ފާއިތުވެދިޔަ ދެދުވަހު އިސްރާއީލުން ފަލަސްތީނުގެ ގާޒާއަށް ދެމުންދާ ބޮމުގެ ހަމަލާތަކުގެ ރައްދުގައި ގާޒާއިން އިސްރާއީލަށް ވަރުގަދަ ރޮކެޓް ހަމަލާތަކެއް ދީފިއެވެ.
އިސްރާއީލުން އެންމެ ފަހުން ގާޒާއަށް ދީފައިވާ ބޮމުގެ ހަމަލާތަކުގައި ފަލަސްތީނުގެ ދެމީހަކު ވަނީ ޝަހީދުވެފައެވެ. އެއާއެކު ފާއިތުވެދިޔަ ދެދުވަސްމަތިން އިސްރާއީލުން ގާޒާއަށް ދިފައިވާ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނުގެ އާންމު ރައްޔިތުންގެ އަދަދުވަނީ 20 އަށް އަރާފައެވެ. މީގެ ތެރޭގައި ކުޑަކުދިންވެސް ހިމެނޭއިރު، މި ހަމަލާތަކުގައި 45 މީހަކަވަނީ ޒަޚަމް ވެފައެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ، ގާޒާއިން ފޮނުވި ގިނަ އަދަދެއްގެ ރޮކެޓްތައް އެގައުމުގެ އަޔަން ޑޯމް ޑިފެންސް ސިސްޓަމުން ވައްޓާލާފައިވާކަމުގައެވެ.
ގާޒާއިން ދޭންފެށި ހަމަލާތަކާއެކު، އިސްރާއީލުގެ ވެރިރަށް ޓެލްއަވީވްއާއި އަދި މެދުތެރޭ ސަރަހައްދުތަކުގައި ވަނީ ސައިރެންގެ އިޒާރުތައް އާންމު ކޮށްފައެވެ.
ގާޒާއިން އިސްރާއީލަށް ފޮނުވާލި ރޮކެޓް ހަމަލާތަކަށްފަހު، ހަމާސްގެ ތަރުޖަމާން އަބުދުލްއާތިފް އަލް-ގަނޫ ވިދާޅުވެފައިވަނީ ގަޒާއިން އިސްރާއިލަށް އަމާޒުކޮށް ދީފައިވާ ރޮކެޓް ހަމަލާތަކަކީ އިސްރާއީލުގެ އުދުވާންގެ ރައްދުގައި ދީފައިވާ ގުޅިފައިވާ ހަމަލާތަކެއް ކަމުގައެވެ.
"މި ހަމަލާތަކަކީ ޒަޔަނިސް އިސްތިއުމާރީ ބާރުން ހިންގާފައިވާ ގަތުލުއާންމުގެ ބަދަލުގައި ދިން ހަމަލާތަކެއް،" ހަމާސްގެ ތަރުޖަމާ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވެއެވެ. "ރައްދު ހަމަލާދިނުމަކީ ވާޖިބެއް.. ހަމަލާއަކީ ގުޅިފައިވާ ހަމަލާއެއް،" އޭނާ އިތުރަށް ވިދާޅުވެފައި ވެއެވެ.
ބޭރުގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އިސްރާއީލުން ގާޒާއަށް ދެމުންދާ ހަމަލާތަކާއި ގުޅިގެން ފަލަސްތީނުގެ އެކި ފެކްޝަންތަކުން ވަނީ ގުޅިފައިވާ ބަޔާނެއް ނެރެފައެވެ. މިބަޔާނުގައި ވާގޮތުން، ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދު ކުރަމުންދާ އެކި ފެކްޝަންތަކުން ވަނީ އަލްގުދުސް ބްރިގޭޑްސްގެ ލީޑަރުންތަކެއް އިސްރާއީލުން ޝަހީދު ކޮށްލުމާއި ގުޅިގެން "އޮޕަރޭޝަން ރިވެންޖް އޮފް ފްރީ" (މިނިވަންކަމަށް ބަދަލު ހިފުން) މިނަމުގައި ޚާއްސަ އޮޕަރޭޝަންއެއް ފަށާފައެވެ.
ފަލަސްތީނުގެ ގާޒާ ސްޓްރިޕްއަކީ ފާއިތުވި 15 އަހަރު އިސްރާއީލުން ހިސާރު ކޮށްފައި އޮންނަ އައްސޭރިފަށުގެ ސިޓީއެކެވެ. އަދި މިހާރު މިއީ ދުނިޔޭގަ މިވަގުތު އޮތް އެންމެ ތޮށްޖެހިފައިވާ އެ ސިޓީވެސްމެއެވެ.