މިލާން ބަލިކޮށް އިންޓަ ފައިނަލާ ގާތަށް

މިލާން ބަލިކޮށް އިންޓަ ފައިނަލާ ގާތަށް

މިލާނުގެ ވާދަވެރި ދެ ކުލަބުގެ ފުރަތަމަ ސެމީ ފައިނަލް 2-0 އިން ކާމިޔާބުކޮށް ޗެމްޕިއަންސް ލީގުގެ ފައިނަލާ ގާތަށް އިންޓަމިލާން ޖެހިލައިފިއެވެ.

މި ދެ ޓީމުގެ ވެސް ދަނޑު ކަމަށްވާ އިޓަލީގެ ސެންސޯރީގައި ކުޅުނު މެޗުގައި އިންޓަގެ ދެ ލަނޑު ވެސް ޖެހީ މެޗުގެ ވަރަށް ކުރީކޮޅު އެވެ. މެޗުގެ ފުރަތަމަ ލަނޑު ކަލްހަނޮގްލޫ ޖެހީ އަށް ވަނަ މިނިޓްގައެވެ. އަދި އޭގެ ތިން މިނިޓް ފަހުން ދެ ވަނަ ލަނޑު ހެންރިކް މިކްތާރިއަން ޖެހީ އޭސީ މިލާނުގެ ޑިފެންޑަރުން ކައިރިން ދެމިގަނެ ކީޕަރަށް އެއްވެސް ފުރުސަތެއްނުދީއެވެ.

ފުރަތަމަހާފުގައި އިންޓަގެ ލައުޓާރޯ މާޓިނޭޒް ވައްޓާލުމުން ރެފްރީދިން ޕެނަލްޓީ ކެންސަލްކުރީ ވީއޭއާރު ބެލުމަށްފަހު މާޓިނޭޒް ވެއްޓިގަތީ ކަމަށް ބަލައިފައެވެ. މި މެޗުގައި އިންޓަގެ ކީޕަރު އަންދްރޭ އޮނާނާ އަށް ވަރުގަދަ ހަމަލާއެއް ދިފާއު ކުރަން ޖެހުނީ މެޗުގެ ފަހު މިނިޓްގައެވެ. މެޗުގެ ބޮޑުބައި ކޮންޓްރޯލްކޮށްގެން ކުޅުނީ އިންޓަމިލާނެވެ.

މިއީ 2005 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ސެމީގައި އޭސީ މިލާން މޮޅުވި ފަހުން މި ދެ ޓީމު މި މުބާރާތުގައި ކުޅޭ ފުރަތަމަ ސެމީ ފައިނަލެވެ. ފައިނަލަށްދާނެ ޓީމެއް ކަށަވަރުކުރަން ސެމީގެ ދެ ވަނަ ލެގު ކުޅޭނީ އަންނަ ހަފުތާގައެވެ. ހަތް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ އަދި މުބާރާތުގެ ދެ ވަނަ އަށް އެންމެ ކާމިޔާބު ޓީމަށް ފައިނަލަށް ދެވޭނީ ސެމީގެ ފަހުމެޗުގައި ތިން ލަނޑުގެ ތަފާތަކުން މޮޅުވެގެންނެވެ.

މި މެޗަށް ނުކުންއިރު އިންޓަގެ ކޯޗު ސިމޯން އިންޒާގީ އޭނާގެ ކުޅުންތެރިންނަށް އިންޒާރުދިނީ ޗެމްޕިއަންސް ލީގުގައި މިލާން މާ ކާމިޔާބު ޓީމަކަށްވިޔަސް އެމީހުންގެ ކުރިމަތީގައި ލަދުން ނުތިބެ ވަރުގަދަ އަށް ކުޅުމަށެވެ.

އިންޓަގެ ފޯވަޑް އެޑެން ޒެކޯ މެޗަށް ފަހު ބުނީ އަވޭގެ މެޗުގައި ގޯލުޖަހައިގެން މޮޅުވުމަކީ ވަރަށް މުހިންމު ކަމެއްކަމަށާއި މިހާރު މުޅި ޓީމަށް ވެސް ފައިނަލާމެދު އިތުބާރު އޮންނާނެ ކަމަށެވެ. އަދި ދެވަނަ ލެގު އުނދަގޫވާނެ ކަމަށާއި އެކަމަކު ފަރުވާބަހައްޓައިގެން ކުޅެފިނަމަ އިންޓައަށް ކާމިޔާބު ލިބޭނެ ކަމާމެދު ޝައްކު ނުކުރާ ކަމަށެވެ.

މުބާރާތުގެ ފައިނަލަށްދާނީ މި ދެ ޓީމުންކުރެ ޓީމަކާއި ސެމީގެ ފުރަތަމަ މެޗުގައި ކުޅު ޗެމްޕިއަން ރެއާލް މެޑްރިޑާއި މެންޗެސްޓާ ސިޓީކުރެ ޓީމެކެވެ. މި ދެ ޓީމު އަންގާރަ ދުވަގުގެ ރޭ ކުޅެ ދެ ޓީމު އެއްވަރުވީ 1-1 ނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *