މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޝާހިދު ސާބިއާގެ ވެރިރަށް ބެލްގްރޭޑަށް ވަޑައިގެންފިއެވެ.
މިކަމާގުޅިގެން ފޮރިން މިނިސްޓްރީން ބުނީ، މި މަހުގެ 8 ވަނަ ދުވަހުން 10 ވަނަ ދުވަހުގެ ނިޔަލަށް ކުރައްވާ މި ރަސްމީ ދަތުރުފުޅުގައި މިނިސްޓަރ ޝާހިދު، ސާބިއާގެ ފަސްޓް ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި ސާބިއާގެ މިނިސްޓަރ އޮފް ފޮރިންގ އެފެއާޒް އިވިއްސާ ޑޭސިކްއާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަދި އެ ބައްދަލުކުރެއްވުމުގައި ރާއްޖެއާއި ސާބިއާއާ ދެމެދު ރަސްމީ މަޝްވަރާތައް ބާއްވާ މުހިންމު ދާއިރާތަކުން އެއްބަސްވުންތަކެއްގައި ސޮއިކުރާނެކަމަށް މިނިސްޓްރީން ބުނެއެވެ.
ދެ ގައުމުގެ ދެމެދު ގާއިމްކުރާ އެއްބަސްވުންތަކުގެ ތެރޭގައި ވިސާ އެއްބަސްވުމަކާއި، ދެގައުމުގެ ދެމެދު ވިޔަފާރިއާއި އިގްތިސާދީ އަދި އިންވެސްޓްމަންޓްގެ ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭ އެއްބަސްވުން ހިމެނެއެވެ. އަދި ވައިގެ ދަތުރުފަތުރުގެ ދާއިރާއާއި، ޑިޕްލޮމެޓިކް ދާއިރާއިން ތައުލީމުގެ ފުރުސަތުތައް ރާއްޖެއަށް ފަހިކޮށްދިނުމުގެ އިތުރުން ކުޅިވަރުގެ ދާއިރާއިން ފުރުސަތުތައް ފަހިކޮށްދިނުމާ ގުޅޭ އެއްބަސްވުން ހިމެނެއެވެ.
މިއީ މިނިސްޓަރ ޝާހިދު ސާބިއާއަށް ކުރައްވާ ދެވަނަ ރަސްމީ ދަތުރުފުޅެވެ. ރާއްޖެއާއި ސާބިއާ އާއި ދެމެދު ސިޔާސީ ގުޅުން ގާއިމްކުރީ 1975 ވަނަ އަހަރުގެ މާޗް މަހުގެ އެއްވަނަ ދުވަހުގައެވެ.
ކޮމެންޓު ފޮނުވާ