ހިމެނޭޒް ބޮލަށް އަނިޔާވެ ކުއްލި އޮޕަރޭޝަނެއް ކޮށްފި

ހިމެނޭޒް ބޮލަށް އަނިޔާވެ ކުއްލި އޮޕަރޭޝަނެއް ކޮށްފި

Author
އިބްރާހީމް ސާޢިދު
30 ނޮވެމްބަރ 2020 10:07
0

ވުލްވްސްއަށް ކުޅެމުން އަންނަ މެކްސިކޯގެ ފޯވާޑް ރައުލް ހިމެނޭޒްގެ ބޮލުގެ ނާށިގަނޑުގައި ރެނދުލުމާ ގުޅިގެން ކުއްލި އޮޕަރޭޝަނެއް ކޮށްފިއެވެ.

ވުލްވްސްއިން ނެރުނު ބަޔާނެއްގައި ބުނީ ހިމެނޭޒްގެ ބޮލުގެ ނާށިގަނޑުގައި ރެނދުލިކަން އެނގުނީ ހޮސްޕިޓަލަށް ގެންދިޔުމުން ކަމަށާއި، އެއާއެކު ހޯމަ ދުވަހު ކުއްލި އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށެވެ. އަދި އޮޕަރޭޝަނަށްފަހު މިހާރު ހިމެނޭޒް ހޭއަރާފައިވާ ކަމަށާއި، އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ހިމެނޭޒްގެ ބޮލުގެ ނާށިގަނޑަށް އަނިޔާވީ އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ އާސެނަލް އަތުން 2-1 ން ވުލްވްސް މޮޅުވި މެޗުގައެވެ. އާސެނަލުގެ ޑިފެންޑަރު ޑޭވިޑް ލުއިޒް އާއި ހިމެނޭޒްގެ ދެ ބޯ ޖެހިގެން ދެ ކުޅުންތެރިންނަށްވެސް އަނިޔާވިއިރު، ހިމެނޭޒަށް ވަނީ ގާތްގަނޑަކަށް 10 މިނެޓު ވަންދެން ދަނޑުމަތީގައި ފަރުވާދީފައެވެ. އަދި ވަގުތުން ވަނީ ސީދާ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މި އަނިޔާއާ ގުޅިގެން ހިމެނޭޒް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ސީދާ މުއްދަތެއް ވުލްވްސްއިން އަދި ހާމަކޮށްފައެއް ނުވެއެވެ. ހިމެނޭޒް އަންނަނީ މި ސީޒަނުގައި ވުލްވްސްގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން މި ސީޒަނުގެ ޕްރިމިއާ ލީގުގައި ވުލްވްސްއިން މިހާތަނަށް ކުޅުނު 10 މެޗުގައި ހިމެނޭޒް ވަނީ ހަތަރު ލަނޑު ޖަހާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.