ފައިނަލްގައި 2-1 އިން އޮސަސޫނާ ބަލިކޮށް ނުވަ އަހަރުގެ ދިގު މުއްދަތަކަށް ފަހު ރެއާލް މެޑްރިޑުން ސްޕެނިޝް ކަޕް ތަށި އުފުލާލައިފިއެވެ.
ރޭގެ މެޗު ފަށައިގެން 106 ސިކުންތު ތެރޭގައި ރެއާލުން ލީޑުނެގިއެވެ. މިއީ ރެއާލްގެ ވިނީޝިއުސް ޖޫނިއާ އަށް ލިބުނު ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ، އެ ޓީމުގެ ރޮޑްރީގޯ އަށް ދިނުމުން ޖެހި ގޯލެކެވެ. މިއީ ފާއިތުވި 17 އަހަރު ތެރޭ ސްޕެނިޝް ކަޕް ފައިނަލެއްގައި ފެނިގެންދިޔަ އެންމެ އަވަސް ގޯލެވެ. ލީޑުފުޅާކޮށްދޭން ފުރަތަމަ ހާފުގައި ރެއާލްގެ ކެޕްޓަން، ކަރިމް ބެންޒެމާ ޖެހި ބޯޅަ އޮސަސޫނާ ކީޕަރު ސާޖިއޯ ހެރޭރާ ވަނީ މަތަކޮށްފައެެވެ. އޭގެ ފަހުން، ހިލޭ ޖެހުމަކުން ރެއާލްގެ ޓޯނީ ކްރޫސް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.
މަޑުމަޑުން މެޗުގެ ތެރެއަށް ވަދެ، ދެ ވަނަ ހާފްގެ ކުޅުން ފެށިގެން މާގިނައިރެއްނުވެ، އޮސަސޫނާ އިން އެއްވަރުކުރި އެވެ. އެ ޓީމަށް މެޗުގެ 58 ވަަނަ މިނިޓްގައި ގޯލު ޖަހައިދިނީ ލޫކަސް ޓޯރޯއެވެ. އޭރިއާ ރޮނގުކައިރިން ޓޯރޯ އަށް ލިބުނު ބޯޅަ ވަނީ ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިފައެވެ. އެ ބޯޅަ ހުއްޓުވަން ރެއާލްގެ ކީޕަރު ތިބޯ ކޯޓުއާ އަށް ވެސް މާ ބޮޑު ކަމެއް ނުކުރެވުނެވެ.
ރެއާލުން އަލުން ލީޑުނެގީ 70 ވަނަ މިނިޓްގައެވެ. މިއީ ކްރޫސް ޖެހި ބޯޅައެއް ބްލޮކްވެގެން އައިސް އޭރިއާތެރެއިން ރޮޑްރީގޯ އަށް ލިބުމުން އޭނާ ޖެހި ގޯލެކެވެ. ދެ ގޯލުގެ ލީޑެއް ނަގަން ރެއާލަށް ލިބުނު ފުރުސަތުގައި ވިނީޝިއުސް މަސައްކަތް ކުރީ ބެންޒެމާ އަށް ދީގެން ޖެހުމަށެވެ. އެކަމަކު، އޮސަސޫނާގެ ކީޕަރު ހެރޭރާ ވަނީ އެ ބޯޅަ ހުއްޓުވައިފައެވެ.
މިއީ ރެއާލް މެޑްރިޑް މުބާރާތް ކާމިޔާބު ކުރި 20 ވަނަ ފަހަރެވެ. އެންމެ ފަހުން މުބާރާތް ކާމިޔާބު ކުރީ 2014 ވަނަ އަހަރެވެ. ރޭގެ ފައިނަލާ އެކު ރެއާލް ވަނީ 40 ފަހަރު މުބާރާތުގެ ފައިނަލްގައި ކުޅެފައެވެ.