަށް ޑިފާ ކުރެވެ އެވެ.

ދަރިވަރު ސަރުކާރަށް ފައިސާ ދައްކަން ޖެހޭ ހާލަތްތަކަކީ:

  • މަގުބޫލު އުޒުރަކާ ނުލައި ޕްރޮގްރާމް ފުރިހަމަނުކޮށް ހުއްޓައިލުން
  • ދަރިވަރު ޕްރޮގްރާމުން ފެއިލްވެއްޖެކަމަށް މަރުކަޒުން ކަނޑައެޅުން
  • ފުރަތަމަ ޑިގްރީއަކަށްވުރެ ދަށް ސަނަދަކާއެކު ދަރިވަރު ޕްރޮގްރާމުން ވަކިވުން
  • މިނިސްޓްރީއަށް މައުލޫމާތު ނުދީ ސިއްރުކުރުން ނުވަތަ ސައްހަ ނޫން މައުލޫމާތު ދިނުން

ފުރަތަމަ ޑިގްރީއަށް ހުށަހަޅާ ދަރިވަރުންގެ މައުލޫމާތު ފޯމު ފުރިހަމަނަމަ ކުރީގައި ތިން ދުވަސް ތެރޭގައި ޖަވާބު ދިން ނަމަވެސް އާ އުސޫލުގެ ދަށުން ޖަވާބު ދޭނީ 10 ދުވަސް ތެރޭގަ އެވެ.

އުސޫލުގައިވާ ގޮތުން ފައިސާ އަނބުރާ ދައްކަންޖެހޭ ދަރިވަރަކު ފައިސާ ނުދައްކައިފިނަމަ ޝަރުއީ ފިޔަވަޅު އެޅޭނެ ގޮތްތަކެއް ވެސް އުސޫލުގައި ވަނީ ހިމަނާފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ދ ދިވެހި ރައްޔިތުން
350،000 މީހުންގެ ފަރާތުން ތި އުސޫލަށް ތާއީދު